ކ.ހިންމަފުށީގައި ބަނގުރަލާއި ހަށިވިއްކުން އެއީ އާންމު ކަމެއް ކަމަށް ދިޔަރެސް ނޫހުގައި ރިޕޯޓްކޮށްފައިވުމުން އެކަން އެ ރަށު ކައުންސިލުން ދޮގުކޮށްފި އެވެ.

ހިންމަފުށީ ކައުންސިލުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ މި މަހުގެ 20 ވަނަ ދުވަހު ދިޔަރެސް ނޫހުގައި ހިންމަފުށީގައި ބަނގުރަލާއި ހަށިވިއްކުން އާންމުކަމަށް ބުނެ ލިޔެ ޝާއިއުކޮށްފައިވާ ހަބަރަކީ ހަގީގަތާއި ހިލާފު ދޮގު މައުލޫމާތުގެ މައްޗަށް ލިޔެ އާންމުކޮށްފައިވާ ހަބަރެއް ކަމަށެވެ.

އަދި އެކަން ކުށްވެރިކުރާ ކަމަށް ބަޔާނުގައި ކައުންސިލުން ބުނެފައި ވެއެވެ.

ބަޔާނުގައި ބުނެފައި ވަނީ މިހާތަނަށް އެ ރަށުގައި އެފަދަ ކަމެއް ހިނގާ ނުވަތަ އާންމުވާ ކަމަށް ބުނެ އެއްވެސް ފަރާތަކުން ކައުންސިލަށް ރިޕޯޓްކޮށް އަންގާފައި ނުވާ ކަމަށެވެ.

"ހިތާމައަކީ ރަށުގައި ދިރިއުޅޭ ކޮންމެވެސް މީހަކު ބުނާހާ އެއްޗެއް އޭގެ ހަގީގަތް ބެލުމުގެ ގޮތުން ކައުންސިލާއި އެއްވެސް ސުވާލެއް ކޮށްލުމެއްނެތި ނޫސްވެރިޔާގެ އަމިއްލަ އިބާރާތުގެ މައްޗަށް އެއްވެސް ޒިންމާދާރު ކަމެއް ނެތް ގޮތެއްގައި މުޅި ރަށުގެ ނަން ބޭނުންކޮށް ރަށަށް ޒިޔާރަތް ކުރާ އެންމެހައި ފަރާތްތަކުގެ މެދުގައި ބިރުވެރިކަމަށާއި ނާމާންކަން އުފެދޭގޮތަށް ހަބަރު ހާމަކޮށްފައިވުން." ކައުންސިލުގެ ބަޔާނުގައި ބުނެފައި ވެއެވެ.

ކައުންސިލުން ބުނެފައި ވަނީ ނޫހުގައި ހަބަރު ލިޔުނު ފަރާތުން އަމަލުކޮށްފައިވާ ގޮތުން މުޅި ޖަމާއަތާއި ރައްޔިތުންގެ މަސްލަހަތާއި ގުޅި ރަށުގެ ނަމަށް ކިލަނބު ކަން އަންނަ ގޮތަށް ހަބަރުގައި ހިމަނާ ލިޔެފައިވާ ލިޔުމަކީ ވަރަށް ނާތަހުޒީބީ އަމަލެއް ކަމަށެވެ.

އެހެންކަމުން އިސްލާމްދީނުގެ ހަމަތަކާއިއެކު ޒިންމާދާރު ނޫސްވެރިކަމެއް ކުރުމުގެ ހެޔޮނިޔަތް އޮވެ ކުރިއަށްދިއުމަށް ކައުންސިލުން ވަނީ ގޮވާލާފަ އެވެ.