ރާއްޖޭގައި ފަތުރުވެރިކަމަށް ދޫކުރާ ރަށްތައް "އަނިދިރިކަމުގެ" ތެރެއަށް ނުދާނެ ކަމަށާއި އެގޮތަށް ދޫކުރާ ރަށްތައް އޮންނަ މުއްދަތުގައި ކުރިއަށް ނުދާ ނަމަ މިނިސްޓްރީން އެ ރަށްތައް ތަރައްގީ ކުރަން ހަދާ އެއްބަސްވުންތައް ބާތިލްކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީން ގެނެސް ދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މައުސޫމް ވިދާޅުވީ، ފަތުރުވެރިކަން ތަރައްގީކުރަން ރަށްތައް ދޫކުރަނީ ދެ ފުށް ފެންނަ ގޮތަކަށް ކަމަށެވެ. އެގޮތުން ދޫކުރާ ރަށްތަކުގެ މައުލޫމާތުތަކާއެކު މިނިސްޓްރީން ހާމަކުރަމުން ގެންދަވާ ކަމަށް ވިދާޅުވިއެވެ.

މައުސޫމް ވިދާޅުވި ގޮތުގައި ފަތުރުވެރިކަމަށް ރަށެއް ތަރައްގީ ކުރަން ފަރާތްތަކަށް ދޫކުރަނީ ތިން އަހަރުގެ ތެރޭގައި ރަށް ހުޅުވަން ޝަރުތުކޮށެވެ. މައުސޫމް ރިޔާއަތް ކުރެއްވީ ސަރުކާރުން ދާދި ފަހުން، ފަތުރުވެރިކަމުގެ ބޭނުންތަކަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަން ތަރައްގީކުރުމަށް ދީފައިވާ މުއްދަތު އިތުރުކޮށްދިނުމާއި ކުއްޔާއި ޖޫރިމަނާ ފަސްކޮށްދިނުމުގައި އަމަލުކުރާނެގޮތުގެ ގަވާއިދަށް ގެނައި އިސްލާހަށެވެ.

ޓޫރިޒަމް ގަވާއިދަށް ގެނައި އިސްލާހުގައިވާ ގޮޮތުން ކޮންސްޓްރަކްޝަން ޕީރިއަޑްގެ ތެރޭގައި ތަރައްގީ ކުރެވިފައި ނުވާ ތަންތަން އިތުރުކޮށްދެވޭނީ ގިނަވެގެން އިތުރުކޮށްދެވޭނީ ތިން އަހަރުގެ މުއްދަތަށެވެ.

މައުސޫމް ވިދާޅުވީ އެންމެ ބާރަށް މަސައްކަތްކުރިއަށްގެންދާ ރިސޯޓުތައްވެސް ދޮޅު އަހަރުގެ ތެރޭގައި ނިންމޭނެ ކަމަށާއި ތިން އަހަރުގެ މުއްދަތުގައި ރަށް ތަރައްގީ ނުކުރެވިއްޖެނަމަ އެގްރީމެންޓް ބާތިލްކުރެވޭނެ ކަމަށެވެ. މައުސޫމް ދެއްވި ޔަގީންކަމަކީ މީގެ ކުރިން "ވާނުވާ" ގައި ރަށްތައް ދޫކުރި ގޮތަށް މިހާރު އެކަން ނުވާނެ ކަމެވެ.

"އަނދިރިކަމުގެ ތެރޭގައި ރަށްތަކެއް ނުހުންނާނެ" މައުސޫމް ވިދާޅުވިއެވެ.

ޓޫރިޒަމް މިނިސްޓްރީން ވަނީ މީގެ ކުރިން ދޫކުރި ރަށްތަކުގެ ތެރެއިން ނުހެދި ހުރި ބައެއް ރަށްތަކުގެ އެގްރީމެންޓް އުވާލައި ބަައެއް އެގްރީމެންޓްތަކަށް ބަދަލު ގެނެސްފައެވެ. ފާއިތުވި އަހަރުތަކުގައި ނެހެދި އޮތް 85 ރަށެއް އެބައޮތް ކަމަށް މައުސޫމް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.