މޯލްޑިވިއަން ރިފޯމް މޫވްމެންޓް (އެމްއާރްއެމް)އިން އަބްދުﷲ ކަމާލުއްދީން ވަކިވިކަން އަންގާފައިވާ ކަމަށާއި، ސިޔާސީ ޕާޓީއެއް އުފެއްދުމަށް އަނެއްކާވެސް އޭނާ ފޯމް ހުށަހަޅުއްވަން ޖެހޭނެ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ)ން ވިދާޅުވެއްޖެއެވެ.

އީސީން މިއަދު ވަނީ ކަމާލުއްދީން ސިޔާސީ ޕާޓީއެއް އުފައްދަން ހުށަހެޅި ފޯމް ބާތިލްކޮށްފައެވެ. އެ ފޯމް ބާތިލްކޮށްފައި ވަނީ އެހެން ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި އޭނާގެ ނަން އޮތުމުން ކަމަށެވެ.

އީސީން މިއަދު މެންދުރުފަހު ވިދާޅުވީ، އޭނާ އެމްއާރްއެމް އިން ވަކިވާން އެ ޕާޓީއަށް ހުށަހަޅާފައި އޮވެދާނެ ކަމަށާއި، ނަމަވެސް އިލެކްޝަން ކޮމިޝަނަށް އެކަން އައިސްފައި ނުވާ ކަމަށެވެ.

މިރޭ އީސީން ވިދާޅުވީ، ކަމާލުއްދީން އެމްއާރްއެމް އިން ވަކިކޮށް ދިނުމަށް އެދި މީގެ ކުޑަ ވަގުތުކޮޅެއް ކުރިން އެމްއާރްއެމް އިން އީސީއަށް ހުށަހަޅާފައިވާ ކަމަށެވެ.

އޭނާ ސިޔާސީ ޕާޓީއެއް އުފައްދަން ފޯމް އަލުން ހުށަހަޅަން ޖެހޭތޯ "ވަގުތު" އިން ކުރި ސުވާލަކަށް ޖަވާބުދެމުން އީސީން ވިދާޅުވީ، ކުރިން ހުށަހެޅި ފޯމާއި މެދު ގޮތެއް ނިންމައި، އީސީން އޭނާއަށް ޖަވާބު ދީފައިވާ ކަމަށެވެ. އެގޮތުން އަލުން އޭނާ ފޯމް ހުށަހަޅަން ޖެހޭނެ ކަމަށް އީސީން ވިދާޅުވިއެވެ.

ކަމާލުއްދީން އުފައްދަވަން ނިންމެވި ޕާޓީއަކީ "ގައުމީ އެއްބައިވަންތަ" ޕާޓީއެވެ.