ސަމްސަންގް ކުންފުނިން އެކުންފުނީގެ ގެލެކްސީ އެސް21 ފޯނުގެ މޮޅުކަމާއި، ފޯނުގެ ގާބިލްކަން ސާބިތުކޮށްދިނުމަށް ފުވައްމުލަކު ކައިރިއަށް ފީނައި އެސަރަހައްދުގެ ކަނޑުގެ ރީތި މަންޒަރުތަކެއް ވީޑިއޯ ކޮށްފިއެވެ.

ޓެކް ޚަބަރުތައް ގެނެސްދޭ ބައިނަލްއަޤުވާމީ މީޑިއާތަކުން ބުނާ ގޮތުގައި ސަމްސަންގް އިންޑިއާގެ ޓީމެއް ވަނީ ނޭޝަނަލް ޖިއޮކްރަފިކް ޓްރެވެލާގެ މުވައްޒަފުންނާއިއެކު ފުވައްމުލަކު ކައިރިއަށް ފީނައި ފެމުނުގެ ވީޑިއޯތަކެއް ކޮށްފައެވެ.

ފުވައްމުލަކު ކައިރިއަށް ފީނައި މިޔަރާއި އަދި އެހެން މަސްތަކުގެ ފޮޓޯ އާއި ވީޑިއޯ ނެގި ޓީމްގައި ނޭޝަނަލް ޖިއޮގްރަފިކްގެ މަޝްހޫރު ވީޑިއޯ ގްރާފަރު މަލައިކާ ވަޒް ވެސް ހިމެނެއެވެ. މަލައިކާ އަކީ ހާއްސަކޮށް ވައިލްޑްލައިފްގެ ވީޑިއޯގްރާފަރެކެވެ. އޭނާގެ ވީޑިއޯތަކަށް ބައިނަލްއަޤުވާމީ އެތައް އެވޯޑެއް ލިބިފައި ވެއެވެ.

ޏ. ފުވައްމުލަކުގައިވާ ފަރިކެޑެ ސަރަހައްދަކީ އެކި ބާވަތްތަކުގެ މިޔަރު ސާފުވުމަށާއި ވިހެއުމަށް ޖަމާވެ އުޅޭ ސަރަހައްދެކެވެ. މި ގޮ ތުން މި ސަރަހައްދުން އާއްމުކޮށް ފެންނަ މުހިއްމު ދިރުން ތަކުގެ ތަރޭގައި ކަނޑި މިޔަރު, ފާނަ މިޔަރު, އެންމަޑި، އަދި ފެހުރިހި ހިމެނެއެވެ. މި ދިރުންތަކަކީ ބައިނަލްއަޤްވާމީ ގޮތުން ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރުންތައް ކަމުން މި ފަދަ ދިރުންތައް ސާފުކުރުމަށާއި ވިހައި އާލާވުމަށް ބޭނުންކުރާ މި ސަރަހައްދު ސަރުކާރުން މިހާރު ވަނީ ހިމާޔަތް ކޮށްފައެވެ.

ފުވައްމުލަކު ކައިރިން ފެންނަ މިޔަރުތައް ބަލާލުމަށް ފަހަކަށް އައިސް ދުނިޔޭގެ އެކި ސަރަހައްދުތަކުން ފަތުރުވެރިން ޒިޔާރަތް ކުރެއެވެ. ފުވައްމުލަކަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ ތެރޭގައި ދުނިޔެއަށް މަޝްހޫރު ޑައިވަރުން ވެސް ގިނަ އަދަދަކަށް ހިމެނެއެވެ.