ރާއްޖޭގެ މީޑިއާތަކުގެ އިސް ބޭފުޅުން ނުވަތަ އެޑިޓަރުން ހިމެނޭ، "އެޑިޓާސް ގިލްޑް" ގެ ރައީސަކަށް ސަން އޮންލައިންގެ ކުރީގެ ޗީފް އެޑިޓަރު އަހުމަދު ޒާހިރު (ހިރިގާ) މިއަދު އިންތިހާބު ކޮށްފިއެވެ.

ހިރިގާ ޒާހިރު އެ ޖަމްއިއްޔާގެ ރައީސަކަށް އިންތިހާބު ކޮށްފައިވާއިރު، ދެ ނައީބު ރައީސުންނަށް އިންތިހާބު ކޮށްފައިވަނީ "ދަ ޕްރެސް"ގެ އެޑިޓަރު އަލީ ޝަމްއާން އާއި "ވަން" އޮންލައިންގެ ސީއީއޯ ސިނާން އަލީ އެވެ.

މި މަގާމު ތަކުގެ އިތުރުން ސެކްރެޓަރީ ޖެނަރަލްގެ މަގާމަށް "މިހާރު" ނޫހުގެ އެޑިޓަރު އިސްމާއިލް ނަސީރު، ޓްރެޝަރާ ކަމަށް "ރަސް" އޮންލައިންގެ އެޑިޓަރު މިދުހަތު އާދަމް ވެސް ވަނީ އިންތިހާބު ކޮށްފައެވެ. އަދި ރިޓަޔާޑް ނޫސްވެރިންގެ ގޮނޑިއަށް ޓީވީއެމްގެ އިތުރުން ވީޓީވީގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ މުހައްމަދު އާސިފް (މޮންދު) އާއި ދިވެހި ރާއްޖޭގެ އަޑުގައި ކުރިން މަސައްކަތް ކުރެއްވި އިބްރާހީމް އުމަރު މަނިކު ވަނީ އިންތިހާބު ކޮށްފައެވެ.

އެޑިޓާސް ގިލްޑްގެ ރައީސަކަށް އިންތިހާބުވި ހިރިގާ ޒާހިރު ނޫސްވެރިކަމުގެ ދާއިރާއަށް ނިކުމެ ވަޑައިގެންނެވީ 1989 ވަނަ އަހަރު "ހަވީރު" ނޫހުންނެވެ. އެންމެ އާދައިގެ ނޫސްވެެރިއެއްގެ މަގާމުން ފެއްޓެވި ޒާހިރު އެ ނޫހުގެ އެޑިޓަރުކަން ވެސް ކުރެއްވިއެވެ.

ނޫސްވެރިކަމުގެ ގައުމީ އިނާމާއި، މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ ނޫސްވެރިކަމުގެ އަލިމަސް ގަލަން ޒާހިރަށް ވަނީ ލިބިވަޑައިގެންފައެވެ.

ތިން އަހަރު ދުވަހުގެ މުއްދަތަކަށް މި ބޭފުޅުން އެޑިޓާސް ގިލްޑަށް އިންތިހާބު ކޮށްފައިވާއިރު، މި އިންތިހާބުގައި ވޯޓުލުމަށް ޝަރުތަކީ ނޫސްވެރިކަމުގެ ދާއިރާގައި މެދުނުކެނޑި 10 އަހަރު ދުވަހުގެ މުއްދަތަކަށް މަސައްކަތް ކުރެއްވުމެވެ.