މިދިޔަ މެއި މަހުގެ ހަ ވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ސެކުއިރިޓީ ފޫއަޅުވާލި ގޮތުގެ މައްޗަށް މަޖިލީހުގައި ހިންގާ އިންކުއަރީއަށް އެމަނިކުފާނުގެ ޑްރައިވަރު ހާޒިރުކޮށްފިއެވެ.

"ވަގުތު" އަށް އެނގިފައިވާ ގޮތުގައި، ނަޝީދުގެ ޑްރައިވަރު، އަދި އެމްއެންޑީއެފްގެ ސާޖަންޓް އަބްދުﷲ އައިދު މިއަދު ހެނދުނުގެ ވަގުތެއްގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އަށް ހާޒިރުކޮށްފައެވެ.

ނަޝީދުގެ ޑްރައިވަރު މިއަދު ކޮމިޓީއަށް ހާޒިރުކުރިއިރު، އެމްއެންޑީއެފްގެ ކްލޯސް ޕްރޮޓެކްޝަން ޑިޕާޓްމަންޓްގެ އިސް ކޮމާންޑަރުންނާއި، ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕްގެ ކޮމާންޑަރުންނާއި، އެމަނިކުފާނުގެ ބޮޑީގާޑުން ވެސް މީގެ ކުރިން ކޮމިޓީއަށް ހާޒިރުކޮށްފައިވެއެވެ.

ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލްއާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުލް ރަހީމާއި ނޭޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ) ގެ ވެރިޔާ ޒަކަރިއްޔާ މަންސޫރު ވެސް މީގެ ކުރިން ހާޒިރުކޮށްފައެވެ.

މީގެ އިތުރުން، ފުލުހުންގެ އިންޓެލިޖެންސަށް ނަޝީދަށް ނުރައްކާ އޮތް ކަމުގެ މައުލޫމާތު ނުލިބުން ސާފު ކުރުމުގެ ގޮތުން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދާއި ހަމަލާގެ ތަހުގީގުގެ އިސް އޮފިސަރު އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވެސް ކޮމިޓީއަށް ހާޒިރުކޮށްފައިވެއެވެ.

ރައީސް ނަޝީދުގެ ސެކިއުރިޓީ ފޫއަޅުވާލި ގޮތުގެ މައްޗަށް ހިންގާ މި އިންކުއަރީއަށް އެންމެ ފުރަތަމަ ވަކިވަކި ސިފައިން ހާޒިރުކުރަން ޑިފެންސް މިނިސްޓްރީން ދެކޮޅު ހެދިއެވެ.

އެމްއެންޑީއެފްގެ ވަކިވަކި ސިފައިން ފޮނުވަން ދެކޮޅު ހަދައި ފޮނުވި ލިޔުމުގައި ސޮއިކުރައްވާފައިވާ މިނިސްޓްރީގެ ނައިބު ހަސަން ޒަމީލްގެ މައްޗަށް މަޖިލީހުގެ އިމްތިޔާޒުތަކަށް އަރައިގަތް ކަމުގެ ތުހުމަތުގައި އިމްތިޔާޒް ކޮމިޓީއަށް ހުށަހެޅި މައްސަލަ ވެސް ބޭރުކޮށްލިއެވެ.

މި މައްސަލަ ބޭރުކޮށްލީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަންގަވައިގެން އެމަނިކުފާނުގެ ޅިޔަނު އަދި އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ލޮބީ ކުރައްވައިގެން ކަމުގައި ނަޝީދަށް ތާއީދު ކުރައްވާ މެންބަރުން ވިދާޅުވެއެވެ.

މަޖިލީހުގެ 241 ކޮމިޓީގެ އިންކުއަރީ އަދިވެސް ކުރިއަށްދާއިރު އެމްޑީޕީގެ މެންބަރުންގެ މެދުގައި ވަނީ ނުތަވަނަސް ކަން އިތުރުވެފައެވެ. އެ ޕާޓީގެ އެތެރޭގެ މަސްރަހު އިތުރަށް ހޫނުވެ ޕާޓީ ދެބައިވި ކަމުގައި އެއްބަސްވެވަޑައިގެން ބައެއް މެންބަރުން ޓްވިޓާގައި ވަނީ ވާހަކަ ވެސް ދައްކަވައިފައެވެ.