އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ސަރަހައްދުން ދޫކޮށްފައިވާ ބައެއް ގޯތިތައް ކައުންސިލުން ނަގާފައިވާއިރު، އެ ގޯތިތައް ދެން ދޫކުރާނީ ކުރިން ހޮސްޕިޓަލް އެޅުމަށް ކަނޑައެޅުނު ސަރަހައްދުން ކަމަށް އެ ސިޓީގެ ކައުންސިލުން ހާމަ ކޮށްފިއެވެ.

އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ އިން ނެރުނު އިއުލާނެއްގައި ބުނީ، އެގޮތަށް ކައުންސިލުން ނިންމާފައިވަނީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް ހިމެނޭ ސަރަހައްދަކީ އައްޑޫގެ އިގްތިސާދާ ގުޅުންހުރި ކަންކަން މުސްތަގްބަލުގައި ފުޅާ ދާއިރާއެއްގައި ހިނގާނެ ސަރަހައްދެއް ކަމުގައި ވާތީ އާއި، މި ސަރަހައްދު ގުޅިފައިވަނީ އައްޑޫގެ އެންމެހާ ރައްޔިތުންގެ މަސްލަހަތާއި ކަމުގައި ވާތީ ކަމަށެވެ. އަދ މި ސަރަހައްދު ތަރައްގީ ކުރެވޭ އިރު ހޮސްޕިޓަލާ ގުޅުންހުރި ބޭނުންތަކަށާއި އާއްމު އެހެން ބޭނުންތަކަށް މި ސަރަހައްދުން ބިން ބޭނުންވާކަން ފާހަގަކުރެވިފައިވާ ކަމަށް އިއުލާންގައިވެއެވެ.

މި ސަރަހައްދުން ބިން ލިބެން އޮތީ، މިހާރު ދިރިއުޅުމަށް ދޫކޮށްފައިވާ ބައެއް ގޯތިތައް އެހެން ސަރަހައްދަކަށް ބަދަލުކޮށްގެން ކަމުގައި ވާތީ، އާއްމުވެގެންވާ މަންފާއަކަށްޓަކައި މި ސަރަހައްދުން ދިރިއުޅުމަށް ދޫކޮށްފައިވާ ބައެއް ގޯތިތައް ހުސް ކުރަން ބޭނުންވީ ކަމަށް ކައުންސިލުން ފާހަގަކުރިއެވެ.

ކައުންސިލްގެ ބަޔާނުގައި ބުނީ، ގޯތިތައް ބަދަލުކުރުމާ ގުޅިގެން ބަދަލުކުރެވޭ ގޯތިތަކުގެ ވެރިފަރާތްތަކުގެ ގޯތިތައް ބަދަލު ކުރެވޭނީ ޢަދުލުވެރި ބަދަލު ދިނުމަށް ފަހު ކަމަށެވެ.

މީގެ އިތުރުން، ބަދަލުކުރުމަށް ކައުންސިލުން ނިންމާފައިވާ ގޯތިތައް ހިމެނޭ ސަރަހައްދުގައި ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތިތަކުގެ ތެރެއިން ޢިމާރާތްކުރުމުގެ މަސައްކަތް ކޮށްފައިވާ ފަރާތްތަކުގެ ގޯތިތައް ކަނޑައެޅިފައިވާ ސަރަހައްދަށް ބަދަލުކުރުމުގެ ކުރިން، އެފަރާތްތަކާ އެކަމާމެދު މަޝްވަރާކުރުމަށް ކައުންސިލުން ނިންމަވާފައިވާތީ، އެކަމާމެދު އެފަރާތްތަކާ މަޝްވަރާ ކުރުމުގެ ކަންކަން ކުރިއަށް އޮތް ދުވަސްތަކުގައި ކުރިއަށް ދާނެ ކަމަށް އިއުލާންގައިވެއެވެ.

ގޯތިތައް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް ހިމެނޭ ސަރަހައްދުން ކުރިން ހޮސްޕިޓަލް އެޅުމަށް ކަނޑައެޅުނު ސަރަހައްދަށް ބަދަލުކުރުމަށް ނިންމައި ކައުންސިލުން މިހާރު ވަނީ ލިސްޓު އާއްމު ކޮށްފައެވެ.

ކައުންސިލުން ބުނީ، ލިސްޓުގައި ހިމެނޭ ގޯތިތައް ފިޔަވައި އެސަރަހައްދުން ގޯތި ލިބިފައިވާ ކަމަށް ބެލެވޭ ބައެއް ފަރާތްތަކުގެ ގޯއްޗާއި ގުޅޭ ލިޔެކިޔުންތަކުގައި މައްސަލަ ހުރިކަމަށް ފާހަގަކުރެވިފައިވާތީ، އެ ގޯތިތަކާ މެދު ކައުންސިލުން ނިންމާ ގޮތެއް އެފަރާތްތަކާ ހިއްސާކުރެވޭނެ ކަމަށެވެ.

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް ހިމެނޭ ސަރަހައްދުން ކައުންސިލުން ބަދަލުކުރުމަށް ނިންމަވާފައިވާ ގޯތިތަކުގައި ކައުންސިލްގެ ހުއްދަނެތި އެއްވެސް މަސައްކަތެއް އިއްޔެ އިން ފެށިގެން ނުކުރުމަށް ވަނީ އިލްތިމާސް ކޮށްފައެވެ. އަދި މި ގޯތިތަކުގައި މަސައްކަތެއް ކުރާނަމަ އެފަރާތަކަށް ލިބޭ ގެއްލުމަކަށް ކައުންސިލުން ޒިންމާ ނުވާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.