ފުވައްމުލަކުން ރޭ ފަތިހު ކަރަންޓާއި ފެނުގެ ހިދުމަތް މެދުކެނޑިއްޖެއެވެ.

ފުވައްމުލަކު މީހަކު "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ ރޭ ފަތިހު ހަތަރެއް ޖެހިއިރުން ފެށިގެން ފެނާއި ކަރަންޓްގެ ހިދުމަތް މެދުކެނޑުނީ އިންޖީނުގެ ހައި ވޯލްޓޭޖު މައި ޓްރާންސްފޯމަރަށް ދިމާވި މައްސަލައަކުން ކަަމަށް ފުވައްމުލަކަށް ފެނަކަ އިން އެރަށު ކޮމިއުނިޓީ ވައިބާ ގްރޫޕަށް ކުރި މެސެޖެއްގައި ބުނެފައި ވެއެވެ.

ފޯމަރުގެ ބަދަލުގައި އާ ފޯމަރެއް ފުވައްމުލަކަށް ގެންދިއުމުގެ މަސައްކަތް މިހާރު ފަށާފައިވީނަމަ ފެނަކަ އިން ބުނާ ގޮތުގައި މައްސަލަ ހައްލުކޮށް އަލުން ހިދުމަތްތައް ފަށަން 24 ގަޑިއިރަށް ވުރެ ގިނަ އިރު ނަގާނެ އެވެ.

ފުވައްމުލަކަށް ގެންދިއުމަށް މަސައްކަތް ކުރަމުންދާ ފޯމަރު ހުރީ އައްޑޫ ސިޓީގައެވެ. ނަމަވެސް ފޯމަރަކީ އަށެއްކަ ޓަނުގެ އެއްޗަކަށް ވާތީ އައްޑޫން ފުވައްމުލަކަށް ފޯމަރު ގެންދަން ވަގުތުކޮޅެއް ބޭނުންވާ ކަމަށް ފުވައްމުލަކު ފެނަކަ ބްރާންޗުން ބުނެއެވެ.

މިހާރު ލޯ ވޮލްޓޭޖުގައި ފުވައްމުލަކުގެ ބައެއް ގޭގެ އަށް ކަރަންޓު ދިނަސް އެއީ ވަރަށް މަދު ގެއެއް ކަމަށް ފެނަކަ އިން ބުނެ އެވެ. ފުވައްމުލަކު ފެނަކަ ބްރާންޗުން ބުނާ ގޮތުގައި މިހާރު ކަރަންޓް ދެވެނީ %30 ގެއަށެވެ.

ފުވައްމުލަކުން ފެނާއި ކަރަންޓްގެ ހިދުމަތް މެދުކެނޑުމާއި ގުޅިގެން އަދި އެރަށު ކައުންސިލްގެ ބަހެއް ނުލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކަނބިލި

    ފުވައްމުލަކާއި މާލެއާގުޅާލަނީނޫންބާ ؟؟

  2. ވާނުވާ

    އަވަސް ހައްލެއް ލިބޭނެކަމުގެ އުންމީދުގައި މިތިބީ ، ފެންވެރޭނެގޮތެއް ކެއްކޭނެގޮތެއް އަދި ރައްކާ ކޮށްފައިވާ ހުރި ތަކެތި ( މަސް/ކުކުޅު، ތަރުކާރީ ) ހަލާކުވެ ދަނީ..