އާންމު ތަނެއްގައި މުސްލިމަކު ކާފަރު ކުރުމުގެ ތުހުމަތު ކުރުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅާ ގޮތަށް ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލަށް ތިން އިދާރާއެއްގެ ލަފާ ހޯދަން އެ ބިލު ދިރާސާ ކުރާ ޖުޑިޝަރީ ކޮމިޓީން ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ރޭ ބޭއްވި ބައްދަލުވުމުގައި ކޮމިޓީގެ މެންބަރުންގެ މަޝްވަރާ ކުރުމަށް ފަހު ލަފާ ހޯދަން ނިންމި އިދާރާތަކަކީ އިސްލާމިކް މިނިސްޓްރީ އާއި، ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހާއި، ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އެވެ.

ޖުޑިޝަރީ ކޮމިޓީގެ މުގައްރިރު އަދި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހްމީ (އިންތި) ވިދާޅުވި ގޮތުގައި އިސްލާމިކް މިނިސްޓްރީގެ ލަފާ ހޯދަން ނިންމީ ބިލުގައި އިސްލާމީ ޝަރީއަތާ ގުޅުން ހުރި ކަންކަން ހިމެނޭތީއެވެ.

ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅާތީ ޕީޖީގެ ލަފާ ހޯދަން ނިންމިއިރު، އެޗްއާރުސީއެމްގެ ލަފާ ހޯދަން ނިންމީ ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަމާއި ނަފްރަތުގެ ބަސް ފެތުރުމާ ގުޅުން ހުރި ކަންކަން ވެސް ބިލްގައި ހިމެނޭތީ ކަމަށް އިންތި ވިދާޅުވިއެވެ.

ސަރުކާރުގެ ފަރާތުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް އަދި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށަހެޅުއްވި އެ ބިލަކީ "ލާދީނިއްޔަތު" ފެތުރޭ ގޮތަށް އޮތް ބިލެއް ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ފާޑުކިޔައި ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

ގިނަ ދީނީ އިލްމުވެރިން ވެސް ދަނީ ބިލް ބޭރުކުރަން ގޮވާލައި "ބޭން ސެކުއިލާ ބިލް" ގެ ނަމުގައި މީސް މީޑިއާ ކެމްޕޭނެއް ވެސް ގެންދަމުންނެވެ.

މި ބިލަށް މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ ހަތަރު މެންބަރަކު ވެސް ތާއީދެއް ނުކުރައްވައެވެ. އެއީ ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފް އާއި، ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދުއާއި، ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ދީދީ، އަދި ފުވައްމުލަކު ދެކުނު ދާއިރާގެ މުހައްމަދު މުމްތާޒެވެ.

ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީ ވެސް ވަނީ ބިލާ ދެކޮޅު ކަން ހާމަކޮށްފައެވެ. އިދިކޮޅު ޕީޕީއެމާއި ޕީއެންސީ ވެސް މި ބިލަށް ތާއީދެއް ނުކުރެއެވެ.

އަމާޒުވާ ފާޑުކިއުންތަކަށް ރައްދު ދެއްވަމުން ހިސާން ވިދާޅުވީ އެ ބިލު ފަރުމާ ކޮށްފައި ވަނީ އިސްލާމީ ޝަރީއަތަށާއި އިސްލާމީ އިމާމުންގެ އިރުޝާދުތަކަށް ރިއާޔަތްކޮށްގެނެވެ. އެކަމަކު ހަގީގަތް އޮޅުވާލަން ބަޔަކު މަސައްކަތް ކުރާ ކަމަށް ހިސާން ވިދާޅުވިއެވެ.

އަދި އެ ބިލުން ދީނީ ނަސޭހަތް ދިނުމާއި ދަރުސް ދިނުމަށް އެއްވެސް ވަރަކަށް ހުރަސް އެޅިގެން ނުދާނެ ކަމަށް ހިސާން ވިދާޅުވެއެވެ. އެ ބިލަކީ ނަފްރަތު އުފެއްދުމާއި ހަރުކަށި ފިކުރު ފެތުރުން ހުއްޓުވަން ހުށަހެޅި ބިލެއް ކަމަށް ހިސާން ވިދާޅުވެއެވެ.

ފާޑުކިއުންތައް އަމާޒުވެފައިވަނިކޮށް ސަރުކާރުން ވަނީ އިސްލާމް ދީނަށް ފުރައްސާރަ ކުރުމުގެ ކުށް ތަފްސީލްކޮށް ބަޔާން ކުރާ ބިލެއް ވެސް ތައްޔާރުކޮށްފައެވެ. އެ ބިލު ހުށަހެޅުއްވީ ވެސް ހިސާނެވެ. އިއްޔެގެ ޖަލްސާގައި އެ ބިލުގެ ފުރަތަމަ ކިއުން އިއްވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. Anonymous

  މުސްލިމަކު ކާފަރު ކޮއްގެނެއް ނޫޅޭ ބަޔަކު. މުރުތައްދު ވީމަ މުރުތައްދޭ ލާދީނީ އޭ މިކިޔަނީ. ލާދީނީ އެމްޑީޕީގެ ލާދީނީ މީހުނައް ހަޖަމް ނުވެގެން ތެޅެނީ. ކަލޭމެން ގާނޫނެއް ކޮންމެ އެއްޗެއް ހެދިޔަސް ކަލޭމެންނަކީ ލާދީނީ މީހުން ނޫނީ ނުވާނެ. ކިޔާނަން ގޮވާނަން.ނުހުއްޓުވޭނެ. ތި ގާނޫނަކީ ބާތލް އެއްޗެއް.

 2. ކެނެރީގެ މާފަތް އެދުރު

  ކޮންހާ ވާހަކައެއް ދައްކާކަށް ތިޔަ ބިލު ފާސްކުރިޔަސް ލާދީނީ މީހުންނަށް ލާދީނީ ގޮވުމެއް ނުހުއްޓުވޭނެ ދޫބުރިކުރާ ގާނޫނެއް ހެދިޔަސް ނުހުއްޓުވޭނެ ހަސަނާ ބުނަން މީ ދިވެހިން މުސްލިމުން ލާދީނިއްޔަތައް މިގައުމުގައި އެންމެ ވެލިފުކެއްގެ މިންވަރުވެސް ދޫނުދޭނަން

 3. ......

  ކާފަރުން ގެ ހުރިހާ ގޮތެއް ހުރެ ދީނުގެ އެއްވެސް ކަމެއް ނެތިވެސް ތިމަންނަ މީ މުސްލިމެކޭ ބުނާ ނަމަވެސް ލާދީނީ އޭ ނުވަތަ މުރުތައްދޭ ނުކިޔާށޭ ތަ ތިބުނަނީ....އަހަރެން ދުށިން އިލްމުބެރިއެއްގެ ފޮތުގައިކާފަރެއްގެ ކާފަރު ކަމާމެދު ޝައްކު ކުރުންވެސް އެއީ ދީނުން ބޭރުވާ ލަމެއްގެ ގޮތުގައި ބަޔާންކުރައްވަވާފަ ވަނިކޮށް....އެހެން ކަން އޮތް އިރު ކުރިން ބުނެވުނު ފަދަ މީހަކު އެއީ މުސްލިމެއްގެ ގޮތުގައި ގަބޫލު ކުރެވިދާނެތޯ....

 4. މިތުރާ

  ތީހާދަވަރުގަދަ ބިލެކޭ!؟ ހިސާނުމެން ދިވެހި ޒުވާނުން މަގުމަތިންނާ މިސްކިތުން ނަގާ،އެމީހުންނައް ހުކުރު ހައްދުވަސް ވަކިވޭތޯ، ބިލެއް ލާބަލަ.