ދިއްގަރު ދާއިރާގެ މެމްބަރު އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން އަހްމަދު ފާރިސް މައުމޫންގެ މައްޗަށް ކުރަމުން އަންނަ ޝަހްސު އޮޅުވާލިކަމުގެ ދައުވާގެ މިއަދުގެ އަޑުއެހުމުގައި އޭނާގެ ދިފާއުގައި 27 ކިތާބީ ހެއްކެއް ހުށަހަޅައިފިއެވެ.

ގަވާއިދާ ހިލާފަށް ޕީޕީއެމްގެ ލޯގޯ އަދި ދިދަ ބޭނުން ކުރި ކަމުގެ ތުހުމަތުގައި ފާރިސްގެ މައްޗަށް ކުރާ ޝަހްސު އޮޅުވާލިކަމުގެ ދައުވާގެ އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ގާޒީ ވިދާޅުވީ ދެން އޮންނާނީ ހުލާސާ ބަޔާން އިއްވުން ކަމަށެވެ.

ނަމަވެސް މިއަދުގެ އަޑުއެހުމުގައި ފާރިސްގެ ވަކީލުން ވިދާޅުވީ ފާރިސްގެ ދިފާއުގައި 27 ކިތާބީ ހެކި ހުށަހަޅާފައިވާއިރު އެއާ މެދު ވާހަކަ ދައްކާފައި ނުވާ ކަމަށެވެ. އަދި އޭނާގެ އެހެން މައްސަލަތަކުގައި ކިތާބީ ހެއްކާއި ބެހޭގޮތުން ވާހަކަ ދެއްކުމަށް ފުރުސަތު ދޭ ކަމަށް ވިދާޅުވެ ހުލާސާ ބަޔާން އިއްވުމުގެ ކުރިން ކިތާބީ ހެއްކާއި ބެހޭގޮތުން ވާހަކަ ދައްކަން ފުރުސަތަކަށް ފާރިސްގެ ވަކީލު އިބްރާހިމް ޝަމީލް އެދިވަޑައިގެންނެވިއެވެ.

އެކަމަށް ދައުލަތުން އިއުތިރާާޒެއް ނެތް ކަަމަށް ވިދާޅުވުމުން ގާޒީ ވަނީ ކިތާބީ ހެކި ހުށަހަޅަން ފުރުސަތު ދީފައެވެ. ފާރިސްގެ ދިފާއުގައި ހުށަހެޅި ކިތާބީ ހެކީގެ ތެރޭގައި ފުލުހުންގެ ތަހުގީގަށް އޭނާ ގެންގޮސް ދެއްކި ވާހަކަތައް ހިމެނޭ ވީޑިއޯއެއް ފެންނަ ސީޑީތަކެއް ހިމެނެއެވެ. އަދި މީގެ ކުރިން ނައިފަރު ދާއިރާ އަށް ކުރިމަތިލެއްވި ބޭފުޅެއް ޕީޕީއެމް ގަވާއިދާ ހިލާފަށް ތަމްސީލު ކުރިކަން ފެންނަ ވިޑިއޯއަކާއި، ފޮޓޯތަަކަކާއި، ޕީޕީއެމްގެ ކައުންސިލުގެ ހިންގުމުގެ ގަވާއިދާއި، އެ ޕާޓީގެ ހިންގާ ގަވާއިދާއި އަދި އެހެނިހެން ޑޮކިއުމެންޓުތައް ހިމެނެއެވެ.

މިއަދު 27 ކިތާބީ ހެކި ހުށަހެޅި ނަމަވެސް އެ ހެއްކާއި ބެހޭގޮތުން ވާހަކަ ދައްކަން ފުރުސަތު ދީފައި ނުވެއެވެ. ހެއްކާއި ބެހޭގޮތުން ވާހަކަ ދައްކަން އަޑުއެހުމެއް ބޭއްވުމަށް ފާރިސްގެ ވަކީލުން ފުރުސަތަކަށް އެދުމުން ގާޒީ ވިދާޅުވީ ދެން އޮންނަ އަޑުއެހުމެއްގައި ހުލާާސާ ބަޔާން އިއްވާ އިރު އެ ހެއްކާއި ބެހޭގޮތުން ހުލާސާ ގޮތެއްގައި ވާހަކަ ދެއްކޭނެ ކަމަށެވެ.

މީގެ ކުރިން ފާރިސްގެ ދިފާއުުގައި ވަނީ 47 ހެކިވެރިން ވަނީ ހުށަހަޅާފައެވެެ. އޭގެ ތެރެއިން އެންމެ ހަ މީހުންގެ ހެކިބަސް ނެގި އިރު އެމީހުންގެ ހެކިބަސް ހިމެނޭ ބަޔާންތަކުުގައި އެމީހުންގެ ސޮއި ނެތުމުން ކޯޓަށް ވަނީ ދިފާއަށް އެ ބާޔާންތައް ފޯރުކޮށް ނުދެވިފައެވެ. އެހެން ނަމަވެސް އެ ބަޔާންތައް ފޯރުކޮށްދެއްވާނެ ކަމަށް ގާޒީ މިއަދު ވިދާޅުވިއެވެ.

ދެން މި މައްސަލައިގައި އޮންނާނީ ހުލާސާ ބަޔާން އިއްވުުމެވެ. މިއަދު ގާޒީ ވިދާޅުވީ ދެން އަޑުއެހުން އޮންނާނީ 25 ޖޫން ގެ 13:00 ގައި ކަމަށެވެ. ހުލާސާ ބާޔާން އިއްވުމަށް ފަހު ފާރިސްގެ މައްޗަށް ހުކުމް ކުރެވޭނެއެވެ.