ރާއްޖޭގެ ބައެއް ރިސޯޓުތަކަށް، މީސްމީޑިއާ މަންސަތަކުގައި ގިނަ ބައެއްގެ މަޤުބޫލުކަން ހޯދާފައިވާ މޮޑެލްކުރާ އަންހެނުންގެ އުނދަގޫ ބޮޑުވެފައިވާ ކަމަށް ރިސޯޓެއްގެ އިސްފަރާތަކުން ބުނެފިއެވެ.

މިކަން ހާމަކޮށް ބޭރުގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނެފައިވަނީ، އަގުބޮޑު ރިސޯޓުތަކުގައި ހިލޭ ޗުއްޓީ ހޭދަކޮށްލުމަށް ބައެއް މޮޑެލުންނާއި ބްލޮގަރުން އެދެމުންދާ ކަމަށެވެ. އަދި މި ކަން ކުރިމަތިވެފައިވާތާ އެތައް ދުވަހެއް ވެގެން ގޮސްފައިވާއިރު، އެކަމަށް ފުރުސަތު ދޭ ރިސޯޓުތައް ވެސް ރާއްޖޭގައި އެބަހުރި ކަމަށް އޭނާ ވަނީ ބުނެފައެވެ.

"ބައެއް މީހުން އެބަ މެސެޖްކޮށްލާ، އެމީހުންގެ އިންސްޓަގްރާމުގައި ދެހާސް ފޮލޯވަރުން އެބަތިއްބޭ، ރިސޯޓުގައި ދިހަ ވަރަކަށް ދުވަހުގެ ޗުއްޓީއެއް ހޭދަކޮށްލަން ބޭނުންވެއޭ. ބަދަލުގައި އެފަރާތްތަކުން ހުށަހަޅަނީ ރިސޯޓުތަކުގައި އެމީހުން ނަގާ އެމީހުންގެ އަމިއްލަ ފޮޓޮއެއް، އިންސްޓަގްރާމުގައި ޢާންމު ކުރުމަށް،"

ރިސޯޓެއްގެ ގޮނޑުދޮށުގައި މީހަކު ނަގާފައިވާ ފޮޓޯއެއް

ރާއްޖޭގެ ރިސޯޓެއްގެ އިސް މަޤާމެއްގައި ހުރި އެމީހާ ބުނެފައިވަނީ، ކޮންމެ ދުވަހަކުވެސް އެފަދަ ހަ ވަރަކަށް މެސެޖް ނުވަތަ އީމެއިލް ލިބެމުންދާ ކަމަށާއި، އިސްންޓަގްރާމުން ޖަހައިދޭ ޕޯސްޓަކަށް ރާއްޖޭގައި ޗުއްޓީ ހޭދަކޮށްލުމަށް ފުރުސަތު ދިނުމަކީ ފަސޭހަ ކަމެއް ނޫން ކަމަށެވެ. މިކަން އެފަރާތްތަކަށްވެސް އަންގާފައިވީނަމަވެސް، އެކި ފަހަރު މަތިން އެކި ހުށަހެޅުންތައް ހުށަހަޅަމުންދާ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

"މިފަދަ މީހުން ބޭނުންވަނީ ރާއްޖޭގައި މަދުވެގެން ހަފްތާއެއްހައި ދުވަސް، އޯލް އިންކްލޫސިވްކޮށް ހޭދަކޮށްލަން. ރާއްޖެއަށް ޒިޔާރަތްކޮށް ރިސޯޓުތަކުގައި އުޅެލުމަކީ އެހައި އާދައިގެ ކަމެއް ނޫން. މިއީ ދުނިޔޭގެ އެންމެ ރީތި މަންޒިލް،"

ރިސޯޓެއްގެ ގޮނޑުދޮށުގައި މީހަކު ނަގާފައިވާ ފޮޓޯއެއް

އޭނާ އިތުރަށް ބުނެފައިވަނީ، ރިސޯޓުތައް ޕްރޮމޯޓުކުރުމަށް ބޭނުންވަނީ މީސްމީޑީއާގައި ފޮލޯވަރުން ގިނަ މޮޑެލުން ނުވަތަ ބްލޮގަރުން ނޫން ކަމަށެވެ. އޭގެ ބަދަލުގައި، ރިސޯޓްތަކުގެ މާކެޓަށް ފައިދާކުރުވަނިވި ބޭނުންތެރި މަސައްކަތްތައް ކޮށްދޭ މީހުންނަށް އެ ފުރުސަތު އޮތްކަމަށްވެސް އޭނާ ބުނެފައި ވެއެވެ.

"ދުވާލަކު ތަފާތު ދިހަ ބިކިނީ ލައިގެން، ގޮނޑުދޮށުގައި ފޮޓޯ ނެގުމަށްފަހު ޢާންމު ކުރުމަކީ އެ ބިކިނީތައް އުފައްދާ ކުންފުންޏަށް ފައިދާކޮށްފާނެ ކަމެއް. އެ ފޮޓޯ ނަގާފައި ވަނީ ކޮން ތަނެއްގައި ކަމެއް ގިނަ ބަޔަކަށް ނޭނގޭނެ. އެއީ ރާއްޖޭގެ ކޮންމެ ހިސާބެއްގެ ގޮނޑުދޮށަކަށްވެސް ވެދާނެ،"