ހއ. ހަނިމާދޫގެ ފަތުރުވެރިކަމަށް ހާއްސަކޮށްފައިވާ ސަރަހައްދުން 80،000 އަކަފޫޓުގެ ބިން ކުއްޔަށް ދޫކުރުމަށް އެ ރަށު ކައުންސިލުން އިއުލާނުކޮށްފިއެވެ.

ހަނިމާދޫ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ، ދިގު މުއްދަތަކަށް ފަތުރުވެރިކަމަށް ދޫކުރަމަށް ހަމަޖެހިފައިވަނީ 12 ބިމެކެވެ. އެއީ އެއީ 10،000 އަކަފޫޓުގެ ހަތަރު ބިމަކާއި 5،000 އަކަފޫޓުގެ އަށް ބިމެވެ.

އިއުލާނުގައިވާ ގޮތުން ދިހަ ހާސް އަކަފޫޓުގެ ބިންތަކުގެ މަޢުލޫމާތު ސާފުކުރުން އޮންނާނީ 20 ޖުލައި 2023 ވާ ބުރާސްފަތި ދުވަހުގެ 10:30 ގައި ކައުންސިލް އިދާރާގައެވެ. އަދި ފަސްހާސް އަކަފޫޓުގެ ބިންތަކުގެ މައުލޫމާތު ސާފު ކުރުން އޮންނާނީ 24 ޖުލައި 2023 ވާ ހޯމަ ދުވަހުގެ 10:30 ގައި ކައުންސިލް އިދާރާގައެވެ.

ދިހަ ހާސް އަކަފޫޓޫގެ މިބިންތަކުގެ ބިޑު ހުޅުވުން އޮންނާނީ 03 އޯގަސްޓް 2023 ވާ ބުރާސްފަތި ދުވަހުގެ 10:30 ގައި ކައުންސިލް އިދާރާގެ މީޓިންގ ރޫމުގައި ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

ފަސްހާސް އަކަފޫޓުގެ މިބިންތަކުގެ ބިޑު ހުޅުވުން އޮންނާނީ 06 އޯގަސްޓް 2023 ވާ އާއްދީއްތަ ދުވަހުގެ 10:30 ގައި ކައުންސިލް އިދާރާގެ މީޓިންގ ރޫމުގައެވެ.

ކައުންސިލުން ބުނެފައިވަނީ މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ ބިޑުތަކާއި، ކަނޑައެޅިފައިވާ ގަޑީގެ ފަހުން ގެންނަ ބިޑުތައް ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެ ކަމަށެވެ.