ހަ މަސް ދުވަހަަށް ފަހު ޔޫއޭއީގެ ވެރިރަށް އަބޫދާބީގެ ގްރީން ލިސްޓަށް ރާއްޖެ އިތުރުކޮށް ރާއްޖެއިންދާ މީހުން ކަރަންޓީނު ނުވާ ގޮތަށް ހަމަޖައްސައިފިއެވެ.

އަބޫދާބީގެ ގްރީން ލިސްޓުން ރާއްޖެ އުނިކުރީ މި އަހަރުގެ ފެބްރުއަރީ މަހު ކުރީކޮޅުއެވެ.

އިއްޔެ ޔޫއޭއީގެ ޑިޕާޓްމެންޓް އޮފް ކަލްޗާ އެންޑް ޓޫރިޒަމުން އާއްމުކުރި ގްރީން ލިސްޓަށް ރާއްޖެ ހިމެނޭ ގޮތަށް އަށްގައުމެއް ވަނީ އިތުރުކޮށްފައެވެ. ކޮވިޑްގެ ޑެލްޓާވެރިއެންޓާ ހެދި 12 ގައުމެއް ވަނީ އެ ލިސްޓުން އުނިކޮށްފައެވެ.

އިތުރުކުރި ގައުމުތަކަކީ ރާއްޖެ، ބަޙްރެއިން، ބުރުނޭއީ، ބަލްގޭރިޔާ، ޗެކްރިޕަބްލިކް، ޕޮލެންޑް، ސާބިއާގެ އިތުރުން ޔޫކުްރެއިންއެވެ.

ޑެންމާކް، ފްރާންސް، އައިސްލޭންޑް، ޖޯޑަން، މަލްޓާ، ނެދަލޭންޑް، ނޯވޭ، އަޔާލެން ސްވިޑެން އަދި ތުރުކެމިނިސްތާނުގެ އިތުރުން ވަޓިކަން ސިޓީ ވަނީ ގްރީން ލިސްޓުން އުނިކޮށްފައެވެ.

އެ އިދާރާއިން ބުނީ ގްރީން ލިސްޓަށް އިތުރުކުރި ގައުމުތަކަށް ކަރަންޓީނާ ނުލައި އަބޫދާބީއަށް އެތެރެވެވޭނީ މި މަހުގެ 31 އިން ފެށިގެން ކަމަށެވެ.

ގްރީންލިސްޓުގެ އަދާހަމަ މައުލޫމާތު ބެލުމަށް ފަހު ދަތުރުކުރަން އަބޫދާބީގެ ކަމާއި ބެހޭ ފަރާތްތަކުން ދަނީ އިލްތިމާސް ކުރަމުންނެވެ.