ބޮޑެތި އަނިޔާތަކެއް ދިނުމަށްފަހު މަރާލާފައި ފޮއްޓަކަށް ލާފައި އޮއްވާ ފެނުނު 13 އަހަރުގެ ފިރިހެން ކުއްޖާގެ ޕޯސްޓްމޯޓަމް ހަދަން ނިންމާފައި އޮތްނަމަވެސް އަދި ޕޯސްޓްމޯޓަމް ހަދަން ހަށިގަނޑު ރާއްޖެ އިން ބޭރަށް ނުފޮނުވާ ކަމަށް ފުލުހުން ބުނެފިއެވެ.

ކުއްޖާގެ ޕޯސްޓްމޯޓަމް ހަދަން ފުލުހުން ނިންމި ނަމަވެސް ޕޯސްޓްމޯޓަމް ހެދޭކަށް ރާއްޖެއަކު ނުހުރެއެވެ. އާއްމު ގޮތެއްގައި ޕޯސްޓްމޯޓަމް ހަދަން ރާއްޖެ އިން މީހުން ފޮނުވަނީ އިންޑިއާ އަށެވެ. ކޮވިޑް-19 އާއި ގުޅިގެން އިންޑިއާ އާއި ރާއްޖޭގެ ވައިގެ ދަތުރުތައް ވަނީ ގާތްގަނޑަކަށް އެއްކޮށް ހުއްޓާލާފައެވެ.

13 އަހަރުގެ ކުއްޖާ މަރާލާފައި އޮއްވާ ފެނުނީ މިމަހުގެ 21 ވަނަ ދުވަހުގެ ރޭގައެވެ. ކުއްޖާގެ ހަށިގަނޑު އަދިވެސް ބާއްވާފައި އޮތީ މޯޗަރީގައެވެ.

ރާއްޖޭގައި ހިނގާ މަރަކާއި ގުޅިގެން ފުލުހުން ޕޯސްޓްމޯޓަމް ހަދަން ބޭނުން ވެއްޖެނަމަ އާއިލާގެ ރުހުން ނެތި ވެސް ޕޯސްޓްމޯޓަމް ހެދުމުގެ ބާރު މިހާރު ގާނޫނުން ފުލުހުންނަށް ލިބެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 27 އަހަރުގެ ދިވެހި ފިރިހެނަކާއި 17 އަހަރުގެ ފިރިހެން ކުއްޖެކެވެ. ފުލުހުން ވިދާޅުވީ އެމީހުންނަށް މުއްދަތު ޖެހުމަށް ކޯޓަށް ގެންދިއުމުން 27 އަހަރުގެ މީހާ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކޯޓުން ނިންމާފައިވާ ކަމަށެވެ. އަދި 17 އަހަރުގެ ކުއްޖާގެ ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށެވެ.

އެމީހުންގެ މައްޗަށް ފުލުހުން ވަނީ ގަސްދުގައި މީހަކު މެރުމުގެ ތުހުމަތާއި ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތު ކޮށްފައެވެ.

ފުލުހުން ވަނީ މިމައްސަލައިގެ ތަހްގީގަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް އިއްޔެ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ދަލާސްޓް

  އަޅާލާނެ މީހަކު ނެތް ނިކަމެތި ކު އްޖެ އްވީމަ.

 2. Anonymous

  އާއިލާއިން ތިކުއްޖާ އަވަހައް ވަޅުލާ، އެނެއްކަ ކުޑަ ގޮޅިޔައް ދާވަރު އެއްޗެއްތަ މިބުނެވުނީ.

 3. ސައްކު

  ނޯ މަނީ ގަވަރުމަންޓު.

 4. މިތުރާ

  މޯލްޑިވިޔަން ސިސްޓެމް، ތިހާދިސާވެސް އަޑުކެޑެމުންގޮސް ކުރިން އިންސާފު ނުލި ބިހުރި މަސްސަލަތަކުގެ ތެރެއައް ވަދެ ހިންދިދާނެ، ހިޔުމަންރައިޓުސްގެ ނަން ބޯޑު ބަހަށްޓާފަ ،އިސްތިޔުފާދީފަ ގެއަށްދޭ! ޝިދާތާ ހުއްޓަކަސް ،އާގިސާހުއްޓަކަސް، ހިންގަންނޭގުނު ސަރުކާރު ފެއިލްވެފަ ހުރީ، އިސްތިއުފާ!