ހުޅުމާލޭގައި ދަނޑުވެރިކަން ކުރިއެރުވުމަށާއި ދަނޑުވެރިކަން ކުރަން ބޭނުންވާ މީހުންނަށް ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ހިންގާ "ކޮމިއުނިޓީ އާބަން ފާމިން މަޝްރޫއު" ގެ ދަށުން ގާއިމްކުރާ ފެސިލީޓީ ނިމުމަކާ ގާތްވެފައިވާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހާމަކޮށްފިއެވެ.

އެ މަޝްރޫއު އަކީ ޖަޕާންގެ ހިލޭ އެހީގައި ޔޫއެންޑީޕީ އާއި އެޗްޑީސީ ގުޅިގެން ހިންގާ ސަސްޓެއިނަބަލް އިކޮނޮމިކް އެމްޕަވަރމަންޓް ފޯ ޑިވެލޮޕްމަންޓް އޮފް އެމްއެސްއެމްއީސް" (ސީޑްސް) މަޝްރޫއުގެ ބައެކެވެ.

އެޗްޑީސީން ވިދާޅުވީ، މަޝްރޫއުގެ 98 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށެވެ. މިހާރު ކުރިއަށް ދަނީ ކަރަންޓުލުމުގެ ބައެއް މަސައްކަތްތައް ކަމަށް އެޗްޑީސީން ވިދާޅުވިއެވެ.

މަޝްރޫއު އެއްކޮށް ނިންމާލެވޭނެ ކަމަށް އެޗްޑީސީން ކުރިން ލަފާކޮށްފައިވަނީ މިއަދުއެވެ.

އެ ފެސިލިޓީން ދަނޑުވެރިކަމަށް 600 ފޫޓްގެ 16 ޕްލޮޓް ދޫކުރާ އިރު ފުރަތަމަ ތިން މަސް ދުވަހު އެއްވެސް ކުއްޔެއް ނުނަގާނެއެވެ. މި މަސައްކަތް ފެށުމުގެ ކުރިން ދަނޑުވެރިކަން ކުރަން ބޭނުންވާ ފަރާތްތަކަށް ވަނީ ތަމްރީނު ޕްރޮގްރާމްތަކެއް ހިންގާފައެވެ.