ރާއްޖޭގެ ތާރީޚްގައި މިހާތަނަށް ނަފުރަތު އުފައްދަވަމުން ގެންދެވި ސިޔާސީ ލީޑަރުން ހޯއްދަވަން ޚާއްސަ އޮޑިޓެއް ހެދުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުން ފެށުމަށް އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ގޮވާލައްވައިފިއެވެ.

ސައީދު މިއަދު ކުރެއްވި ޓްވީޓެއްގައި މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މީގެ ކުރިން ދައްކަވާފައިވާ ވާހަކައަކާއި ދާދި ފަހަކުން ދައްކަވާފައިވާ ވާހަކައެއް ޚިއްސާ ކުރައްވަމުންނެވެ.

އެއިން އެއް ވާހަކައަކީ ސީރިއާގެ ދާޚިލީ ހަނގުރާމައިގައި ބައިވެެރިވާން ދިވެހިން ފޮނުވުމުގައި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ މައްޗަށް ތުހުމަތު ކުރައްވައި ނަޝީދު ދެއްކެވި ވާހަކައެވެ. ނަޝީދުގެ އެވާހަކަ ޝަހީމް ދޮގު ކުރައްވައެވެ.

ސައީދު ޚިއްސާ ކުރައްވާފައިވާ ރައީސް ނަޝީދުގެ އަނެއް ވާހަކައަކީ އަވައްޓެރި އިންޑިއާއާ ގުޅޭ ގޮތުން ބައެއް މީޑިއާތަކުގައި ދައްކަވާ ވާހަކަ ކުށްވެރި ކުރައްވައި އެއީ ފިތުނައެއް ކަމުގައި އެމަނިކުފާނު އިއްޔެ ވިދާޅުވި ވާހަކައެވެ.

މި ކަންކަމަށް އީޝާރާތް ކުރައްވައި ސައީދު ވިދާޅުވީ ބައިނަލް އަގްވާމީ މާހިރުން ވެސް ހިމެނޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގައި ނޭޝަނަލް ޖޮއިންޓް ކޮމިޝަނެއް އުފައްދަވަން ފެނިވަޑައިގަންނަވާ ކަމަށެވެ. އެ ކޮމިޝަނުގެ މަސައްކަތަކަށް ވާނީ ނަފުރަތު އުފެއްދި ލީޑަރުން ހޯދުމަށް ޓަކައި އޮޑިޓެއް ތައްޔާރު ކުރުން ކަމަށް ސައީދު ވިދާޅުވިއެވެ.

"މި އޮޑިޓްގެ ބޭނުމަކީ ފާއިތުވި 10 އަހަރުގެ ތެރޭގައި ވަކިވަކި ފަރުދުންގެ އަބުރު ކަތިލައި، ސާބިތު ނުހިފޭ ވާހަކަތައް ފަތުރައިގެން އެކުވެރި ގައުމުތަކުގެ މެދުގައި ނުތަނަވަސް ކަން އުފެއްދެވި ލީޑަރުން ހޯދުން." ސައީދު ލިޔުއްވާފައިވެއެވެ.

ކުރީގެ ސަރުކާރުގައި ޗައިނާއާ ގުޅޭ ގޮތުން، ބައިނަލް އަގްވާމީ އެކި ފޯރަމްތަކުގައި ވެސް ނަޝީދު ސާބިތުނުހިފޭ އެކި ވާހަކަ ދައްކަވާފައިވެއެވެ.

ނަފުރަތު އުފެއްދި ލީޑަރުން ހޯދަން މަޖިލީހުގައި ޚާއްސަ އޮޑިޓެއް ތައްޔާރު ކުރުމުގެ މަސައްކަތް ފަށަން ސައީދު ގޮވާލެއްވިއިރު، ނަފުރަތުގެ އަމަލުތައް އިތުރަށް ތަފްސީލްކޮށް ބަޔާން ކުރަން ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމުގެ ބިލެއްގެ މަސައްކަތް ވެސް މަޖިލީހުގައި ވަނީ ފަށައިފައެވެ. އަދި ރައީސް ނަޝީދުގެ ސެކިއުރިޓީ ފޫއަޅުވާލި ގޮތުގެ މައްޗަށް މަޖިލީހުގައި އިންކުއަރީއެއް ވެސް ވަނީ ހިންގައިފައެވެ.

މީސް މީޑިއާގައި އިންޑިއާގެ ވާހަކަތައް އަލުން ގަދަވެފައި މިވަނީ، ރާއްޖޭގައި ހުންނަ އިންޑިއާގެ ޑެޕިއުޓީ އެމްބެސެޑަރު ރޯހިތު ރާތިޝް އާ ގުޅޭ ގޮތުން "ދިޔަރެސް" ނޫހުގައި ޝާއިއުކޮށްފައިވާ ރިޕޯޓަކާއި ގުޅިގެން އެފަދަ ކަންކަން ހުއްޓުވައިދޭން އިންޑިއާ ހައި ކޮމިޝަނުން ސަރުކާރުގައި އެދުނު ހިސާބުންނެވެ. ސަރުކާރުން ވެސް ވަނީ ގައުމުތަކުގެ ގުޅުމަށް ހީނަރުކަން ނާންނަ ގޮތަށް ޚަބަރު ލިޔަން މީޑިއާތަކަށް އަންގައިފައެވެ.

އެއާއެކު، ޗައިނާ އެމްބަސީ ކުރިމަތީ މުޒާހަރާ ކުރާނެ ކަމަށާއި އިންޑިއާ ހައި ކޮމިޝަން ގޮއްވާލާނެ ކަމަށް މީސް މީޑިއާގައި ގޮވާލުމާ ގުޅިގެން ދެ އެމްބަސީން ސެކުއިރިޓީ ވަރުގަދަކޮށްދޭން ވެސް ވަނީ އެދިފައެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އެންމެ ގާތް ގުޅުމެއް ބާއްވަނީ އިންޑިއާއާއެވެ. އުތުރުން ފެށިގެން ދެކުނާ ހަމައަށް ހިންގާ ގިނަ މަޝްރޫއުތައް އިންޑިއާ އިން ވަނީ ލޯނު ދީފައެވެ. އަދި ބޮޑެތި މަޝްރޫއުތަކެއް ފަށަން މިހާރު އޮތީ ތައްޔާރުވެފައެވެ.

މިފަދަ މަޝްރޫއުތަކުގެ ފަހަތުގައި ވަނީ އިންޑިއާގެ ޖާސޫސީ އަސްކަރީ މަރުކަޒެއް ރާއްޖޭގައި ގާއިމް ކުރުން ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރެއެވެ. އެކަމަކު މި ވާހަކައަކީ ދެ ގައުމުގެ ސަރުކާރުން ވެސް ދޮގު ކުރާ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ޙހހހ

  2008 ފެބްރުއަރީ 8 ގައި ދައުލަތުގެ އިމާރާތްތަކާއި މުދަލަށް ގެންލުން ދިނުމަކީވެސް ހަރުކަށި ފިކުރަކުން އުފަންކުރުވި ކަމެއް ، މިކަމުގައި އިސްކޮށްތިބީ އެމް. ޑީ.ޕީއޭ ކިޔާ ، މިކަންވެސް ބަލަންޖެހޭ ، ފުލުހުން ގާގައި ތަޅާނެ ކުދިންކޮޅެއް ހޯދަން ގޮވީ ކާކުބާ ، މިވެސް ހަރުކަށި ފިކުރު ، ރާއްޖެހިފަން ބޭރުގެ ބަޔަކަށް ދައުވަތުދިނީ ކާކު ، މިވެސް ހަރުކަށި ، ދެންބަލާ މިކަމުގައި އިސްސަފުގައި ތިބީ ކޮންބައެއްތޯ

 2. އަހްމަދު

  ވަރަށް ރަނގަޅުކަމެއް! 2006 އިން ފެށިގެން މިއަދާއި ހަމަޔަށް މިކަން ކުރިމީހުން ހޯދުމަށް ގޮވާލަން! އަދި އޭގެ ދެއަހަރު ކުރިން ފެށާއިފިއްޔާ އަސްލު މީހުންފެންނާނެ!!!

 3. ޅަަދަރިން

  ތި ލިސްޓުގެ އެއްވަނަ އަންނި.. ދެވަަނަ އިމްރާން..ތިންވަނައިބޫ

 4. ކޮވިޑް

  ތީ އޮޑިޓެއް ކުރަން ޖެހޭ ކަމެއްނޫން،
  * ރައީސް މައުމޫނުނަށް އެއްމެ އެއްޗެހި ގޮވީ.
  01 ރައިީސް ނަޝީދު
  02 ޝޭޙް ހުސެން
  03 އީވާ.........
  * ރައީސް ނަޝީދަށް
  01 އިމްރާން
  02 ޤާސިްމ
  03 އިލްޔާސް
  * ރައީސް ޔާމިން އަށް
  01 ރައީސް ނަޝީދު
  02 އިމްރާން
  03 އެމްޑީޕީ
  04 ޤާސިމް
  ދެން ކޮން އޮޑިޓެއް؟

 5. މިތުރާ

  ބުންނޭ ބުންނޭ ކިޔަންތިއްބާ 5 އަރުނިމޭނެ، ކަންތައްތަައް ބަދަލުކުރެވޭނީ ރައިޔިތުންގެ ވޯޓުން،

 6. އުސްމާނުބެ

  1- ނަޝީދު

 7. ދިރާސާ

  ކޮވިޑް ނަމުގައި ކޮމެންޓްކުރެއްވި ފަރާތަށް ތާއީދުކުރަން ނަމަވެސް އަހަރެންގެ ޚިޔާލްތަފާތު
  އެއީ އަހަރެންދެކޭގޮތުގައި މިކަމުގައި އެންމެކުރީގައި އުޅުއްވަނީ ރައީސް ( މިހާރުބޮޑުވަޒީރަށް