ރެޑްވޭވް ފިހާރައަކުން ސެންޓު ފުޅިއެއް ވަގަށް ނެގި ކަން ސާބިތުވެ މީހަކު 18،000ރ. އިން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މިއީ ނޮވެމްބަރު 25، 2017 ގައި ހިނގައިދިޔަ ކަމެކެވެ. މަޖިދީ މަގުން ގަލޮޅު ދަނޑުގެ ތިރީގައި ހިންގާ ރެޑްވޭވް ފިހާރައިން "އަރިސް" ބްރޭންޑްގެ ސެންޓު ފުޅިއެއް ނަގައި ޖިންސުގެ ތެރެއަށް ލައި ފޮރުވައިގެން ނުކުންނަނިކޮށް އޭނާ ހިފެހެއްޓިއެވެ.

މިފަދަ މައްސަލައެއްގައި ކުރިން ވެސް ހުކުމް ކޮށްފައިވާ މީހެއްގެ މައްޗަށް ދައުލަތުން ދައުވާ ކުރީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތުގައި ބާރު ހިންގުމުގެ ކުށުގެ ދައުވާއެވެ.

މަސްތުވާތަކެތީގެ މައްސަލައެއްގައި މިހާރު ހުކުމް ތަންފީޒު ކުރަމުންދާ އެ މީހާ ޝަރީއަތުގެ މަޖިލީހުގައި ވައްކަން ކުރި ކަމުގެ ކުށަށް އިއުތިރާފްވެ ދެން އެދުނީ އޭނާގެ މައްޗަށް މި މައްސަލާގައި ޖަލު ހުކުމެއްގެ ބަދަލުގައި ޖޫރިމަނާގެ ހުކުމަކަށް ބަދަލުކޮށްދިނުމަށެވެ.

މި ކުށުގެ އަސާސީ އަދަބަކީ ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެކެވެ. ކުރިން މިފަދަ ކުށެއް ކޮށްފައި އޮތުމުންނާއި ކުށަށް އިއުތިރާފްވުމުން އެއަށް ރިއާޔަތްކޮށް ގާޒީ ފުރަތަމަ ކަނޑައެޅުއްވީ ވެސް ތިން މަހުގެ ޖަަލު ހުކުމަކަށެވެ. އަދި އޭނާއަށް މިހާރު އިއްވާފައިވާ ޖަލު ހުކުމުގައި 16 ދުވަސް ބާކީ އޮތެވެ.

އެހެން ވިޔަސް، ޖޫރިމަނާގެ ހުކުމަކަށް ދައުލަތުން އިއުތިރާޒް ކޮށްފައި ނުވާތީ ގާޒީ ހުކުމް ކުރެއްވީ 18،000ރ. ގެ ޖޫރިމަނާއެއް ހަ މަސް ދުވަހުގެ ތެރޭގައި މިރާއަށް ދެއްކުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ރަބަރޭ

    އެމްއެމްޕީއާރުސީން ލާރިގަނޑު ނެގި މީހުން ހެވިލާފައި
    އަރާމުގަ ވަރަށް ރަގަނޅު

  2. ކުޑޭ

    ހެހޭހޭ އިންސާފެއް ސެންޓަކުނެތޭ ކެހިވެރިމި ސަރުކާރުގައި

  3. ލޫޓުވާ

    ޤާނޫނުގެ ބާރުވެރިކަން ދެއްކެނީި އާދައިގެ ރައްޔިތުންނަށް. ބަރުގަދަ ނުފޫޒުގަދަ މީހާޖެހުނީމަ ޤާނޫނުތަކާއި ކޯޓުތަކާއި ޖީޕީ ވާގިނެތިފަ އިދިފުށަށް ދަމަނީ. މިސާލަކަށް ޢަލީ ވަހީދުފުދޭ. މަހުލޫފް ރޯޔަލް ރޭޕް އީސަ މިކަހަލަ ބައިވަރު މީހުންގެ ނަން ކިއިދާނެ.