ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ އަބޫދާބީއަށް އަމާޒުކޮށް އިއްޔެ ދިން ޑްރޯން ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.

ޔަމަންގައި ވަކި ދައުލަތެއް ގާއިމު ކުރުމަށް ހަނގުރާމަ ކުރަމުންދާ ހޫތީ ހަނގުރާމަވެރިން އަބޫދާބީ އަށް ޑްރޯން ހަމަލާއެއްދީ ތިން މީހަކު ވަނީ މަރާލާފައެވެ.

ހޫތީން އަބޫދާބީއަށް ދެހަމަލާއެއް ދިނެވެ. ފުރަތަމަ ހަމަލާ ދިނީ ތެޔޮ އުފައްދާ ކާރުހާނާއަކަށެވެ. އެހަމަލާގައި ތިން މީހުން މަރުވިއެވެ. ދެވަނަ ހަމަލާ އަމާޒުކުރީ އަބޫދާބީގެ އިންޓަނޭޝަނަލް އެއާޕޯޓަށެވެ. އެހަމަލާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެއެވެ. ޔޫއޭއީގެ ފުލުހުން ބުނާ ގޮތުގައި އަބޫދާބީގެ ތެޔޮ އުފައްދާ ކާރުހާނާއަކަށް ދިން ޑްރޯން ހަމަލާގައި މަރުވެފައި ވަނީ އިންޑިއާގެ ދެމީހަކާއި ޕާކިސްތާން މީހެކެވެ.

އެ ހަމަލާ ކުށްވެރިިކޮށް ދިވެހި ސަރުކާރުން ރޭ ނެރުނު ބަޔާނުގައި ބުނެފައިވަނީ އާއްމުންނަށާއި ސިވިލް އިންފްރާސްޓްރަކްޗާއަށް އަމާޒުކޮށް ދިން ނިރުބަވެރި ހަމަލާއަކީ ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފު، އަދި އާއްމުންނާ ދަތުރުވެރިން ނުރައްކަލަށް ހުށަހެޅުނު ފިނޑި އަމަލެއްކަމަށެވެ.

އެމިރޭޓްސްގެ ސަލާމަތަށް ނުރައްކާ ކުރާ ފަރާތްތަކާ ދެކޮޅަށް އެ ގައުމުންކުރާ މަސައްކަތުގައި ދިވެހި ސަރުކާރުން ޔޫއޭއީގެ ސަރުކާރާއެކު އޮންނާނެކަން ހާމަކޮށް، އެސަރަހައްދުގެ ސުލްހަ މަސަލަސްކަމަށް ޔޫއޭއީ ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތަށް ދިވެހި ސަރުކާރުން ވަނީ ތައުރީފްކޮށްފައެވެ.

ޓެރަރިޒަމާ ދެކޮޅަށް ބައިނަލްއަގްވާމީ މުޖްތަމައާ ގުޅިގެން ދިވެހި ސަރުކާރުން މަސައްކަތް ކުރާނެކަމުގެ ޔަގީންކަން ދިވެހި ސަރުކާރުން ވަނީ ދީފައެވެ.

ޔޫއޭއީ އަށް އަމާޒުކުރި ހަމަލާތަކުގެ ޒިންމާ އުފުލައި ހޫތީން ނެރުނު ބަޔާނެއްގައި ބުނީ އެޖަމާއަތުގެ "އަސްކަރީ އޮޕަރޭޝަނެއް" ޔޫއޭއީގައި ހިނގަމުންދާ ކަމަށެވެ. ހޫތީން ބުނާ ގޮތުގައި ޔޫއޭއީ އަށް އެޖަމާއަތުގެ ހަނގުރާމަވެރިން ވަނީ ފަސް މިސައިލް ހަމަލާ އާއި އަދި ޑްރޯން ހަމަލާތަކެއް ދީފައެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް ޔޫއޭއީ އަށް އިތުރު ހަމަލާތައް ދޭނެ ކަމަށް ހޫތީން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ޔޫއޭއީ އިން އިސްނަގައިގެން އެމްބީސީ ހައްލާލައިގެން ޔަމަނަށް ހަމަލާދީ ޔަމަނުގެ ރައްޔިތުން ހާލުގައި ޖެއްސީމާ އޭގެ ހިތި ނަތީޖާ ޔޫއޭއީއަށް ނުފެނި ނުދާނެކަން ގަބޫލުކުރެވެއެވެ. އީރާނުގެ ވިސްނުން ހުރީ ޔޫއޭއީ އިން އީރާނަށް ދޫނުދީފިނަމަ ޔޫއޭއީގައިވާ އުސް ޢިމާރާތްތައް ބިމާ ހަމަކޮށްލުންކަމީ މިހާރު ސިއްރެއްނޫނެވެ. މިހާރު ޔޫއެސްއޭއިން ވަނީ ޔޫއޭއީއާ ދުރަށް ޖެހިލާފައެވެ. ތުރުކީވިލާތުގެ މަދަދު ހޯދަން ޔޫއޭއީ އިން މަސައްކަތްކުރެއެވެ. ނަމަވެސް ޔޫއޭއީ އަކީ ސަރަހައްދީ ފެންވަރުގައި ހުރިހާ ގައުމަކަށް ދުއްތުރާ ކުރަމުންދާ އަނިޔާވެރި ގައުމެއްކަން އަވަށްޓެރިން ދަނެއެވެ. ޔޫއޭއިން ޔަމަނު ޚަރާބުކޮށްލާފައިވާއިރު، ޔޫއޭއީ އިން ޤަޠަރަށް ހަދާލި ގޮތް ވެސް އަދި ހަނދާނެއް ނުނެތެވެ.

    3
    1