ވީޑިއޯ ގޭމްތަކަށް އޮންނަ ޑިމާންޑް ކޮވިޑް-19 ފުރަބަންދުގެ ތެރޭގައި އިތުރުވެގެން ދިޔައެވެ. އާންމުންނަށް ގެއިން ބޭރަށް ނުކުމެ އުޅުން މަނާކޮށް، ކޮވިޑުން ދިފާއުވުމަށް ހަރުކަށިި ފިޔަވަޅުތަކެއް އެޅުމާއި ގުޅިގެން ގިނަ ގައުމުތަކުގައި ރައްޔިތުން ގޭގައި ބަންދުވިއެވެ. އޭގެ ސަބަބުން ގޭގައި ތިބެގެން މުނިފޫހިފިލުވުމުގެ ކަންކަމަށް ފައިސާ ހަރަދުކުރާ މިންވަރު އިތުރުވެގެން ދިޔައެވެ. ނަތީޖާއެއްގެ ގޮތުން، އިންޓަނެޓް މީމްސް، ނޭޝަނަލް ބާސްކެޓްބޯލް އެސޯސިއޭޝަންގެ ކުޅުންތެރިންގެ ވީޑިއޯ ހައިލައިޓްސް ފަދަ ޑިޖިޓަލް އާޓްވޯކްސްއަށް މީހުން ހަރަދުކުރާ ވަރު އިތުރުވެގެން ދިޔައެވެ.

އަގު ބޮޑުކޮށް ވީޑިއޯ ގޭމްތައް ގަންނަމުން ދާއިރު، އޭގެ ތެރެއިން ސުޕާ މާރިއޯ ބްރޯސް ވީޑިއޯ ގޭމް 2 މިލިއަން ޑޮލަރަށް ވިއްކާފައިވާކަން މިދިޔަ ހުކުރު ދުވަހު އިއުލާން ކޮށްފިއެވެ. މި އަގަށް ގޭމް ވިއްކުމާއި އެކު އެންމެ އަގުބޮޑު ވީޑިއޯ ގޭމުގެ ރިކޯޑު ސުޕާ މާރިއޯ ބްރޯސްއަށް ވަނީ ލިބިފައެވެ.

މި ގޭމް ވިއްކާފައިވަނީ 'ރެލީ' ވެބްސައިޓް މެދުވެރިކޮށެވެ. ރެލީއިން އިންވެސްޓަރުންނަށް އުފެއްދުމުގެ ހިއްސާ ގަނެ، އުފެއްދުން ވިކުމުން އޭގެން ފައިދާ ލިބެއެވެ. ރެލީއިން ބުނީ މި ގޭމް ގަނެފައިވަނީ 'އެނޮނީމަސް' ވިޔަފާރިވެރިއެއް ކަމަށެވެ. ރެލީ އިން މި ގޭމް ގަނެފައިވަނީ މިދިޔަ އަހަރުގެ އެޕްރީލް މަހު 140،000 ޑޮލަރަށެވެ.

ނިންޓެންޑޯގެ މަޝްހޫރު، "ސުޕާ މާރިއޯ ބްރޯސް" އާންމުންނާއި ހިސާބަށް ނެރެފައިވަނީ 1985ވަނަ އަހަރުއެވެ. އަދި އޭގެ ފަހުން ލައިވް އެކްޝަން ފިލްމެއްގެ ގޮތުގައި 1993 ވަނަ އަހަރު ބޮޑު ސްކްރީނަށް ވެސް ނެރެފައިވެއެވެ.