ހދ. ހަނިމާދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ބޭރުތޮށިލުމުގެ މަސައްކަތް ފަށައިފިއެވެ.

އެމްޓީސީސީން މިއަދު ވިދާޅުވި ގޮތުގައި އެ މަސައްކަތް ފެށީ އިއްޔެގެ ވަގުތެއްގައެވެ.

ހަނިމާދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން އާ ހާބަ ބޭސިން ފުން ކުރުމުގެ މަސައްކަތުގެ %99 ވަނީ ނިމިފައި ކަމަށް އެމްޓީސީސީން ވިދާޅުވިއެވެ.
މި މަޝްރޫޢުގެ ދަށުން 53,522.50 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ހާބަރ ބޭސިން ފުންކުރުމާއި، 31,575.50ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރަށް ވަދެވެން އޮންނަ ދިމާ ނެރު ފުންކުރުމާއި، 355 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 50 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 270 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމުގެ މަސައްކަތް ހިމެނެއެވެ.

އަދި 2583 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުން ހިމެނެއެވެ.

މި މަޝްރޫއުއަކީ 57.1 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.