ކޯޓަށް ގެންދިޔުމަށް ނަދީމް މާލެ ގެނައުން - ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ޝަރީއަތުން އަންގާ ގޮތުގެ މަތިން ދައުލަތުން އަމަލު ކުރަމުން ނުދާނަމަ، ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވާ މައުމޫންގެ ދަނބިދަރިކަލުން މުހައްމަދު ނަދީމްގެ ބަންދު ރިވިއު ކުރައްވާނެކަމަށް ކްރިމިނަލް ކޯޓުން ދާދި ދެންމެއަކު ވިދާޅުވެއްޖެއެވެ.

ކްރިމިނަލް ކޯޓުގެ އިސް ގާޒީ ހައިލަމް މިހެން ވިދާޅުވެފައިވަނީ ނަދީމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ނިރުބަވެރިކަމުގެ އަމަލެއް ކުރަން އުޅުމުގެ ކުށުގެ ދައުވާގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައެވެ.

ގާޒީ ހައިލަމް މިހެން ވިދާޅުވީ މާފުށީ ޖަލުގައި ނަދީމް ބަންދުގައި ބަހައްޓާފައިވަނީ އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށް ބުނެ ނަދީމް ޝަރީއަތުގައި ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ. ގާޒީ ވިދާޅުވީ، 2018 ޖޫން 26 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ނަދީމްގެ ބަންދާ ގުޅިގެން ހުށަހަޅަން ޝަރީއަތުން ނިންމެވި ލިޔުންތައް ދައުލަތުން ކޯޓަށް ހުށަހެޅުމަށާއި، އެގޮތަށް އަމަލު ނުކޮށްފިނަމަ ނަދީމްގެ ބަންދު ރިވިއު ކުރައްވާނެ ކަމަށެވެ. ޝަރީއަތުން ކަނޑައަޅާފައިވަނީ ބަންދުގައި ބަހައްޓާ ގައިދީންނާ މެދު އަމަލުކުރާ އެންމެހާ ގަވާއިދުތައް ނަދީމް އެދިލެއްވި ފަދައިން ދިނުމަށެވެ.

މީގެ އިތުރުން ނަދީމް ބަންދުގައި ބަހައްޓައިގެން ފުލުހުން ތަހްޤީގު ހިންގިއިރު، ވަކީލަކު ނެތި ނަދީމްގެ ފިންގަރޕްރިންޓް ނެގި މައްސަލައެއްވެސް ނަދީމް ވަނީ ފާހަގަ ކުރައްވާފައެވެ. އެ މައްސަލައާ ގުޅިގެން ދައުލަތުން ވިދާޅުވީ، ނަދީމްގެ ފިންގަރޕްރިންޓް ނެގީ ވަކީލުންގެ ހާޒިރުގައިކަން ބަޔާންކުރާ ލިޔުމެއް ނެތް ކަމަށާއި އެހެން ނަމަވެސް ފުލުހުން އަމަލު ކުރައްވާފައިވާނީ ގަވާއިދާ އެއްގޮތަށް ކަމަށް ދެކިލައްވާ ކަމަށެވެ. މިކަމާ ގުޅިގެން ގާޒީ ހައިލަމް ނިންމެވީ 2 ދުވަހުގެ ތެރޭގައި އެކަމާ ގުޅޭ ލިޔުންތައް ޝަރީއަތަށް ހުށަހެޅުމަށް ދައުލަތަށް ފުރުޝަތު ދިނުމަށެވެ.

މިއަދު ބޭއްވި ޝަރީއަތަކީ ދައުލަތާއި ނަދީމްގެ ފަރާތުން ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހެޅުމަށާއި، ހުށަހެޅުންތަކަށް ޝަރީއަތުން ގޮތެއް ނިންމެވުމަށް ބެއްވި އަޑުއެހުމެއް ނަމަވެސް ވަގުތު ތަން ނުދިނުމުގެ ސަބަބުން ހުރިހާ ހުށަހެޅުމަކަށް ގޮތް ކަނޑައަޅާފައެއް ނުވެއެވެ.

ދައުލަތުން ހުށަހެޅި ތިން ހުށަހެޅުމުގެ ތެރޭގައި ހިމެނެނީ މި މައްސަލައިގައި ހެހިބަސްދޭ ފަރާތްތަކަށް ހިމާޔަތް ލިބިދެވޭ ގޮތަށް ހެކިބަސް ނެގުމަށާއި، ހެކި ރައްކާކޮށްދިނުމުގެ ދާއިމީ އަމުރެއ ނެރެދިނުމުގެ އިތުރުން ނަދީމް އާ ދެކޮޅަށް އައު ހެއްކެއް ލިބިއްޖެނަމަ އެ ހެއްކެއް ޝަރީއަތަށް ބަލައިގަތުމަށް ނިންމަދިނުމަށް އެދުމެވެ.

ގާޒީ ހައިލަމް މިއަދު ނިންމެވީ، ދައުވާ ލިބޭ ފަރާތާ އެއްހާޒިރު ނުވާނެ ގޮތަށް ހެކިބަސްދޭ ފަރާތްތަކަށް ހިމާޔަތް ލިބިދެވޭ ގޮތަށް ހެކިބަސް ނެގުމަށާއި، ހެކި ރައްކާ ކުރުމަށް ކްރިމިނަލް ކޯޓުން ކުރިން ނެރެފައިވާ ވަގުތީ އަމުރު ދާއިމީ ކުރުމަށެވެ. ދައުލަތުގެ ތިންވަނަ ހުށަހެޅުމާ މެދު ގާޒީ ވިދާޅުވީ، މައްސަލައަކީ ތަހްޤީގު ކުރެވެމުންދާ މައްސަލައަކަށް ވާތީ އައު ހެއްކެއް ހުށަހެޅިއްޖެނަމަ ހެކި ބަލައިގަތުމާއި ބަލައި ނުގަތުމާމެދު ޝަރީއަތުން ގޮތް ނިންމަވާނެ ކަމަށެވެ.

މީގެ އިތުރުން ކުރިން ދައުލަތުން ސިއްރު ކޮށްދިނުމަށް އެދިފައިވާ ލިޔުންތަކުގެ ތެރޭގައި ހިމެނޭ ޑޮކިއުމެންޓް އެގްޒަމިނޭޝަން ރިޕޯޓް ދިފާއަށް ހާމަ ކުރުމަށް ދައުލަތު އިންކާރު ނުކުރައްވާ ކަމަށް މިއަދު ޝަރީއަތުގައި ދައުލަތުން ވިދާޅުވިއެވެ.

މި މައްސަލައިގައި ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކުގެ ގޮތުގައި މުޙައްމަދު ނަދީމްގެ ފަރާތުން 26 ހުށަހެޅުމެއް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވެއެވެ. އޭގެ ތެރޭއިން ފުރަތަމަ ހަތަރު ހުށަހެޅުމަކީ، ޝަރީއަތް ހިންގުމުގެ ގަވާއިދު އެކުލަވާލާފައި ނުވާތީ ނަދީމްގެ ޝަރީއަތް މެދުކަނޑާލުމަށް އެދި ހުށަހަޅާފައިވާ ހުށަހެޅުންތަކަކާއި، މި ދައުވާއަކީ ޤާނޫނާ ހިލާފަށް ހުށަހެޅުނު ދައުވާއަކަށްވާތީ މި ދައުވާ ބާތިލު ކޮށްދިނުމަށް އެދި ހުށަހަޅާފައިވާ ހުށަހެޅުންތަކެކެވެ. މި ހުށަހެޅުންތައް ބަލައި ނުގަތުމަށް ގާޒީ ހައިލަމް ވަނީ ނިންމަވާފައެވެ.

ފަސްވަނަ އަދި ހަވަނަ ހުށަހެޅުމެއްގެ ގޮތުގައި ދިފާއުން ހުށަހަޅާފައިވަނީ، މި ދައުވާއަކީ ބާތިލު ތަހްޤީގެއްގެ މައްޗަށް ބިނާކޮށް ކޮށްފައިވާ ދައުވާއަކަށް ވާތީއާއި، އަސާސީ ހައްޤުތައް ޤާނޫނާ ހިލާފަށް ހަނިކޮށްގެން ހިންގާފައިވާ ޝަރީއަތަކަށް ވާތީ ޝަރީއަތް ހިންގުމަކާ ނުލައި ބާތިލުކުރަންޖެހޭ ދައުވާއެއް ކަމަށެވެ. ފިންގަރޕްރިންޓް ނެގުމުގެ މައްސަލައިގައި އަންގާރަ ދުވަހުގެ 12:00 އަށް މިކަމާ ގުޅުންހުރި ލިޔުންތައް ހުށަހަޅަން ދައުލަތަށް ފުރުޞަތު ދީފައިވާއިރު، މި ހުށަހެޅުންތަކާމެދު ޝަރިއަތުން ވަކި ގޮތެއް ވަނީ ކަނޑަނާޅައެވެ.

ނަދީމްގެ ފަރާތުން ހަތްވަނަ ހުށަހެޅުމެއްގެ ގޮތުގައި ހުށަހަޅާފައިވަނީ ޤާނޫނު އަސާސީގެ 17 އަދި 20 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ ހަމަހަމަކަމުގެ ހައްޤަށް އުނިކަން އަންނަ ގޮތަށް އަމަލު ކޮށްފައިވާތީ މި ދައުވާ ބާތިލުކޮށްދިނުމަށެވެ. ނަމަވެސް ގާޒީ ހައިލަމް ނިންމެވީ މި ހުށަހެޅުމަކީ ބަލައިގަނެވޭނެ ހުށަހެޅުމެއް ނޫންކަމަށެވެ.

މައްސަލައިގެ ތަހްޤީގަށް ފުލުހުން ބަލާ ފާސްކުރި ތަންތަނުގެ ފޮޓޯތަކާއި ވީޑިއޯތައް ހިމެނޭހެން 43 ލިޔުމެއް (ތަކެތި) ނަދީމްއަށް ފޯރުކޮށްދިނުމަށް އެދި ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމެއްގެ ގޮތުގައި ނަދީމްގެ ވަކީލުން ޝަރީއަތަށް ހުށަހެޅުމުން ދައުލަތުން ވިދާޅުވީ، އެ ލިޔުންތަކަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 129 ވަނަ މާއްދާގެ ދަށުން ދިފާއަށް ލިބިދޭންޖެހޭ ލިޔުންތަކެއް ނޫން ކަމަށެވެ.

މި ހުށަހެޅުމާއި ގުޅިގެން ޝަރީއަތުން ނިންމަވާފައިވަނީ، މައްސަލައިގައި ހުށަހަޅާ ދެ ރިޕޯޓާއި ގުޅުންހުރި ހުރިހާ ފޮޓޯ އާއި ވީޑިއޯގެ އިތުރުން ކޯޓު އަމުރުތަކުގެ ކޮޕީ އަދި މައްސަލައިގައި ސާމިލުވާ އެހެން ފަރާތްތަކުގެ ބަޔާންތައް ނަދީމް އާއި ހިއްސާ ކުރުމަށެވެ.

ކުށުން ބަރީއަވުމަށް އެކަށީގެންވާ ވަސީލަތްތައް ލިބިދީފައި ނުވާކަމަށް ނަދީމްގެ ވަކީލުން ހުށަހެޅުމުން ގާޒީ ހައިލަމް ވިދާޅުވީ، ނަދީމަށްވެސް އެކަށީގެންވާ ވަސީލަތްތައް ފޯރުކޮށްދެވޭ ކަމަށާއި، ހުށަހެޅުމުގައި އަސާސެތް ނެތުމުން ހުށަހެޅުން ބަލައި ނުގަންނަ ކަމަށެވެ.

މައްސަލައާއި ގުޅުންހުރި ފޮޓޯތަކާއި ބައެއް ލިޔުންތައް ލިބުމުން އަލުން ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކުގެ ގޮތުގައި އައު ކަމެއް ހުށަހެޅުމަށް 10 ދުވަހުގެ މުއްދަތެއް ދިނުމަށްވެސް ނަދީމްގެ ވަކީލުން މިއަދު ކްރިމިނަލް ކޯޓުގައި އެދިލެއްވިއެވެ. އެ ހުށަހެޅުމާ ގުޅިގެން ދައުލަތުން ވިދާޅުވީ، މި ހުށަހެޅުމަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 119 ވަނަ މާއްދާގެ ދަށުން ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމެއްގެ ގޮތުގައި ހުށަހެޅޭނެ ކަމެއް ނޫން ކަމަށެވެ. ގާޒީވެސް ނިންމެވީ މި ހުށަހެޅުން ބަލައިގަނެވޭނެ އަސާސެއް ނެތް ކަމަށެވެ.

ނަދީމްގެ ފަރާތުން ހުށަހަޅާ 26 ހުށަހެޅުމުގެ ތެރެއިން 10 ހުށަހެޅުން ހުށަހެޅުމަށްފަހު މިއަދުގެ ޝަރީއަތް ނިންމަވާލެއްވީ ވަގުތު ތަން ނުދިނުމުގެ ސަބަބުންނެވެ. މިއަދު މެންދުރު 2 ޖަހާކަންހާއިރު ފެށި އަޑުއެހުން ނިންމަވާލެއްވީ ހަވީރު 05:30 ހާއިރުއެވެ.

މިއަދު އަޑުއެހުމުގައި ނަދީމް ވަނީ އޭނާ ބަންދުގައި ބަހައްޓާ ގޮތާމެދު ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފައެވެ. މައިގަނޑު ގޮތެއްގައި މި މައްސަލައިގައި ދައުލަތުން ނިރުބަވެރިކަމުގެ ދައުވާ އުފުލާފައިވާ އިތުރު 8 މީހުންނާއި ނަދީމް ތަފާތު ކުރާ މައްސަލަ ނަދީމް ފާހަގަ ކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ތިއެއްނު ތި ކުރާ ކަމަކީ. އިންޒާރު ދިނުން. އިންޒާރު ދީދީ ތިބޭ

  2. ހޮނޑާފުށީބޮޑުހުސޭނު

    ހީހީހަލާކު ، ކުށެއްކުރަން ހިތަށް އެރުވީތީ ، ޓެރަރިސްޓަކަށް