މިއަދު ރާއްޖެ އިން އިތުރު 90 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިއަދު މާލެ އިން 23 މީހުން ކޮވިޑަށް ފައްސިވިއެވެ. އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން މިއަދު 58 މީހުން ފައްސިވިއެވެ. ރިސޯޓްތަކުން ހަމީހުން، އަދި ރިސޯޓް ހަދަމުންދާ ރަށްތަކުން ތިން މީހުން މިއަދު ފައްސިވިއެވެ.

މިއަދަކީ ފާއިތުވި ތިން މަސް ދުވަހުގެ ތެރޭގައި އެންމެ ގިނަ މީހުން ކޮވިޑަށް ޓެސްޓް ކުރި ދުވަހެވެ. މިއަދު 7012 މީހުން ވަނީ ކޮވިޑަށް ޓެސްޓް ކޮށްފައެވެ. މިއަދު ކޮވިޑަށް ފައްސިވީ ޓެސްޓް ކުރި މީހުންގެ %1.28 މީހުންނެވެ.

މިއަދަކީ އޭޕްރީލް މަހު ކައުންސިލް އިންތިހާބަށް ލުއިތައް ދިނުމުގެ ކުރިން ދުވާލަކު ފައްސިވާ މީހުންގެ އަދަދު 100 އިން ދަށަށް ވެއްޓުނު ފަހުން އަދަދުތައް 100 އިން ދަށަށް ވެއްޓުނު ދެވަނަ ދުވަހެވެ. އަދި ފާއިތުވި ތިން މަސް ދުވަހުގެ ތެރޭގައި އަތޮޅުތެރެއިން ދުވާލަކު ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު 100 އިން ދަށުގައި ހުންނަތާ ޖެހިޖެހިގެން ފަސް ދުވަސް މިއަދު ވަނީ ވެފައެވެ.

ރާއްޖެ އިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން މިހާރު ބަލިން ރަނގަޅުނުވެ ތިބީ 2650 މީހުންނެވެ. މިއަދަކީ އެކްޓިވް ކޭސްގެ އަދަދު ނުވަތަ ބަލި ޖެހިފައި ތިބި މީހުންގެ އަދަދު އޭޕްރީލް މަހުގެ 20 ވަނަ ދުވަހަށް ފަހު އެންމެ ދަށަށް ދިޔަ ދުވަހެވެ.

ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު މަދުވާން ފެށުމާއިއެކު ކޮވިޑާއި ގުޅިގެން އަޅާފައި ހުރި ގިނަ ފިޔަވަޅުތަކަށް މިހާރު ވަނީ ލުއިތައް ދީފައެވެ. ގިނަ ލުއިތަކެއް މިހާރު ދީފައި ވާއިރު ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ނުޖެހި ތިބި މީހުންނަށް ވެކްސިން ދިނުމުގެ މަސައްކަތް ވެސް މިހާރު ވަނީ އަލުން ފަށާފައެވެ. މިހާތަނަށް ރާއްޖެ އިން 220000 މީހުންނަށް ވަނީ ވެކްސިންގެ ދެޑޯޒް ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު