މި އަހަރުގެ ފުރަތަމަ ހަ މަސް ތެރޭގައި ގާތްގަނޑަކަށް ބައި ކިލޯގެ މަސްތުވާތަކެތި އެކި އެކި އޮޕަރޭޝަންތަކުން އަތުލައިގަނެފައިވާ ކަމަށް ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު މިއަދު ވިދާޅުވެއްޖެއެވެ.

އަހުމަދު މުހައްމަދުފުޅު އެހެން ވިދާޅުވީ ޕްރިޒަން އޮފިސަރުން ތަރައްގީކުރުމަށް ހިންގި "ޓްރޭނިންގ އޮން ބޭސިކް ސައިކޯސޯޝަލް އެޑިއުކޭޝަން" ޕްރޮގްރާމާއި "ޑްރަގް އެޑިއުކޭޝަން އެވެއަރނަސް ޕްރޮގްރާމް ފޮރ ޕްރިޒަން އޮފިސަރސް” ޕްރޮގްރާމްގެ ނިމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަމުންނެވެ. އެ ތަމްރީނު ޕްރޮގްރާމްތައް ފުރިހަމަކުރި 47 އޮފިސަރަށް ވަނީ ހަނދަނީ ލިޔުން ހަވާލުކޮށްފައެވެ.

ކޮމިޝަނާ އޮފް ޕްރިޒަންސް ވިދާޅުވީ، މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށްޓަކައި ނެޝަނަލް ލެވެލްގައި މަޝްވަރާތައް ކުރެވި، ގިނަ ކަންކަން ކުރެވެމުންދިޔަ ނަމަވެސް އެކަށީގެންވާ ހައްލުތަކެއް އަދި ނުފެންނަކަމަށެވެ.

ސަބަބަކީ މުޖްތަމައު ތެރޭގައި އަދި ޖަލުތަކުގެ ތެރޭގައިވެސް މިކަން ފެތުރިފައިވާ މިންވަރު ބޮޑުކަމުންކަމުންނާއި އޭގެންކުރާ ނޭދެވޭ އަސަރު ބޮޑުކަމުން ކަމަށް ފާހަގަކުރެއްވިއެވެ.

އަދި އެމްސީއެސް ބަލަހައްޓާ ހަތަރު ޖަލުގައި މިހާރުވެސް ބަންދުކުރެވިފައިވާ ގައިދީންގެ ނިސްބަތައް ބަލާއިރު 70 އިން ސައްތަ ގައިދީންނަކީ މަސްތުވާތަކެއްޗާއި ކޮންމެވެސް ބާވަތެއްގައި ޝާމިލްވާ ގައިދީންކަމަށާއި ޖަލުތަކުގައި ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ހިންގުމުގެ އިތުރުން ސަޕްލައި ހުއްޓުވުމަށް ވެސް މަސައްކަތް ކުރަންޖެހޭކަމަށް ވިދާޅުވިއެވެ.

އަހުމަދު މުހައްމަދުފުޅު ވިދާޅުވީ ގޮތުގައި ޖަލުތަކަށް މަސްތުވާތަކެތި ވަންނަ ގޮތްތައް އިތުރަށް ދިރާސާކުރެވެމުންދާ އިރު، ރާއްޖޭގައި ޖަލުތައް ހަދާފައިވާ ގޮތުން، ޖަލުތަކުގެ ސަލާމަތާ ރައްކާތެރިކަން ބެލެހެއްޓުމުގައި ބައެއް އަސާސީ ސިފަތަކާއި ކަންތައްތައް ނެތުމުން ދަތިތަކާ ކުރިމަތިލާން ޖެހެއެވެ.

ޖަލުތަކުގެ ވަށާފާރު ނެތުމާއި ބޭނުންވާ ބައެއް ޒަމާނީ އާލާތްތައް ނެތުން އޭނާ ފާހަގަކުރެއްވިއެވެ. އަދި ކޮވިޑް-19 ސަބަބުން ގައިދީން އެއްތަނުން އަނެއްތަނަށް އުފުލުން އެއް އިންސައްތައަށް މަދުކުރި ނަމަވެސް ޖަލަށް ވެއްދުން މަނާތަކެތި ވަންނަކަމަށާއި އެގޮތުން މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހަށް ބަލާއިރު، އޮޕަރޭޝަންތަކުން 178 މޮބައިލް ފޯނު އަތުލައި ގަނެވިފައިވާކަމަށް ވިދާޅުވިއެވެ.

އަދި މި ކަންތައްތައް ހައްލުކުރުމަށް ގޮންޖެހުންތަކާ ކުރިމަތިލައްވަން ޖެހޭކަމަށާއި ކޮންމެވެސް ވަރަކަށް އޮފިސަރުންގެ ބައިވެރިވުންވާކަމީ ހިތާމަހުރިކަމެއް ކަމަށް ވިދާޅުވިއެވެ. އެކަންތައްތައް ހުއްޓުވުމަށް މުއައްސަސާގެ އޮނިގަނޑަށް ބަދަލު ގެނެވި، ޕްރޮފެޝަނަލް ސްޓޭންޑާޑްއެއް ގާއިމުކުރުން ފަދަ ފިޔަވަޅުތައް އަޅާފައިވާކަމަށް ކޮމިޝަނަރު ވިދާޅުވިއެވެ. އަދި އޮފިސަރުންނާއި ހުރި ވަސީލަތްތަކުގެ ދަތިކަމާއެކު ޖަލުތަކުގައި ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ހިންގޭލެއް މަދުކަމަށް ފާހަގަކުރެއްވިއެވެ.

އަދި ބައެއް ބާވަތުގެ ކުށްތަކަށް ޖަލު ނޫން އެހެން އަދަބު ދެވޭނެ ގޮތްތައް ހޯދުމަށްޓަކައި ކަމާބެހޭ ވުޒާރާތަކާ މަޝްވަރާކުރަން ފަށާފައިވާކަންވެސް އަހުމަދު މުހައްމަދުފުޅު ފާހަގަކުރެއްވިއެވެ.