އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލަށް ހުޅުމާލެއިން ބިމެއް ދޭން ނިންމައިފި އެވެ.

އަހުމަދިއްޔާގެ ޕްރިންސިޕަލް މުހައްމަދު ރަޝީދު "ވަގުތު"އަށް ވިދާޅުވީ އަހުމަދިއްޔާ ސްކޫލުގެ ޖާގައިގެ ދަތިކަން ކުރިމަތިވެގެން އުޅޭތާ ވަރަށް ގިނަ އަހަރުތަކެއް ވެފައިވާ ކަމަށެވެ.

މިދިޔަ އަހަރު ފާހަގަކުރި އަހުމަދިއްޔާގެ 40 އަހަރީ ދުވަހުގެ މުނާސަބަތާ ގުޅިގެން ޖާގައިގެން ދަތިކަން ހައްލުކުރަން މަސައްކަތް ކުރައްވާނެކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އޮތީ ވައުދުވެވަޑައިގެންފަ އެވެ.

އަހުމަދިއްޔާއަށް ބިން ދޭން ނިންމައި އާބަންކޯއިން އެ ބިން އެޑިއުކޭޝަން މިނިސްޓްރީއާ ހަވާލުކުރީ މިދިޔަ ހަފްތާގަ އެވެ. އަދި ވަރަށް އަވަހަށް އެ ބިން ސީދާ އަހުމަދިއްޔާ އާއި ހަވާލު ކުރާނެ އެވެ.

ހުޅުމާލެ ސެންޓްރަލް ޕާކުު ކައިރިން އަހުމަދިއްޔާއަށް ދޭން ނިންމާފައި ވަނީ 43،000 އަކަފޫޓުގެ ބިމެކެވެ.

ޕްރިންސިޕަލް އަހްމަދު ރަޝީދު ވިދާޅުވީ ޕްލޭނަކީ ހުޅުމާލޭގައި ވެސް ބޭބީ ނާސަރީއިން ފެށިގެން ގްރޭޑް 12 އަށް ކިޔަވައިދިނުން ކަމަށެވެ.

"މިހާރުވެސް ހުޅުމާލެއިން 400 އެއްހާ ކުދިން އަހުމަދިއްޔާއަށް އާދޭ. ދެން ހުޅުމާލޭގައި ސްކޫލެއް ހުޅުވީމަ އެ ކުދިންނަށް އެ ސްކޫލަށް ދެވޭނެ." ރަޝީދު ވިދާޅުވި އެވެ.

އަހުމަދިއްޔާ މިހާރު ހިންގަމުންދަނީ 12000 އަކަފޫޓުގެ ބިމެއްގައި 2700 ކުދިންނާއެކު އެވެ.

އަހުމަދިއްޔާ ސްކޫލަށް 41 އަހަރު ފުރިފައިވާއިރު އެ ސްކޫލަކީ ރާއްޖޭގައި އެންމެ ފާހަަގަކޮށްލެވޭ އެއް ސްކޫލެވެ. އެ ސްކޫލު އިންޓަނޭޝަނަލް ސްކޫލަކަށް ބަދަލުވީ 2015 ވަނަ އަހަރު އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މަގޭ ޚިޔާލު

    ޢަރަބިއްޔާ ސުކޫލަށް ދިމާވެފައިވާ މައްސަލަ އޮތްތާ ބާއްވާފައި އަހުމަދިއްޔާ ސުކޫލަށް އިސްކަން ދިނުމަކީ ބަލައިގަނެވޭނެ ކަމެއްނޫން. ފުރަތަމަ ހައްލު ކުރަންޖެހޭނީ ޢަރަބިއްޔާ ސުކޫލަށް ދިމާވެފައިވާ މައްސަލަ.

    10
    2