އެވިޑް ކޮލެޖުން އާޓްސް އެންޑް ލިޓަރޭޗަގެ ނަމުގައި ފެކަލްޓީއެއް އުފައްދައި އެ ފެކަލްޓީގެ ޑީން އަކަށް އަޝްރަފް އަލީ ހަމަޖައްސައިފިއެވެ.

އެވިޑްގެ އާޓްސް އެންޑް ލިޓަރޭޗަގެ ޑީންގެ މަގާމަށް އަޝްރަފް އައްޔަންކުރައްވާފައި ވަނީ އެކަމަށްޓަކައި މިއަދު ހެނދުނު އެވިޑް ކޮލެޖްގެ ޑައިމަންޑް ކެމްޕަހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. އަޝްރަފް އަލީއަށް ޑީންގެ މަގާމުގެ ލިޔުން ހަވާލުކޮށްދެއްވެވީ އެވިޑް ކޮލެޖްގެ ޗެއާމަން އަބްދުﷲ މުސްތާގް ރަޝާދެވެ.

މަގާމާއި ހަވާލުވެވަޑައިގެންނެވުމަށް ފަހު އަޝްރަފް ވިދާޅުވީ އޭނާ މިހާތަނަށް ކޮށްދެއްވި މަސައްކަތްތައް ގަބޫލުކޮށް އެފަދަ ޒިންމާއެއް ހަވާލުކުރެއްވުމަކީ އުފާކުރައްވާ ކަމެއް ކަމަށެވެ. އަދި އޭނާގެ ގާބިލިއްޔަތުކަން ހުރި މިންވަރަކުން އެ މަގާމުގެ ޒިންމާތައް އެންމެ ފުރިހަމައަށް އަދާކުރައްވާނެ ކަމަށް އަޝްރަފް ވިދާޅުވިއެވެ.

އަޝްރަފް "ވަގުތަށް" ވިދާޅުވީ މިއީ ވަރަށް ބޮޑު ޒިންމާ އެއް ކަމަށާއި އެހެންވެ މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތް ކުރިއަށް އޮތް ތަނުގައި ރާއްވަވާނެ ކަމަށެވެ.

" ވަރަށް ބޮޑު ޒިންމާއެއް މިއީ އަނެއްކާވެސް. ނޫސްވެރިކަމާއި ލިޔުންތެރިކަމާއި މި ނޫނަސް ވަރަށް ގިނަ ދާއިރާތައް މީގެ ތެރެއަށް ގެންނާނަން އިރާދަކުރެއްވިއްޔާ. އުފެއްދުންތެރިކަމާއި ހުށަހެޅުންތެރިކަން ފުރިހަމަ ވާނެ ގޮތަކަށް ކަންކަން ބައްޓަންކުރުމާއި އާ ކަންކަން ކުރިއަށް ގެންދާނެ ގޮތް އަޅުގަނޑު ޖެހޭނީ ރާވާލާން. ރަސްމީކޮށް އަޅުގަނޑު މަސައްކަތަށް ނުކުންނާނީ އާދިއްތަ ދުވަހު." އަޝްރަފް ވިދާޅުވިއެވެ.

އަޝްރަފް އަލީ އަކީ ދިވެހި ބަހުގެ އެކެޑެމީގެ ރައީސްގެ ގޮތުގައި ޚިދުމަތްކުރެއްވުމުގެ އިތުރުން ގިނަ ދުވަސްތަކެއް ވަންދެން ދިވެހި ބަހާއި ތާރީޚު ދިރުވާ އާލާ ކުރުމަށް ޚިދުމަތް ކުރެއްވި ބޭފުޅެކެވެ. ދިވެހި ބަސް އުނގަންނައި ދެއްވުމުގެ އިތުރުން ބަހަށް ޚިދުމަތް ކުރާ މީހުން އުފައްދާ ޅެންވެރިކަން ކުރިއެރުވުމާއި، ލިޔުންތެރިކަމުގެ ފަންނު ކުރިއެރުވުމަށް ވެސް އަޝްރަފްގެ އިސްނެންގެވުމާ\އެކު ގިނަ މަސައްކަތްތަކެއް ވަނީ ކުރައްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބުޅިސް

    އެވިޑު ކުރިއަރަނީ ކުރިއަރަންވެގެން! އަހަރެން ދަންނަ ބައެއް އެހެން ތަންތަނުން ޖަވާހިރު ލިބުނީމާވެސް ދެރަ ހިލަޔަށް ހަދައިގެން އެހެންމީހުންނަށް ސިފަކޮށްދެނީ.