ހަރުކަށި ފިކުރު ފެތުރުމާއި މަސްތުވާތަކެތީގެ ވަބާ ފެތުރުމުގެ މައްސަލަ ހައްލު ކުރުމުގެ މައި ދައުރެއް އޮތީ ތައުލީމީ ނިޒާމުގެ ތެރެއިން ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ދިރާސީ އާ އަހަރު ފެށުމުގެ ގޮތުން ރެހެންދި ސްކޫލްގައި ބޭއްވި ޚާއްސަ އެސެމްބްލީގައި ރައީސް ސޯލިހް ވިދާޅުވީ ގައުމު ތަރައްގީ ކުރުމުގެ ގޮތުން އެންމެ މުހިއްމު މަސައްކަތަކީ އުފެއްދުންތެރި ޖީލެއް ބިނާ ކުރުން ކަމަށެވެ.

މި ސަރުކާރުގެ ވެސް އެންމެ މުހިއްމު ވައުދަކީ މީހުން ބިނާ ކުރުން ކަމުގައި ފާހަގަ ކުރައްވައި ރައީސް ސޯލިހް ވިދާޅުވީ އެ ވައުދު ތަންފީޒު ކުރެވެން އަންނަނީ ތައުލީމީ ނިޒާމުގެ ތެރެއިން މުދައްރިސުން ކުރައްވާ މަސައްކަތުން ކަމަށެވެ.

ރައީސް ދެން ވިދާޅުވީ، އެ ވައުދު ފުއްދަން ހުރަސް އެޅިފައިވާ އިޖްތިމާއީ މައްސަލަތައް ވެސް ވެސް ހައްލު ކުރުމަށް ޓަކައި އެންމެ ބޭނުންތެރި މަސައްކަތްތައް ކުރެވެން އަންނަނީ ތައުލީމީ ނިޒާމުގެ ތެރެއިން ކަމަށެވެ. އޭގެ މައި ދައުރެއް އޮތީ އެ ނިޒާމުގައި ކަން ރައީސް ފާހަގަކުރެއްވިއެވެ.

"މުޖުތަމައުއަށް މި ވަގުތު ދިމާވެފައިވާ އެންމެ ބޮޑު ދެ މައްސަލަ ކަމަށްވާ، ހަރުކަށި ފިކުރު ފެތުރުމާއި، މަސްތުވާތަކެތީގެ މައްސަލަ ހައްލު ކުރުމުގައި، އެންމެ މުހިންމު ދައުރެއް އަދާކުރެވޭނީ ތައުލީމީ ނިޒާމުގެ ތެރެއިން." ރައީސް ވިދާޅުވިއެވެ.

މާތްވެގެންވާ އިސްލާމް ދީނުގެ ނަމުގައި ނިރުބަވެރި ހަރުކަށި ވިސްނުމެއް ފެތުރަމުންދާ މައްސަލައަކީ މިހާރު ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަށް ވާއިރު، އެ ކަން ހުއްޓުވުމަށް ޓަކައި ތައުލީމީ ނިޒާމު މެދުވެރިކޮށް ދަރިވަރުންގެ މެދުގައި މީގެ ހޭލުންތެރިކަން އިތުރު ކުރަން ސަރުކާރުން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ.

މިފަދަ ވިސްނުމެއް ބަޔަކު އިސްވެގެން މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ބޮމުގެ ހަމަލާއެއް ވެސް ދިނެވެ. ހަނި ގޮތަކަށް އެ ހަމަލާއިން ސަލާމަތްވެވަޑައިގެން ނަޝީދު މި ވަގުތު ހުންނެވީ އިނގިރޭސިވިލާތުގައި އިތުރު ފަރުވާއަށެވެ.

މީގެ އިތުރުން ނޫސްވެރިޔާ އަހުމަދު ރިލްވާންއާއި، ބްލޮގަރު ޔާމީން ރަޝީދުއާއި، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަދި ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީގެ މަރުގެ ފަހަތުގައި ވެސް ތިބީ ހަރުކަށި ފިކުރުގެ ބަޔަކު ކަމަށް އެ މައްސަލަ މިހާރު ތަހުގީގު ކުރަމުންދާ ރިޔާސީ ކޮމިޝަނުން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. Anonymous

    މުޖުތަމައުއަށް މި ވަގުތު ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ގުރުއާނާއި ސުންނަތާއި މީހުން ދުރުވުން. ބޭދީނީ (ލާދީނީ އަދި ހަރުކަށި) މީހުންގެ މައްސަލަ އާއި ޑްރަގަސް މައްސަލަ އެއީ އޭގެ ދަށުން އަންނަ ދެ މައްސަލަ.

    12
  2. އަފީ

    ލާދިނީ ސިޔާސަތު ސަރުކާރުގައި މޫލާފައި

    14
    1
  3. ކޮވިޑް

    ކީކޭތަ ކިޔަން ތި އުޅެނީ ؟ ފުރަތަމަ ތިޔަ އޮފީސްތެރޭގައި ތިބި އިސްލާމް ދީނަށް ފުރައްސާރަ ކުރިމީހުން ބޭރު ކޮށްބަލަ.މީހަކު ލިޔެފަ ދޭ އެއްޗެއް ކިޔާފަ މީޑިއާ އަށް ދޫކޮށްލީމަ ނިމުނީކީނޫން . ލާދީނީ މީހުން ގިނަވާހާ ދުވަހަކު އެކި ކަށި ކަށީ މީހުން މަދެއް ނުވާނެ ފޯ ޔޯ ކައިންޑް އިންފޮރމޭޝަން.

    16
  4. ތެދު

    ﷲއާއި ރަސޫލާއަށް އުރެދުމައްވުރެ ބޮޑުފާފައެއްއޮއްނަކަންވެސް ނޭގުމަކީ ޖާހިލްކަން؟؟!! އެމްޑީއެން، އުތެމާގެ އެޖެންޑާ ތިތަމްފީޒްކުރަނީ...!؟ ވެރިމީހާއައް ވާޖިބް އެމީހުންނައް އަދަބުދޭ

    14
  5. ދިވެހިދަރިއެއް

    ހަރުދަނާ މުޖުތަމަޢެއް ބިނާކުރެވޭނީ ސިޔަރަތު ރަނގަޅު މީހުން ކައިވެނީގެ ގުޅުމުން ގުޅި އެމީހުންގެ ދަރީން އިސްލާމްދީނުގެ ފުރިހަމަ ބިންގަލުގެ މަތީގައި ތަރުބިއްޔަތު ކޮއްގެން. ދަރީން ރަނގަޅު ކުރަނީ ވެސްް ހަލާކު ކުރަނީ ވެސް މައިންބަފައިން ކަމަށް ޞަރީޙަ ޙަދީސް ބަސްފުޅުގާ އެބައޮތް އަލިކޮށް. މި ބުނާ ޅައިރު ކޮންމެ ކުއްޖަކު ވެސް އޮންނާނީ ކޮންމެސް މައެއްގެ އުރުތެރޭގާ. ވީއިރު އެކުދީން ބޮޑުވެ އިސްލާމްދީނުގެ ޞިރާޠަލް މުސްތަޤީމްގެ ބިންގަލަށް އެކުދީން ތަރުބިއްޔަތު ކޮއްދީ ނުހެދީ ވިއްޔާ އެ މައިން އެވީ ލޯބީގެ ފައިދާ އެދިޔައީ ކޮންތާކަށް؟
    އެހެންވީމާ ތަޢުލީމީ ނިޒާމު ވެސް އަންނާނީ މައިންބަފައިންނަށް ފަހު. ވަރަށް ސަލާމް

  6. ދަރިވަރު

    ސުވާލެއް؟ ސުވާލެއް؟ ސުވާލެއް؟ ރާއްޖޭގެ ތައުލީމީ ނިޒާމަކީވެސް މުޖުތަމައު ރަގަޅުކުރުމަށްޓަކައި ދެވަނަ އަށް މައިން ބަފައިއިން. މާލޭގެ އަރަބިއްޔާ ސްކޫލުން ތައުލީމް ހާސިލްކުރި ކުރަމުންދާ ދަރިވަރުންގެ އަޚްލާގާއި، ދިރިއުޅުމުގެ ވައްޓަފާޅި ހުރިގޮތުގެ ދިރާސާއެއް ކޮށްގެން ތައުލީމީ މަންހަޖް އިސްލާހްކުރުން މުހިއްމު. އިސްލާމްދީނުގެ އެންމެ އަސާސީ ކަންތައްތައް ނޭގޭ އެތަށް ބަޔަކު އެބައުޅޭ .... ހެޔޮނުވާނެ. އިސްލާމީ ޝަރިއަތާއި ރަސޫލާގެ ސުންނަތް ފުރިހަމައަށް ދަންނަމީހުން އިސްލާމް ޓީޗަރުންނަށް އައްޔަންކޮށް.... އެފަދަ ޓީޗަރުން ގައުމުގައި އެކަށީގެންވާވަރަށް ނެތްނަމަ އުފައްދާގެން ނަމަވެސް ހޯދާ