އޭ ލެވެލްއަށް ކިޔަވަން ބޭނުންވާ ނަމަ ގިނަ ކުދިންގެ ސިކުނޑީގައި އޮންނާނީ މާލޭގެ ސްކޫލުތަކެވެ. ސީއެޗްއެސްސީ، އަހުމަދިއްޔާ، ނޫނީ ވިލާ ހައި އިންޓަނޭޝަނަލް ސްކޫލަކީ ގިނަ ކުދިންގެ "ޗޮއިސް"އެވެ. އެންމެ މޮޅެތި ޓީޗަރުންނާއި، ވަސީލަތްތައް ވެސް ގިނަ ފަހަރު ހުންނާނީ އެ ސްކޫލުތަކުގައެވެ. ގިނަ ފަހަރު އެންމެ ރަނގަު ނަތީޖާއެއް ވެސް އެންމެ ގިނައިން ނެރެނީ ހަމަ އެ ސްކޫލުތަކުންނެވެ. އެހެންކަމުން އެ ސްކޫލުތަކުގައި އޭ ލަވަލްއަށް ކިޔެވުމަށް ކޮންމެ އަހަރަކުވެސް އެތައް ދަރިވަރުންނަށް މާލެ ބަދަލުވެއެވެ.

ނަމަވެސް ކޮންމެ ކުއްޖަކަށް މާލޭގައި ކިޔެވުމުގެ ފުރުސަތެއް ނުލިބެއެވެ. އެހެންވެ އެ ދަރިވަރުން ޖެހެނީ ރަށުގައި ކިޔަވާށެވެ. ނަމަވެސް އެ ފުރުސަތުގެ ބޭނުން ކުރެވެން އޮއްވައި ރަށުން ކިޔަވައިގެން މުޅި ރާއްޖެއިން އެއްވަނަ ހޯދުމަކީ ގިނަ ބަޔަކަށް ގަބޫލުކުރަން ވެސް ދަތި ކަމެކެވެ.

އެންމެ ފަހުން ބޭއްވި އޭ ލެވެލް އިމްތިހާންގައި މުޅި ރާއްޖެއިން އެއްވަނަ ހޯދި އެއް ދަރިވަރަކީ ހއ. އިހަވަންދޫ ސްކޫލުގެ ދަރިވަރު ހަސަން ސިޔާދުއެވެ. އޭނާ އޭ ލެވެލްގައި މުޅި ރާއްޖެއިން އެއްވަނަ ހޯދީ ފަސް އޭ ސްޓާ އާއި އެއް އޭ ފާސް ހޯދައިގެންނެވެ. އެ ނަތީޖާއާއެކު އޭނާއަށް ވަނީ ރައީސުލްޖުމްހޫރިއްޔާ ދެއްވާ ސްކޮލަޝިޕް ވެސް ލިބިފައެވެ.

ސިޔާދު ދެކޭ ގޮތުގައި ކިޔެވުމަކީ ވަރަށް "ކޮމްޕްލެކްސް" ކަމެކެވެ. އަދި ކިޔެވުމުގައި ހަމައެކަނި ބަރޯސާވާން ޖެހޭނީ ޓީޗަރުންނަށް ނޫން ކަމަށް ބުނެފައިވެއެވެ. އަދި ކިޔެވުމުގައި ބޮޑު މަސައްކަތް ކުރަން ޖެހޭނީ ދަރިވަރުން ކަމަށް އޭނާ ބުންޏެވެ.

"މާލެ ދާން ފުރުސަތުވެސް ލިބުނު އެކަމަކު އެއްވެސް އިރެއްގައި މާލެއަށް ދާން ހިޔާލެއް ނުކުރަން. މާލެ ގޮސްގެންވެސް އިތުރު ހަރަދެއްތާ ދާނީ. ދެން ގިނަ މީހުން ހިތަށް އަރަނީ ރަނގަޅު ނަތީޖާއެއް ނެރެވޭނީ ސީއެޗްއެސްސީ އަހުމަދިއްޔާއަށް ގޮސް ގެންނޭ. ދެން މި ކޮޅުގައި ވެސް ރަނގަޅު ޓީޗަރުން އެބަތިބި. އެކަން އަޅުގަނޑުމެން އެބަ ޖެހޭ ބަލައިގަންނަން" ސިޔާދު ބުންޏެވެ.

ސިޔާދު އިހަވަންދޫ ސްކޫލުގެ ޓީޗަރަކާއެކު--

އޭ ލެވެލްގައި އިހަވަންދޫގައި ކިޔަވައިދިން ގިނަ ޓީޗަރުންނަކީ ދިވެހީންނެވެ. އެ ޓީޗަރުންގެ އެހީއާއެކު އޭ ލެވެލް އިމްތިހާނުގައި ބައިވެރިވި އިހަވަންދޫގެ ކުދިންގެ ތެރެއިން ދެ ކުއްޖަކު ގަދަ ދިހައެއްގައި ލައްވާލިއެވެ.

ނަމަވެސް ސިޔާދު އެހާ ފުރިހަމަ ކާމިޔާބީއެއް ހޯދީ ކޮން ކަހަލަ ފޯމިއުލާއެއް ގެންގުޅެން ހެއްޔެވެ؟

ސިޔާދަކީ އެފަދަ ކާމިޔާބީއަކަށް މުޅިން އާ ކުއްޖެއް ނޫނެވެ. އޭނާ ވަނީ ކުރިން އޯ ލެވެލްގެ އިމްތިހާނުން ވެސް މުޅި ރާއްޖެއިން ތިން ވަނަ ހޯދައިފައެވެ. އެހެން ކަމުން ރަނގަޅުު ނަތީޖާއެއް ހޯދިދާނެ ކަމުގެ ޔަގީންކަން އޭނާއަށް އޮތެވެ. ރަނގަޅު ނަތީޖާއެއް ހޯދައިގެން މައިންބަފައިން އަތުން ހަރަދުނުކޮށް ސްކޮލަޝިޕްއެއް ހޯދުމުގެ އަޒުމު ސިޔާދުގެ އޮތް ނަމަވެސް މުޅި ރާއްޖެއިން އެއްވަނަ ލިބުމަކީ އޭނާ އުއްމީދުކޮށްގެން ހުރި ކަމެއް ނޫނެވެ.

ސިޔާދު ބުނާ ގޮތުން އޭނާ ދުވަހުގެ 90 އިންސައްތަ ހޭދަކުރީ ކިޔެވުމުގައެވެ. އޭނާގެ ދުވަސް ފެށީ ރޭގަނޑު ދޭން ނުވަތަ ތިނެއް ޖަހާއިރުއެވެ. ދަމު ނަމާދު ކޮށް ގުރުއާން ކިޔަވައި ކިޔަވަން ފަށައި ފަތިސް ނަމާދުކޮށް ސްކޫލަށް ދެވެން ދެން އޭނާ ކިޔެވުމުގައި އުޅުނެވެ.

އެހެން ކުދިން ސްކޫލުގެ އިންޓަވަލް ގަޑީގައި ކިޔެވުމާ ދުރުގައި އުޅުނު އިރު ސިޔާދު އެ ވަގުތުތަކުގައި ޟުހާ ނަމާދުކޮށް ފިލާވަޅު ހަދައި ފޮތް ކިއުމުގައި ޝާމިިލުވިއެވެ.

"ސްކޫލު ނިންމާފައި މެންދުރު ނަމާދު ކޮށް އެކްސްޓްރާ ކްލާސްތައް ނިންމާފައި، ހަވީރު ގަޑީގައި ވެސް ފޮތް ކިޔާނީ. ދެން ދެ ނަމާދު ގަޑިގައި ފިލާވަޅު ހަދަނީ ދެން އިޝާ ނަމާދަށް ފަހު މާބޮޑުކަމެއް ނުކުރަން. ދެން ނުވައެއް ޖަހާއިރު އަބަދުވެސް ބެލިން ނިދޭތޯ. ދެން އިތުރު ހަރާކަތްތަކުގައި ވެސް ބައިވެރިވެން. ވާހަކަ ދެއްކުމުގެ މުބާރާތުގައި ވެސް ބައިވެރިިވިން" ސިޔާދު ބުންޏެވެ.

އޭ ލެވެލްގައި ރަނގަޅު ނަތީޖާ ހޯދާ ދަރިވަރުން ގިނަ މާއްދާތަކުން ޓިއުޝަން ނަގާއިރު ސިޔާދު ބުނީ އެއް ގޮތަކަށް ވެސް އޭނާ ޓިއުޝަން ނުނަގާ ކަމަށެވެ.

ސިޔާދު އިހަވަންދޫ ސްކޫލުގެ ޓީޗަރަކާއެކު--

ނަސީބުކަން ދިމާކުރި ގޮތުން ސިޔާދު މެންގެ އޭ ލެވެލް ބެޗު ފާހަގަވެގެން ދިޔައީ މުޅި އިހަވަންދޫ ސްކޫލުގެ އޭ ލެވެލްގައި ވެސް އެންމެ މަދު ދަރިވަރުން ކިޔެވި ބެޗުގެ ގޮތުގައެވެ. އޭ ލެވެލްގެ ކުރީގެ ބެޗުތަކުގައި 30 ކުދިން ވަރު ތިބޭއިރު ސިޔާދު މެންގެ ކްލާހުގައި ތިބީ އެންމެ ހަތް ދަރިވަރުންނެވެ.

"ކުދިން މަދުވީމަ ޓީޗަރުންނަށް ވަރަށް ބޮޑަށް ކުދިންނަށް ސަމާލުކަން ދިން. އަމިއްލައަށް ބޮޑަށް މަސައްކަތް ކުރީ. ދެން ނޭނގޭ އެއްޗެތި އެހީ" ސިޔާދު ބުންޏެވެ.

އޭ ލެވެލްގެ ފަހުރުވެރި ރަން އެއްވަނައާއެކު ރައީސްގެ ސްކޮލަޝިޕް ސިޔާދު ކަށަވަރު ކުރިއިރު އޭނާ މިހާރު ތައްޔާރުވަމުން ދަނީ ޔުނިވާސިޓީން މަތީ ތައުލީމު ހާސިލު ކުރުމަށެވެ. އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް މެންޗެސްޓާ އިކޮނޮމިކްސްގެ ދާއިރާއިން ކިޔަވަން އޭނާ ސެޕްޓެމްބަރުގައި ފަށާނެއެވެ.

ސިޔާދު ބުނާ ގޮތުން އިކޮނޮމިކްސްއިން ކިޔެވުމަށް ފަހު އެނބުރި އޭނާ ގައުމަށް އަންނާނެއެވެ. ބޭނުންވަނީ ކިޔެވި އެއްޗެއްގެ ބޭނުން ހިފައި ގައުމަށް ހިދުމަތް ކުރުމެެވެ.

"ސަރުކާރުން ވަރަށް ބޮޑު ހަރަދެއްތާ މިކޮށް ދެނީ. އެހެންވީމާ ކޮންމެ ކުއްޖަކު ވެސް އެ އިންވެސްޓްމަންޓް ރިޓާންކުރަން މަސައްކަތް ކުރަން ޖެހޭނެ" ސިޔާދު ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. Anonymous

    ލާމަސީލު މިސާލެއް.

    29
  2. ކޮއްޔާ

    މާޝާﷲ ،،،،، ވަރަށް ގަދަ ތަރިއެއް // ،،،،،

    28
  3. ބަކުރުބެ

    މަރުހަބާ ސިޔާދު!

    22
  4. ޏނ

    މާޝާﷲ

    31
  5. Anonymous

    ‎ما شاء الله

  6. އަހްމަދު

    މާޝާﷲ ސާބަހޭ ދަރިފުޅާ

  7. އިޔާޒް

    މަރުހަބާ ތިޔަ ހޯދި ކާމިޔާބީއަށް އުއްމީދު ކުރަނީ ތިޔަ ލިބުނު ރަނުގެ ފުރުސަތުގާ ރާއްޖޭގެ ނަން ފަޚުރުވެރިކޮންދިނުން

    5
    1
  8. އިބްރާހީމު

    އައްސަރިބަހާއި ސާބަސް "ސިޔާދު". މި ފުރުސަތުގައި އެންމެ ޝުކުރުހައްގުވާ ސިޔާދުގެ މަންމަ އާއި ބައްޕަ އަށް ޚާއްސަ ޝުކުރެއް ދަންނަވަން. ލިބުނު ކާމިޔާބީގެ އަސްލަކީ ކުއްޖާއަށް ދެވުނު ތަރުބިއްޔަތު. ވަރަށް އުފާކުރަން ސިޔާދު ހޯދި ކާމިޔާބީއަށް. އުންމީދަކީ މިކަމުން ބެލެނިވެރިން ޢިބުރަތް ޙާސިލުކުރުން. ޝުކުރިއްޔާ......

  9. ދިވެހި މުސްކުޅިން

    ސާބަހޭ ސިޔާދު . ތިޔައީ ފިސާރި ދަރިއެއް އުޖާލާ މުސްތަޤުބަލެއް ރިވެތި އަޚްލާޤެއް މަރުހަބާ ދަރިފުޅަށް