ރާއްޖެ ތަރައްގީ ކުރުމުގައި އެކުވެރި އަރަބި އިމާރަތް(ޔޫއޭއީ)އިން މުހިންމު ދައުރެއް އަދާ ކުރައްވާކަން ހާމަކޮށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ޝުކުރު އަދާ ކުރައްވައިފިއެވެ.

ޔޫއޭއީ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ހިޒް އެކްސެލެންސީ ޝެއިޚް ރަހްމާން ބިން އަބްދުލް ރަހްމާން ބިން ރަހްމާ އަލް ޝަމްސީ އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް ސޯލިހަަށް އަރުވަން މިއަދު ބޭއްވޖ ބޭއްވި ރަސްމިއްޔާތުގައި ރައީސް ވަނީ ޔޫއޭއީއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޝައިޚް ރަޙްމާއަށް މަރުހަބާ ދަންނަވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ދެ ބޭފުޅުންވެސް ވަނީ ދެ ގައުމުގެ ދެމެދުގައި މިހާރު އޮތް ހަރުދަނާ ގުޅުމާއި ގުޅޭގޮތުން މަޝްވަރާކުރައްވައި، ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ރާއްޖެ ތަރައްގީ ކުރުމުގައި ޔޫއޭއީއިން އަދާކުރާ މުހިންމު ދައުރާއި، ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމުގައި ޔޫއޭއީއިން އަދާކުރާ މުހިންމު ދައުރުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި އެކަމަށްޓަކައި އެމަނިކުފާނު ވަނީ ޔޫއޭއީގެ ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް އިހްލާސްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ.

ރައީސް އާއި ޔޫއޭއީއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާއި ދެމެދު ބޭއްވެވި މަޝްވަރާތައް ނިންމަވާލެއްވީ ރާއްޖެއާއި އެ ގައުމާއި ދެމެދު އޮތް އެކުވެރިކަމާއި އެއްބާރުލުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ދެ ފަރާތުން ވެސް މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ދެއްވަމުންނެވެ.