މިއަދު ރާއްޖެ އިން އިތުރު 81 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިއަދު މާލެ އިން ފައްސިވީ 20 މީހުންނެވެ. އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން މިއަދު ފައްސިވީ 44 މީހުންނެވެ. އިތުރު 17 މީހަކު މިއަދު ރިސޯޓްތަކުން ފައްސިވިއެވެ. މިއަދަކީ ފާއިތުވި ހަދުވަސް ތެރޭގައި އެންމެ މަދު އަދަދެއްގެ މީހުން ކޮވިޑަށް ފައްސިވި ދުވަހެވެ.

މިއަދު ކޮވިޑަށް ޓެސްޓް ކޮށްފައި ވަނީ 4863 މީހުންނެވެ. އޭގެ ތެރެއިން ކޮވިޑަށް ފައްސިވީ %1.67 މީހުންނެވެ. މިއަދަކީ ޖުލައި މަހުގެ 09 ވަނަ ދުވަހަށް ފަހު އެންމެ މަދު އަދަދެއްގެ މީހުން ކޮވިޑަށް ފައްސިވި ދުވަހެވެ.

މިއަދު ކޮވިޑުން ރަނގަޅުވީ 85 މީހުންނެވެ. މިހާރު ރާއްޖޭގައި ކޮވިޑް ޖެހިފައި ތިބި މީހުންގެ އަދަދަކީ 2601 އެވެ. މިހާރު 18 މީހަކަށް ހޮސްޕިޓަލްގައި ފަރުވާ ދެމުން އެބަގެންދެއެވެ. މިއަދަކީ ޖުލައި މަހުގެ 10 ވަނަ ދުވަހަށް ފަހު ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ މީހުންގެ އަދަދު އެންމެ ގިނަވި ދުވަހެވެ.

ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު މަދުވާން ފެށުމުން މާލޭގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތައް ދިންތާ މިހާރު ތިންވަނަ ހަފްތާ ފެށިފައި ވާއިރު އަދި މާލޭގައި ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުން އަންނަ ކަމަކަށް ފާހަގައެއް ނުކުރެވެއެވެ.

ނަމަވެސް އަޟްހާ އީދު ފާހަގަ ކުރުމަށް ގިނަ ރަށްތަކެއްގައި ފޯރިގަދަ ހަރަކާތްތަކެއް ގިނަ ބަޔަކު އެއްވެގެން ކުރިއަށް ގެންގޮސްފައި ވާތީ ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު ކުއްލިއަކަށް އިތުރުވެގެން ހިނގައިދާނެ ކަމުގެ ބިރު ވަނީ ވަރަށް ބޮޑުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު