ރާއްޖެ އާއި ޗައިނާ އާއި މެދު އޮތް ގުޅުން ބަދަހިކުރަން އެ ގައުމު އޮތީ ތައްޔާރަށް ކަމަށް ޗައިނާ އިން ރާއްޖެ އަށް ކަނޑައެޅި އާ ސަފީރު ވޭންގް ލީޝިން ވިދާޅުވެއްޖެއެވެ.

އޭނާ ކުރެއްވި ޓްވީޓެއްގައި ސަފީރު ކަމަށް އައްޔަން ކުރުމުން ރާއްޖެ އިން އޭނާ އަށް ކީ ހޫނު މަރުޚަބާ އެއްކަން ފާހަގަކޮށް އެކަމަށްޓަކައި ޝުކުރު އަދާކޮށްފައިވެއެވެ. އަދި ރާއްޖޭގެ ރަހުމަތްތެރިން ބެހެއްޓި ގާތްކަން ފާހަގަކޮށް އޭނާ ވަނީ އެކި ދާއިރާތަކުން ޗައިނާ އާއި ރާއްޖެ އާއި މެދު މިހާރު އޮތް ގުޅުމަށް ވުރެ ގާތް ގުޅުމެއް ބާއްވަން ބޭނުންވާ ކަމަށް ވިދާޅުވެފައެވެ. އަދި އެކި ދާއިރާތަކުން ގުޅިގެން އެކުގައި މަސައްކަތް ކުރަން ޗައިނާ އޮތީ ތައްޔާރަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީގެ ކުރިން ސަފީރު ވަނީ ރާއްޖެ ވަޑައިގަތުމުން ރާއްޖެ ފަދަ ރީތި ގައުމަކަށް އާދެވުމުން އުފާވާކަމަށް ވިދާޅުވެފައެވެ. އަދި ފޮރިން މިނިސްޓްރީގެ އޮފިޝަލުން އެކަމަނާ އަށް މަރުޚަބާދަންނަވަން އެއާޕޯޓަށް ވަޑައިގަތުމުން އެކަމާއި އުފާކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.

އޭނާ ވަނީ ރާއްޖެ އާއި ޗައިނާގެ އެކުވެރި ގުޅުން އާ ހަރުފަތަކަށް ގެންދަން މަސައްކަތް ކުރައްވާނެ ކަމަށް ވެސް ވިދާޅުވެފައެވެ.

ޗައިނާއިން ރާއްޖެއަށް އާ ސަފީރެއް ކަނޑައަޅާފައި ވަނީ މީގެ ކުރިން އެ މަގާމުގައި ކުރިން ހުންނެވި ޖަންގް ލީ ޖޮންގްގެ ބަދަލުގަ އެވެ. ފާއިތުވި އޭޕްރީލް މަހުގެ ނިޔަލަށް ޖަންގް ވަނީ ސަފީރުކަމުގެ މަޤާމު އަދާކުރައްވާފައެވެ. .