އަބޫޖަހުލަށް ހަދާލި ގޮތް، ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ހަދާނެ ކަމަށް ބުނެ ފޭސްބުކްގައި އިންޒާރު ދިން މައްސަލައިގެ ތަހުގީގު ހިނގަމުންދާ ގޮތް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އިން ބަލަން ފަށައިފިއެވެ.

މިއަދު ހެނދުނު 11:00 ޖަހާއިރު ބޭއްވި ކޮމިޓީ ބައްދަލުވުމަށް މި ތަހުގީގުގެ މައުލޫމާތު ހޯދުމަށް ފުލުހުންގެ ތިން އޮފިސަރަކު ވެސް ހާޒިރުކޮށްފައިވެއެވެ. އެހެންވިޔަސް ހިނގަމުންދާ ތަހުގީގަކަށް ވާތީ، އެ ކޮމިޓީ ވަނީ ސިއްރުކޮށްފައެވެ.

ކޮމިޓީ ބައްދަލުވުން ފަށަމުން ކޮމިޓީގެ މުގައްރިރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވީ، ތަހުގީގު ހިނގަމުންދާ ކަމަކަށް ވާތީ، ޚިއްސާ ކުރެވޭ މައުލޫމާތުތަކުގެ ތެރޭގައި ތަހުގީގަށް ހުރަސް އެޅިދާނެ މައުލޫމާތެއް ހިމެނިދާނެ ކަމަށެވެ.

241 ކޮމިޓީގައި އިންނަވާ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވަނީ އެ ބައްދަލުވުުން ސިއްރު ކުރަން ހުށަހަޅުއްވައިފައެވެ. އެ ހުށަހެޅުއްވުން ވަނީ ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުން ފާސްކޮށްފައެވެ.

ނަޝީދު އަނބުރާ ރާއްޖެ ވަޑައިގެންފިނަމަ އެމަނިކުފާނުގެ ހަށިކޮޅަށް ގެއްލުން ދޭނެ ކަމަށް ބުނެ މީހަކު އިންޒާރު ދީފައި ވަނީ ފޭސްބުކްގައެވެ. ފޭސްބުކް ޕޯސްޓްގައި ކޮމެންޓް ކުރި އެ މީހާ ވަނީ ހަނގުރާމަވެރި ނިރުބަވެރި ޖަމާއަތެއް ކަމުގައިވާ އައިއެސްގެ ލޯގޯ ވެސް ޕްރޮފައިލްގައި ހިމަނައިފައެވެ.

ރ. މީދޫގައި ފުލުހުން ހިންގި އޮޕަރޭޝަންގައި އެ ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފައިވެއެވެ.

ރ. އުނގޫފާރު މެޖިސްޓްރޭޓް ކޯޓަށް އޭނާ ހާޒިރު ކުރުމުން ބަންދުގެ މުއްދަތަށް 15 ދުވަސް ޖަހައިފައެވެ. އަދި ކޯޓުގެ ހުރުމަތް ކަނޑާލި ކަމަަށް ބުނެ 15 ދުވަހުގެ ޖަލު ހުކުމެއް ވެސް އިއްވިއެވެ. އެހެންވެ އޭނާ ބަންދުގައި މަސް ދުވަހު ހޭދަ ކުރަން ޖެހެއެވެ.

މިދިޔަ މެއި މަހުގެ ހަވަނަ ދުވަހު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއިން ހަށިކޮޅަށް ލިބިވަޑައިގެންނެވި ޒަޚަމްތަކަށް ފަރުވާ ލިބުނީ ހަފުތާއެއްހާ ދުވަހު އޭޑީކޭއިން ގިނަ އޮޕަރޭޝަންތަކެއްކޮށް، ދޮޅު މަހެއްހާ ދުވަހު ޖަރުމަނުގެ މިލިޓަރީ ހޮސްޕިޓަލަކުން ފަރުވާ ހޯއްދަވައިގެންނެވެ.

ނަޝީދު މި ވަގުތު އިނގިރޭސިވިލާތުގައި ހުންނެވިއިރު، އިތުރު ފަރުވާ ހިނގަމުންދާކަން އެމަނިކުފާނު ވިދާޅުވެއެވެ. ހަމަލާ ރޭވި ފަރާތްތައް ނުހޯދޭހާ ހިނދަކު ރައްކާތެރިކަން ކަށަވަރު ނުވާނެ ކަމަށް ގަބޫލުކުރެވޭތީ ރާއްޖޭން ބޭރުގައި މަޑު ކުރައްވަން އެމަނިކުފާނު ވަނީ ނިންމަވައިފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޖާނޭ

    ތިޔަކަން ބެލުން ވަރަށް މުހިއްމެވެ. ނަމަވެސް، މިހާރު ތިޔަކަން ހިގާ މިންވަރާއި ފެންވަރަށް ބަލާއިރު ބުނެވޭނީ، މިހާރު މިޤައުމުގައި ޙައްލުކުރަން ޖެހޭ ހަމައެކަނި މައްސަލައަކީ އެއީތޯއެވެ؟
    ހަރުކަށީ ފިކުރު އޮވެގެން އެކަމާ ނުނިދިގެން އުޅުނީ ނަޝީދުވިއްޔާއެވެ. ވީމާ، އެމީހަކު އުޅޭ ގޮތަކަށޭ ކަލާނގެ އިރާދަ ކުރައްވަނީ.

  2. ޑަރޯގާ

    ރައްޔިތުންގެ މަޖްލިސްގެ ނަން ބަދަލު ކުރަންވީނުން. ރައްޔިތުންނަށް ފައިދާހުރި އެއްކަމެއް ވެސް ސުޕަރމެޖޯރިޓީ ލިބިގެންނުކުރެވޭ. ވަކިމީހެއްގެ މަސްލަހަތަށް އެކަނި ބިލްތައްބުށަހަޅާފާސްކުރނި. މީވާބައެއް. އޮއްޓަރެއްހުރި ވާހަކައެއް ދައްކަން އެނގޭ މީހަކުނެތް. ކުރީދަރުކާރުގެ ބަނދިކިޔާން އެކަނި އެނގެނީ. ފެންކުރާކަމަކީ އިންޑިޔާއަށް މުޅިގައުމު ވިއްކާފި ެހިން އަޅުވެތިކުރަން މަގުގަހިކޮށްދިނުން. ލަދެއްނުގަނޭ ބޮޑުމުސާރަ ނަގަިގެން ގޮނޑިހޫނުކުރަންތިބޭކަށް.