އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ތަކެތީގެ ތެރެއިން ހދ. ހަނިމާދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާ ނައްތާލައިފިއެވެ.

ފުލުހުން ވިދާޅުވީ ބަނގުރާ ނައްތާލުން ކުރިއަށް ގެންގޮސްފައި ވަނީ ހަނިމާދޫ ޕޮލިސް ސްޓޭޝަންގެ ގޯތިތެރޭގައި ކަމަށެވެ.

އެގޮތުން، މިއަދު ނައްތާލާފައިވަނީ 2019 ވަނަ އަހަރުން ފެށިގެން މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް 122 މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ 425 ފުޅި ބަނގުރާ އާއި 13 ދަޅު ބަނގުރާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

އެ ތަކެއްޗަކީ ހަނިމާދޫ އެއާޕޯޓަށް ފުރަންދިޔަ ފަތުރުވެރިންގެ އަތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެެންފައިވާ ތަކެއްޗެވެ.

ބަނގުރާ ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރާއާއި ބަނގުރާގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށް އެކުލަވާލި ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.