މާލެ އަތޮޅު ހިއްމަފުށީގައި ހުންނަ އައްސޭރި ޖަލަށް އެތެރެ ކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގަނެ އެތަކެތި ފުލުހުންނާއި ހަވާލު ކޮށްފައިވާ ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަން އަހްމަދު މުހައްމަދުފުޅު ވިދާޅުވެއްޖެއެވެ.

އަހްމަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރޭ ލިބުނު މައުލޫމާތަކައި ގުޅިގެން އައްސޭރި ޖަލުގެ އޮފިސަރުން ހިންގި އޮޕަރޭޝަނެއްގައި ޖަލަށް ވެއްދުމަށްޓަކައި އެޖަލުގައި ޕޮޓުކޮއްފައިވާ މަސްތުވާތަކެތި އެޖަލުގެ އޮފިސަރުން ވަނީ ހޯދާފައި ކަމަށާއި މިތަކެތި މިހާރުވަނީ ފުލުހުންނާއި ހަވާލު ކުރެވިފައި ކަމަށެވެ.

އައްސޭރި ޖަލުގެ ވަށާފާރު އުސްކުރުމުގެ ޕްރޮޖެޓްވަނީ ބަޔަކާއި ހަވާލުކުރެވިފައި ކަމަށާއި މާދަމާ އެކަމުގެ އަމަލީ މަސައްކަތް ފެށިގެން ދާނެ ކަމަށް ވެސް އަހްމަދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މި މަސައްކަތް ނިމުމުން، ފާރުމަތިން ޖަލުގެ ތެރެއަށް އެއްޗެހި އުކާ މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމަށެވެ.

ހިއްމަފުށީ ޖަލަކީ އެންމެ ނުރައްކާތެރި ނޫން ގައިދީން ހައްޔަރުކޮށްފައި ތިބޭ ޖަލެކެވެ.

ރާއްޖޭގެ ޖަލުތަކަށް ގާނޫނާއި ހިލާފު ތަކެތި ވެއްދުމަކީ ވަރަށް އާއްމު ކަމެކެވެ. ވަރަށް ފަސޭހައިން ޖަލު ތަކުން މަސްތުވާތަކެތި ވެސް ލިބެން ހުންނަ ކަމަށް ވެއެވެ. އޭގެ އިތުރުން ފޯނު ވެސް ޖަލުގައި ބޭނުން ކުރެއެވެ. ޖަލުގައި ފޯނު ބޭނުން ކުރުން ހުއްޓުވަން ޖޭމަރު ހަރުކުރުމުގެ ޕްރޮޖެކްޓެއް ކުރިއަށް ގެންދަން ވެސް ސަރުކާރުން ވަނީ ނިންމާފައެވެ.