ރާއްޖޭގެ ނޫސްވެރިންނަށް ފިޔަވަޅު އަޅަން އިންޑިއާ ހައި ކޮމިޝަނުން އެންގުމަކީ ބައިނަލް އަގްވާމީ ޚާރިޖީ ގުޅުންތަކުގެ މުއާހަދާ ކަމުގައިވާ ވިއެނާ ކޮންވެންޝަންއާ އެ ގައުމުން ޚިލާފުވުން ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.

މިދިޔަ ޖޫން މަހުގެ 24 ވަނަ ދުވަހު އިންޑިއާ ހައި ކޮމިޝަނުން ދިވެހި ސަރުކާރަށް ފޮނުވި ސިޓީއެއްގައި ވަނީ "އިންޑިއާ އެމްބަސީގެ އަގާއި ކަރަމާތަށް" އުނިކަން ލިބޭ ގޮތަށް އެއްވެސް ފަރާތަކުން ނޫނީ މީޑިއާއަކުން ފާޅު ކުރާ ޝުއޫރުތަކާ ދެކޮޅަށް ފިޔަވަޅު އަޅައިދިނުމަށް އެދޭ ކަމަށެވެ.

މި ކަމާ ގުޅިގެން ދިވެހި ސަރުކާރުން އަދި ވަކި ގޮތެއް ހާމަކޮށްފައެއް ނުވެއެވެ.

ޑރ. އަހްމަދު އަބްދުﷲ ދީދީ ކުރެއްވި ޓްވީޓެއްގައި ވަނީ ޑިޕްލޮމެޓިކް ޔުނިޓް އިމުއިނިޓީ ހުއްޖަތަކަށް ހަދައިގެން ވިއެނާ ކޮންވެންޝަންގެ 41 ވަނަ މާއްދާގެ ދަށުން އަދާ ކުރަން ޖެހޭ ވާޖިބުތަކުން ރެކުމުގެ ހައްގެއް އިންޑިއާ އެމްބަސީއަކަށް ލިބިގެން ނުވާ ކަމަށެވެ.

މި ގޮތުން ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކަށް އިހްތިރާމް ކުރުމާއި ރާއްޖޭގެ ދާޚިލީ ކަންތަކުގެ ތެރެއަށް ނުވަނުމަކީ އިންޑިއާ އެމްބަސީގެ މައްޗަށް ލާޒިމު ކަމެއް ކަން ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވިއެވެ.

"އެހެންކަމުން އެމްބަސީގެ ކަރާމާތަށް ދެވޭ ހަމަލާއެއް ހުއްޓުވުމުގެ ނަމުގައި ރާއްޖޭގެ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ޚިޔާލު ފާޅު ކުރުމާއި ނޫސްވެރިކަމުގެ މިނިވަން ކަމުގެ މިނިވަން ކަން ހެޔޮ ނިޔަތުގައި އަދާ ކުރާ ފަރާތްތަކާ މެދު ފިޔަވަޅު އަޅައި ދިނުމަށް އެދުމަކީ ބުނެވުނު ކޮންވެންޝަންގެ 41 ވަނަ މާއްދާއާ ޚިލާފުވެ އިމުއިނިޓީ ނަހަމަ ގޮތުގައި ބޭނުން ކުރުން،" އޭނާ ލިޔުއްވާފައިވެއެވެ.

އިންޑިއާ ހައި ކޮމިޝަންގެ މި ސިޓިއާއެކު "އިންޑިއާ އައުޓް" ގެ ޝުއޫރުތައް އަނެއްކާ ވެސް މީސް މީޑިއާގައި ވަނީ ގަދަވެފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އެންމެ ގާތް ގުޅުމެއް ބާއްވަނީ އަވަށްޓެރި އިންޑިއާއާއެވެ. ރާއްޖޭގައި ތަރައްގީގެ ގިނަ މަޝްރޫއުތައް ވެސް ހަވާލު ކުރަނީ އިންޑިއާގެ ކުންފުނިތަކާއެވެ. މަޝްރޫއުތައް ހިންގަނީ ވެސް އިންޑިއާގެ އެހީގައެވެ. ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު އައުމުން އެންމެ ގިނަ ލޯނުތައް ނެގީ ވެސް އިންޑިއާއިންނެވެ.

އިންޑިއާގެ ބައެއް މަޝްރޫއުތަކާ މެދު އާންމުންގެ ކަންބޮޑުވުން އެބަ އޮތެވެ. މިގޮތުން އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓް އޮފީހެއް ގާއިމް ކުރަން އެ ގައުމުން ހުށަހެޅުމުން އޭގެ ބޭނުމާ މެދު ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ. ހަނިމާދޫ އެއާޕޯޓްގެ ތަރައްގީގެ މަޝްރޫއަށް ބޮޑު ބިމެއް ނަގަން އޮތުމުން ވެސް ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އިންޑިއާއިން މަސައްކަތް ކުރަނީ ރާއްޖޭގައި އެ ގައުމުގެ އަސްކަރީ މަރުކަޒެއް ގާއިމް ކުރަން ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރެއެވެ. އެކަމަކު މި ކަން ވަނީ ދެ ގައުމުގެ ސަރުކާރުން ވެސް ދޮގުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ރަބަރޭ

    ބަލަ އިންޑިޔާ އަކަށް މިތާގަައި ތިބި ބަޔަކަށް ފިޔަވަޅު އަޅާކަށް ނޭތްގޭތްނެ މި ހިގަނީ ވަކި ވެރިކަމެއް މީވަކި ދައުލަތެއް ވަކި ދިދައެއް އިންޑިޔާ ސައިޒުން ބޮޑަކަސް ބިރެއް ނުގަނޭ

    26
    1
  2. ޒަބީބު

    އިންޑިއާ އާއި އެކު ދިވެހިރާއްޖެއިން ވަރުގަދަ ގުޅުމެއް ބޭއްވުމަކީ އެއްވެސް މައްސަލައެއް ނޫން. ހަމައެގޮތަށް އިންޑިއާއިން ދިވެހިރާއްޖެ އާއި އެކު ވަރުގަދަ ގުޅުމެއް ބާއްވާ އަދި އެގުޅުން ފުޅާކޮށް ވަރުގަދަ ކުރަން މަސައްކަތްކުރުމަކީ ވެސް މައްސަލައެއް ނޫން. އެކަމަކު އެފަދަ ގުޅުންތައް ވާންޖެހޭނީ ދެފަރާތުގެ ވެސް މިނިވަންކަމާއި އިސްތިޤްލާލް އަށް އިޚްތިރާމާއި ގަދަރު ކުރާ ފަދަ ގުޅުމަކަށް. ދިވެހިރާއްޖެއަކީ ކުޑަ ޤައުމަކަށް ވިއަސް ދިވެހިންގެ ދާޚިލީ އަދީ ޚާރިޖީ މިނަިވަންކަން ވަކި ކުޑަވެގެނެއް ނުވާނެ. އިންޑިއާ އާއި އެކު އޮންނަ ގުޅުމަށް ދިވެހިރައްޔިތުންގެ ބޮޑު އިންސައްތައެއްގެ އިތުބާރު ގެއްލި ނަފްތަރު އުފެދެނީ މިކަހަލަ ބުލީކުރުމާއި ނުފޫޒު ފޯރުވުމުގެ ނަތީޖާއެއްގެ ގޮތުން. ފާއިތުވެދިޔަ 40 އަހަރު ތެރޭގައި ރާއްޖޭގައި އުފެދުނު ބައެއް ސަރުކާރުތަކުން އިންޑިއާ އާއި އެކު އޮތް ގުޅުން ވަކި ހުދޫދެއްގެއް ތެރެއަށް ފައްތައި ބޮމައެއްގެ ދުރުމިނުގައި (އާމްސް ލެންތް) ގައި ބަހައްޓްން މަޖުބޫރުވީ ވެސް އިންޑިއާ އިން ރާއްޖެ އާއި މެދު ގެންގުޅުނު މިފަދަ ނުކިއްސަރު ސިޔާސަތުގެ ސަބަބުން. ދިވެހިރާއްޖެ އިން އިންޑިއާ އާއި އެކު އޮންނަ ގުޅުން ބަދަހިކުރުމަށްޓަކައި ނަރެއްގެ މިންވަރު ދޫކޮށްފިއްޔާ އިންޑިއާ އިން ބަލަނީ ކެމބެއްގެ މިންވަރު ދަމާލެވޭތޯ. ދާޚިލީ ކަންކަމުގެ ތެރެއަށް އަތްބާނާއި، އިންޑިއާގެ ބައެއް ސަފީރުން ދިވެހިރާއްޖޭގެ ސިޔާސީ ހަރަކާތްތަކުގައި ޢަމަލީގޮތުން ބައިވެރިވެ ނުފޫޒު ފޯރުވުމާއި، ދިވެހިންނަށް އިންޒާރު ދިނުމާއި މިހެންގޮސް އެތައްކަމެއް ހިންގާލާ. އަދި މީގެ އިތުރުން ދިވެހިން ސަލާމަތުން ތިބީ ނޮވެމްބަރު 3 ގައި އިންޑިއާ އިން ދިވެހިން ސަލާމަތް ކޮށްދިނުމުން ކަމަށް ބުނެ ދިވެހިންގެ ކަރާމާތަށް އަރައިގަނޭ. މީގެ އިތުރުން އިންޑިއާ ސިފައިން ރާއްޖެ އަރައި ރެޖީމް ބަދަލުކުރުމަށް ގޮވާ ދިވެހިންގެ ކަރާމާތް ގެއްލޭފަދަ ވާހަކަތަށް އިންޑިއާގެ މީޑިއާގައި ދެއްކުމާއި ނޫސްތަކުގަގައި ލިއުމަކީ އާއްމު ކަމެއް. މިހިސާބައް ކަންތައް ދާނަމަ ދިވެހި ސަރުކާރުން އިންޑިއާ އާއި އެކު އޮތް ގުޅުމުގެ ހުދޫދު ކަނޑައަޅަން އެބަޖޭހޭ. އިންޑިއާ ކަނޑުގައި ރާއްޖެ އޮތެކޭކިޔާފައި އަބަދު އިންޑިއާގެ މިފަދަ ނުފޫޒު ފޯރުވުމާއި، ބުލީކުރުމާއި، އިންޒާރު ދިނުމަށް ބީރުކަންފަތް ދޭކަށް ނުޖެހޭ. ދިވެހިންނަކީ އިނގިރޭސީންގެ އިސްތިއުމާރީ ޒަމާނުގައި އެމީހުންގެ އިސްތިއުމާރު ވެސް ޤަބޫލު ނުކުރި ބައެއް. ވީމާ ސަރަހައްދުގެ ބޮޑެތި ބާރުތަކުން އެކުވެރިއެއްގެ ތާކިހާ އަޅައިގެން އައިސް ދިވެހި ރާއްޖޭގެ މައްޗަށް އަތްގަދަ ކުރުންވެސް މި ބަވަނަވެފައިވާ ޖިއޯޕޮލިޓިކަލް ދުނިޔޭގައި ބަލަން ނެގިމަޑުވެފައި ދިވެހިން ތިބޭކަށް ނުޖެހޭ.

    15
  3. އަލީ އަހުމަދު

    އަޅުވެތިވެފައިވާ މިންވަރު ނޫން ދެން ކޮން ވަރެއް މި ފެންނަނީ

    16
  4. ސާބިތު

    އިންޑިއާ އައުޓް، ގެޓް އައުޓް

    19
    2
  5. ޒާ

    އިލްމީ މީހުން ބުނާބަސް އެހުމަށްވުރެން ގަމާރު ނާގާބިލް ސަރުކާރެއް އޮތީ. އިންޑިއާ ޖަހާހާ ބެރަކަށް ކަތަކް ޑާންސް ކުރަނީ އެހެންވެ.

    16
  6. Anonymous

    ކުރީގެ އުއްތަމަ ފަނޑިޔާރު މިހާރު ވަގުތު ފާއިތުވެއްޖެ ކުރިންވިސްނާނުލިކަން ދެރައީ މީވަރައް ވާހަކަ.

    5
    2
  7. ހޮޅި

    ޑީޑީ އަކީ ރާއްޖޭ އުއްތަމަ ފަޑިޔާރުކަން ކުރިމީހެކޭ ބުނަންވެސް ލަނދުގަނޭ.

  8. ސުހާދު

    މީ ކާކުތަ؟