އދ. ގެ އާއްމު މަޖިލީހުގެ ރައިސްގެ ހައިސިއްޔަތުން، ރާއްޖޭގެ ފޮރިން މިނިސްޓާރު އަބްދުﷲ ޝާހިދު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މިއަދު ރާއްޖެ ވަޑައިގެންފިއެވެ.

ޝާހިދު އިންޑިއާއަށް ކުރެއްވި ދަތުރުފުޅަކީ އާއްމު މަޖިލީހުގެ ރައިސްގެ ހައިސިއްޔަތުން ގައުމަކަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.

އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި މިނިސްޓަރު ޝާހިދު ވަނީ އެ ގައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާ އެކްސްޗާނަލް އެފެއާސް މިނިސްޓާރު ޑރ ޖައިޝަންކަރު އަދި އިންޑިއާ ސަރުކާރުގެ އިސްބޭފުޅުންނާ ބައްދަލު ކުރައްވައިފައެވެ. މޯދީއާ އެކު ބޭއްވު ބައްދަލުކުރެއްވުމުގައި ޝާހިދު ވަނީ އާއްމު މަޖިލީހަށް އިންތިހާބުވުމަށް ކުރި ކެމްޕޭންގައި އިންޑިއާ އިން ތާއީދުކޮށް ދިނީތީ އިންޑިއާ ސަރުކާރަށް ޝުކުރު އަދާކުރައްވައިފައެވެ.

އަދި "އުއްމީދުގެ ރިޔާސަތު"ގައި 76 ވަނަ ސެޝަންގައި ކުރައްވަން އިސްކަން ދެއްވާ މަސައްކަތްޕުޅުތަކާ ބެހޭ މައުލޫމާތުވެސް މޯދީއާ ޝާހިދު ހިއްސާކުރެއްވިއެވެ.

އިންޑިއާއިން ރާއްޖެއަށް ދޭ ހިލޭ އެހީގެ އަދަދު އިތުރުކޮށްފައިވަނީވެސް ޝާހިދު ދަތުރާ ދިމާކޮށެވެ. އެކަމާ ގުޅޭ އެއްބަސްވުމުގައި ސޮއިކޮށްފައިވާއިރު އެ އެއްބަސްވުމުގެ ދަށުން އިންޑިއާއިން ރާއްޖެއަށް އިތުރު 155 މިލިއަން ރުފިޔާ އެހީ ވަނީ ދީފައެވެ.

ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ އެމްއޯޔޫގެ ދަށުން މިހާރުވެސް 12 ޕްރޮޖެކްޓެއް ކުރިއަށްގެންދެއެވެ.

އެއީ، އައްޑޫ ސިޓީ ހިތަދޫ، މަރަދޫ އަދި ހުޅުދޫ އާއި ނ. ކެނދިކުޅުދޫގައި ގޭދޮށު މަސް ޕްލާންޓް ގާއިމްކުރުމުގެ މަޝްރޫއުތައް، އައްޑޫ ސިޓީ ހިތަދޫ، ފޭދޫ، މަރަދޫ، މީދޫ އަދި ހުޅުދޫގައި ފަތުރުވެރިކަމުގެ ޒޯންތައް ތަރައްގީކުރުމުގެ މަޝްރޫއުތައް، ހަނިމާދޫގައި ހިންގާ ދަނޑުވެރިކަމުގެ މަޝްރޫއު، އައްޑޫ ސިޓީ ހުޅުދޫގައި ޑްރަގް ޑީޓޮކްސް މަރުކަޒެއް ގާއިމްކުރުމުގެ މަޝްރޫއުގެ އިތުރުން ހއ ހޯރަފުށީގައި ފެން ބަންދުކުރާ ޕްލާންޓެއް ގާއިމްކުރުމުގެ މަޝްރޫއެވެ.

އިންޑިއާގެ މީޑިއާތަކާއި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ އާއްމު މަޖިލީހުގެ ރައީސްކަމުގެ ދައުރުގައި އެންމެ ފުރަތަމަ އިސްކަމެއް ދެއްވާނީ ހުރިހާ ގައުމުތަކަށްވެސް ހަމަހަމަކަމާއެކު ވެކްސިން ހޯދައި ދިނުން ކަމަށެވެ.