ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މެއި މަހުގެ 06 ވަނަ ދުވަހުގެ ރޭ ދިން ހަމަލާ އާއި ގުޅިގެން ކ.މާފުށި ޖަލުގައި އޮޕަރޭޝަން ގެންދިޔައިރު، އަމިއްލަ ނަފުސަށް ގެއްލުން ދިން ގައިދީއަކު އިތުރު ފަރުވާ ދިނުމަށް މާލެ ގެނެސްފިއެވެ.

ނަޝީދަށް އަމާޒުކޮށް ދިން ނިރުބަވެރި ހަމަލާއާއި، އަދި ހަރުކަށި ފިކުރާ ދެކޮޅަށް ފުލުހުންނާއި ސިފައިން ހިންގަމުންދާ އޮޕަރޭޝަންނާ ގުޅިގެން މާލޭ ޖަލާއި މާފުށީ ޖަލުގައި ތިން މުވައްސަސާ ގުޅިގެން ހާއްސަ އޮޕަރޭޝަން އެއް ފެށީ މިއަދު ހެނދުނުއެވެ.

މި އޮޕަރޭޝަންގެ ތަފްސީލު ހިއްސާ ކުރައްވަމުން ފުލުހުން ވިދާޅުވީ، އެ އޮޕަރޭޝަންގައި ނުކިޔަމަންތެރިކަން ދެއްކުމުގެ ސަބަބުން ބިޑި އަޅުވާފައި އިން ގައިދީއަކު، ސިމެންތި އައްޓެއްގަައި އަމިއްލައަށް ބޮލުން ޖަހައި އަމިއްލަ ނަފުސަށް ގެއްލުން ދިނުމާ ގުޅިގެން ފަރުވާ ދިނުމަށް މާލެ ގެނެސްފައިވާ ކަމަށެވެ.

އަދި އެ އޮޕަރޭޝަންގައި ފުލުހުން ބަލާފާސްކުރި ގޮޅިތަކުން، މާލެ ޖަލުން، ސިމް ކާޑާއެކު އެއް ފޯން އަދި މާފުށި ޖަލުން،ސިމް ކާޑާއެކު 43 މޯބައިލް ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

އަދި މައްސަލަ މިހާރު ތަހްގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، މި އޮޕަރޭޝަންގައި ފުލުހުން ޓޭޒަރ ބޭނުންކުރި ކަމަށް ބުނެ ބައެއް ފަރާތްތަކުން ފަތުރާފައިވާ މައުލޫމަތަކީ ދޮގު މައުލޫމާތެއް ކަމަށެވެ. ނަމަވެސް، ނުކިޔަމަންތެރިކަން ދެއްކި ދެ ގައިދީއަކާ ދެކޮޅަށް ޕެޕަރ ސްޕްރޭ ބޭނުންކޮށްފައިވާނެ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި އޮޕަރޭޝަންގައި ޕެޕަރ ސްޕްރޭ ބޭނުން ކުރުމުގެ ސަބަބުން ސިއްހީ ފުރަތަމަ އެހީ ދެ ގައިދީއަކަށް ފޯރުކޮށްދީފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

ނަޝީދަށް ދިން ހަމަލާއަށް ފަހު ހަރުކަށި ފިކުރުގެ މީހުން ހައްޔަރު ކުރުމަށް މާލެ އާއި އައްޑޫގައި ވެސް މީގެ ކުރިން ވަނީ އޮޕަރޭޝަންތަކެއް ހިންގާފައެވެ. އެއޮޕަރޭޝަންތަކުގައި ވަނީ ގިނަ ބަޔަކު ހައްޔަރު ވެސް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކޮރަލް

    ނޫސްވެރީން ނަށް ދައުވަތު ނުދޭތޯ އެވެ؟ ނޫނީ އެޖެންޑަރ 19 ތޯ އެވެ.؟

  2. ޙހހހ

    ޖަލުގައި ބައެއް ޤައިދީން ފޯނުން ވީޑިއޯކޮށް އާއްމުކުރާއިރު ހަވާލުދާރުން ކޮބާތޯ

  3. ރަން ރީނދޫ

    ބިޑި އަޅުވާ ބައިންދާފަ، އެސޮރު ހޭ އަރުވާލީ. ދެން ރީތި ކޮށްލަންވެގެން މިހާރު މޮޅު ސްޓޯރީއެއް ފަޅާލީ.