ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތައުލީމާއި ތަމްރީނު ހޯދުމަށް އިއުލާނު ކުރެވުނު ލޯން ސްކީމްގެ ދާއިމީ ނަތީޖާ މިއަދު އިއުލާން ކޮށްފިއެވެ.

މި ލޯނު ސްކީމުގެ ވަގުތީ ނަތީއްޖާ އިއުލާންކުރީ މިދިޔަ މަހުގެ 24 ވަނަ ދުވަހުއެވެ.

މިހާރު ކިޔަވަމުންދާ ދަރިވަރުންގެ ކެޓެގަރީން އެޕްލިކޭޝަން ހުށަހަޅާ، ޝަރުތު ފުރިހަމަވި އެމްބީބީއެސް އަށް އަދި ޕައިލެޓް ލައިސަންސް އަށް ކިޔަވަމުންދާ ހުރިހާ ދަރިވަރުންނަށް ލޯނު ދޭން ނިންމައިފައިވެއެވެ.

އެގޮތުން އެމްބީބީއެސް ކިޔަވަމުންދާ 65 ދަރިވަރަކަށް ފުރުސަތު ލިބފައިވާ އިރު ޕައިލެޓް ލައިސަންސްއަށް ކިޔަވަމުންދާ 16 ދަރިވަރަކަށްވެސް ވަނީ ލޯނު ލިބިފައެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ މި ކެޓަގަރީން ޕޮއިންޓް ދިނުމުގައި ބަލާފައިވާނީ ކިޔަވަމުންދާ ކޯސް ނިންމުމަށް އެންމެ ކުރު މުއްދަތެއް އޮތް ފަރާތްތަކަށާއި ފިތުރު ޒަކާތާއި މުދަލު ޒަކާތުން ލިބުން އެދޭ ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތައް އަދި އެކަޑަމިކް މެރިޓް ސްކޯ އިން އެއްމެ މަތިން ސްކޯ ކުރާ ފަރާތްތަކަށް ކަމަށެވެ.

މިފަހަރުގެ ލޯން ސްކީމްގައި އަލަށް ކިޔަވަން ފަށާ ދަރިވަރުންނަށް އަދި މިހާރު ކިޔަވަމުންދާ ދަރިވަރުންނަށްވެސް ފުރުސަތު ހުޅުވާލިއެވެ. އަދި ލޯނު އެހީގެ ދަށުން ތައުލީމާއި ތަމްރީނު ހޯދުމަށް ކޮންމެ ގައުމަކަށްވެސް ދިއުމުގެ ފުރުސަތު މިނިސްޓްރީން ވަނީ ފަހި ކޮށްދީފައެވެ.

އެގޮތުން ލޯނު އެހީގެ ދަށުން ދޭން ކަނޑައަޅާފައިވާ ހުރިހާ ހަރަދެއް އެއްކޮށް ދޭނީ އިއުލާންކޮށްފައިވާ ގައުމުތަކަށެވެ. އެ ނޫން ގައުމެއްގައި ކިޔެވުމަށް ލޯނުދޭނީ އިއުލާންކޮށްފައިވާ ގައުމުތަކުގެ ތެރެއިން ދަރިވަރު އިހްތިޔާރުކުރާ ގައުމަކަށް ކަނޑައަޅާފައިވާ ރޭޓުންނެވެ.