މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގައި 35 އަހަރު ވަންދެން ހިދުމަތް ކުރުމަށް ފަހު، ރާއްޖޭގެ ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ މުހައްމަދު އަލީ (އެފޯނިއަމް ހަލީމް) ރިޓަޔަކޮށްފިއެވެ.

ރާއްޖޭގައި އުފެދުނު އެންމެ ކާމިޔާބު ފުޓްބޯޅަ ކުލަބުތަކުގެ ތެރޭގައި ހިމެނޭ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ވެސް ކުޅުނު އެފޯނިއަމް ހަލީމް އެމްސީއެލްއާ ގުޅިފައި ވަނީ 1986 ވަނަ އަހަރުގެ ސެކިއުރިޓީ އޮފިސަރެއްގެ މަގާމަށެވެ. އޭގެ ފަހުން، ފަޔާ އޮފިސަރެއްގެ މަގާމު އަދާކޮށްފައިވާ ހަލީމް މި ފަހަކާ ޖެހެންދެން ހުރީ އެ ތަނުގެ ކޮމާންޑް ލެވެލްގައެވެ. އޭނާ އެމްއޭސީއެލް އިން ރިޓަޔަ ކުރީ މިދިޔަ އާދިއްތަ ދުވަހުއެވެ.

އެފޯނިއަމް ހަލީމު ވަނީ މާލޭގައި މި ފަހުން ހިނގައި ދިޔަ އެންމެ ބޮޑެތި އަލިފާނުގެ ހާދިސާތައް ކޮންޓްރޯލް ކުރުމުގައި މިސާލު ދައްކައިފައެވެ.

އޭގެ ތެރެއިން ފާހަގަކޮށްލެވޭ އެއް ހާދިސާއަކީ އެޕްރީލް 18، 2016 ގައި ސަން ފްރޮންޓް ލިވިންގެ ކުރިމައްޗަށް ވާ ގޮތަށް ހުރި، ކޯސްޓްލައިންގެ ހާޑްވެއާ ބޮޑު ފިހާރާގައި ރޯވި އަލިފާން ނިއްވުމަށް ކުރި މަސައްކަތެވެ. އަދި 21 ސެޕްޓެމްބަރު 2019 ގައި ހ. ތިލަފުށީ ގޭގެ ކެމިކަލް ގުދަނުގައި ހިނގައި ދިޔަ ބޮޑު އަލިފާނުގެ ހާދިސާގައި ވި އެހީތެރިކަމަކީ ވެސް އެފޯނިއަމް ހަލީމް ހަނދާނުން ފިލުވާލަން ދަތި ހާދިސާއެކެވެ.

މީގެއިތުރުން މާލޭގައި އޮގަސްޓް 28، 2020 ގައި ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) ހިންގާ އިމާރާތް ކައިރީގައި ހުރި ކެފޭ ޓިއޯލޯގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ވެސް އެފޯނިއަމް ހަލީމްގެ ބުރަ މަސައްކަތް ވަނީ ފެނިފައެވެ. މި ހުރިހާ އަލިފާނުގެ ހާދިސާއެއް ކޮންޓްރޯލް ކުރުމުގައި އެމްއޭސީއެލްގެ ފަޔަ ފައިޓަރުންގެ ހިއްސާ ބޮޑެވެ. އަދި އެފޯނިއަމް ހަލީމަކީ އެމީހުންނަށް ކޮމާންޑް ކުރުމުގައި ބުރަކޮށް އުޅުނު މީހެކެވެ.

އެފޯނިއަމް ހަލީމް ފުޓްސަލް ގައުމީ ޓީމަށް ކޯޗުކަން ކޮށްދެނީ.

މި ހާދިސާތަކުގެ ތެރެއިން އެފޯނިއަމް ހަލީމް ހަނދާނުން ފިލުވާލަން ދަތިވި ހާދިސާއަކީ ތިލަފުށީ ގޭގެ ކެމިކަލް ގުދަނުގައި ހިނގި އަލިފާނުގެ ހާދިސާއެވެ. އެއީ އެ އަލިފާނުގެ ހާދިސާ އެންމެ ކައިރިން ދުށް، އެކަކަށް އެފޯނިއަމް ހަލީމް ވާތީއެވެ.

ތިލަފުށީ ގޭގައި ހިނގި އަލިފާނުގެ ހާދިސާ ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރި ރޭ އެފޯނިއަމް ހަލީމް ބޮލަށް ފެން އަޅަނީ.

ނިއުރޭޑިއަންޓަށް 1987 ވަނަ އަހަރު ކުޅެން ފެށި ހަލީމް ވަނީ އެ ކްލަބަށް ލިބުނު ގިނަ ކާމިޔާބީތަކެއްގައި ބައިވެރިވެފައެވެ. ގައުމީ ފުޓްބޯޅަ ޓީމަށް ވެސް ކުޅުނު ހަލީމް ވަނީ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ އަށް އެންމެ ފުރަތަމަ ރިހި މެޑަލް ހޯދި ޓީމުގައި ވެސް ހިމެނިފައެވެ. އޭގެ ފަހުގައި އޭނާ ވަނީ ރަށު ފެންވަރުގެ ބައެއް ފުޓްބޯޅަ ޓީމުތަކަށް ވެސް ކޯޗުކޮށްދީފައެވެ. އަދި ރާއްޖޭގެ ފުޓްސަލް ގައުމީ ޓީމުގެ ކޯޗުކަން ވެސް އޭނާ ކުރިއެވެ.

އެމްއޭސީއެލް އިން ބުނީ އެއާޕޯޓުގެ އެމަޖެންސީ ސާވިސްގައި މަސައްކަތް ކުރި ފަޔާ އޮފިސަރު ހަލީމަކީ 1986 ވަނަ އަހަރުން ފެށިގެން ރިޓަޔާ ކުރުމާ ހަމައަށް 35 އަހަރުގެ ދިގު މުއްދަތަކަށް ކުންފުނީގެ އިމަޖެންސީ ސާވިސަސް އަށް އަގުހުރި ހިދުމަތްތަކެއް ކުރި މުވައްޒަފެއް ކަމަށެވެ. އެހެންވެ އެކަން ފާހަގަކޮށް މެނޭޖްމަންޓާއި މުވައްޒަފުންގެ ނަމުގައި ވަރަށް އިހުލާސްތެރިކަމާ އެކުގައި ޝުކުރު ދަންނަވާ ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.

"މި ފުރުސަތުގައި މެނޭޖްމަންޓާއި މުވައްޒަފުންގެ ނަމުގައި އަޅުގަނޑުމެންގެ އެކުވެރި އެފޯނިއަމް ހަލީމަށް އުފާވެރި، ކާމިޔާބު ދުވަސްތަކަކަށް އެދެމެވެ،" އެމްއޭސީއެލް އިން ބުންޏެވެ.

ހަލީމް ވަނީ އެމްއޭސީއެލްގައި މަސައްކަތް ކުރި ދުވަސްތަކުގައި ބައިނަލްއަގުވާމީ އެކިއެކި ކޯސްތަކުގައި ބައިވެރިވެ ރަން ވަނަތަކެއް ވެސް ހާސިލްކޮށްފައެވެ.

ހަލީމް އެމްއޭސީއެލްގައި ކުރި ހިދުމަތް ފާހަގަކޮށް އެތަނުން ވަނީ އިއްޔެ ހާއްސަ ރަސްމިއްޔާތެއް ވެސް ބާއްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހުސައިން

    ކާމިޔާބަށް އެދެން

    18
  2. ކުވެރްޓީ

    ކުޑަ އިރު ފުޓުބޯޅަ އަޑު އަހާ އިރު އަބަދު އިވެނީ އއއއ "ހުސްކޮށްލިބުނު ބޯޅަ އެކަނިމާ އެކަނި އަރާ ގޯލްތެރެ އަށް ފޮނުވާލި އިރު އެފޯނި އަމް އޮފްސަ އިޑް"

  3. ޢަހްމީމް ފާރިސް

    ޢެމް އޭސީ އެލް އިން ތަޖްރިބާ ހުރި މީހުން ރިޓަޔަރ ކުރުން އެ އީ މަ އްސަލަ އެ އް . ފުންކޮށް ވިސް ނަން ޖެހޭ ކަމެ އް... މިޢީ މި ތަނުގެ މެނޭޖްމަންޓް ފެ އިލް ވެފަ އި ވާކަން އެގޭ ކަމެ އް...މީގެން ފެންނަނީ އަހްމަދު އިބްރާހިމް ގެ ވަށާޖޭހޭ މޮޑަން އެޗް އާރު ސިސްޓަމް ފެ އިލް ވެފަ އއި ވާ މިންވަރު

  4. ނާތަ

    އެފޯ ނިއަމް ހަލީމް އަކީ އަހުލާގު ރަގަޅު މަސައްކަތައް ފަރުވާތެރި ބޭފުޅެއް މަރުހަބާ