ކެނދިކޮޅުދޫ ދާއިރާގެ މެންބަރު އަހްމަދު އީސަ، އޭނާގެ ކުރީގެ އަންހެނުން އަސްރާ ނަސީމަށް ގެވެށި އަނިޔާކުރި މައްސަލާގައި ދައުލަތުން އޭނާގެ މައްޗަށް އުފުލާ ދައުވާގެ ޝަރީއަތް އަންނަ ހޯމަ ދުވަހު ފެށުމަށް ތާވަލްކޮށްފި އެވެ.

ކްރިމިނަލް ކޯޓުގައި މިމައްސަލައިގެ ޝަރީއަތް ތާވަލް ކޮށްފައި އަންނަ ހޯމަ ދުވަހުގެ ހެނދުނު 11:00 ޖަހާއިރު އެވެ.

އީސާއަށް ތުހުމަތު ކުރާ ގެވެށި އަނިޔާގެ މައްސަލަ ތަހުގީގުކޮށް ދައުވާކޮށްދިނުމަށް ފުލުހުންގެ އިދާރާއިން ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުގައި އެދުނީ މިމަހުގެ އެއްވަނަ ދުވަހު އެވެ. ދައުވާކުރަން ޕީޖީ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހެޅީ މިމަހުގެ ތިންވަނަ ދުވަހު އެެވެ.

އީސަގެ މައްޗަށް އުފުލާފައި ވަނީ ގާނޫނުލްއުގޫބާތުގެ 120 ވަނަ މާއްދާގެ (ހ)ގެ އެއްވަނަ ނަންބަރާ ހަވާލާދީ އެ މާއްދާގެ (ށ)ގެ ދެވަނަ ނަންބަރުގެ ދަށުން އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާ އެވެ. މިކުށުގެ އަސާސީ އަދަބަކީ ދެ މަހާއި 12 ދުވަހަށް ޖަލަށްލުން ނުވަތަ ޖޫރިމަނާކުރުމެވެ.

އީސާގެ މައްޗަށް ދައުވާ ކޮށްފައި ވީނަމަވެސް މައްސަލަ ކުރިއަށް ނުގެންދަން އަސްރާ އޮތީ އެދިފަ އެވެ. މައްސަލަ ކުރިއަށް ނުގެންދަން އަސްރާ އެދުނީ ގެވެށި އަނިޔާގެ އަމަލެއް އީސަ ހިންގި ކަމަށް ބުނެ ފުލުހަށް ބަޔާނެއް ވެސް ދިނުމަށް ފަހުއެވެ.

އީސަ އަނިޔާކުރި ކަމަށް ބުނާ މަންޒަރު ފެނިގެން ފުލުހުންނަށް ރިޕޯޓް ކުރީ އަސްރާ އާއި އީސަ ދިރިއުޅުނު ގޭގެ އެހެން ފްލޯއެއްގައި އުޅުނު ބަޔެކެވެ.

ގެވެށި އަނިޔާގެ މިމައްސަލަ އާއި ގުޅިގެން އީސަ ހައްޔަރުކުރަން ޕީޖީ އޮފީހުން މީގެ ކުރިން ކޯޓު އަމުރަކަށް ވެސް އެދުނެވެ. ނަމަވެސް ކްރިމިނަލް ކޯޓުން އެ އަމަރު ނެރެދީފައެއް ނުވެ އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަޑަފި

    ބައެއްގެ ވަގުތު ނަގަލަން ކުރަން އުޅޭކަމެއްތީ. ދެން އޮތް ބޭނުމަކީ އީސައަކީ ހުދު ފޮތިކޮޅެއްކަން ޝަރީއަތް މެދުވެރިކޮށް ހާމަކޮށްދީ ރައްޔިތުންގެ ލޮލުގައި އަޅުން އެޅުވުން. މައްސަލައިގައި އަނިޔާ ލިބުނުމީހާއަށް ކުރިމަތިވި ޕްރެޝަރާގުޅިގެން މައްސަލަ ދޫކޮށްލަން ހުށަހަޅާފައިވާއިރު، ތިޔަ މައްސަލަ ސާބިތު ކުރާނެ ގޮތެއް ހަމަ އެއްގޮތަކަށްވެސް ނޭގެއެވެ.

  2. Anonymous

    އެނގިދާނެތާ.
    ޖަމަލު ފޮޑިއަށް ނުވެއްޖެނަމަ ކިތައްމެހާވެސް ރަނގަޅު.
    ކުށް ކޮށްފިއްޔާ ޢީސައެއް އިބްރާހީމެއް ސޯލިހެއް ކިޔާނެކަމެއްނެތް. ޙައްޤު އަދަބު ދެއްވާ.