އަމިއްލަ ތަކެތީގައި އޮއިވާލި ކަނދުފަތި ފަރުމާކޮށް ހަރު ކުރުމުގެ މަސައްކަތް ނުކުރަން ފިޝަރީޒް މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.

ރާއްޖޭގެ މަސްވެރިކަމުގެ އާންމު ގަވާއިދުގައިވާ ގޮތުގެ މަތިން، މަސްވެރިކަން ކުރުމުގެ ބޭނުމަށް އެއްވެސް ބާވަތެއްގެ ކަނދުފައްޗެއް ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ހަރުކުރެވޭނީ ފިޝަރީޒް މިނިސްޓްރީން ނުވަތަ އެ މިނިސްޓްރީން އެ މަސައްކަތެއް ހަވާލުކުރާ ފަރާތަކަށެވެ.

މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވީ އެ ގަވާއިދުގައި ކަނދުފަތި ގާއިމްކުރުމާ ގުޅޭ ގޮތުން ހިމަނާފައިވާ ހަމަތައް ހިމަނާފައި އެ ވަނީ، ކަނދުފަތީގެ މަސްވެރިކަމަކީ އެކަމާ ގުޅޭގޮތުން މަސް ގަންނަ ދުނިޔޭގެ ބާޒާރުތަކުގައި ނުރަނގަޅު ތަސައްވުރެއް އޮތް ކަމަކަށްވާތީ ކަމަށެވެ.

އަދި ރާއްޖެއަކީ ބޭރުގެ މަސް ގަންނަ ބާޒާރުތަކަށް އިންތިހާއަށް ބަރޯސާވާ ގައުމަކަށްވާތީވެ، ކަނދުފަތީގެ މަސްވެރިކަމުގެ ސަބަބުން ރާއްޖޭގެ މަސްވެރިކަމަށް އެކަމުގެ ނުރަނގަޅު އަސަރުކުރުމުގެ ފުރުސަތު ކުޑަކުރުމުގެ ގޮތުން ކަމަށްވެސް މިނިސްޓްރީން ވިދާޅުވިއެވެ.

ނަމަވެސް، ބައެއް ފަރާތްތަކުން އެފަރާތްތަކުގެ އަމިއްލަ ތަކެތީގައި އޮއިވާލި ކަނދުފަތި ފަރުމާކޮށް ހަރުކުރުމުގެ މަސައްކަތް ކުރަމުންދާކަމުގެ މައުލޫމާތު މިނިސްޓްރީއަށް ލިބެމުންދާތީ، އެކަމަކީ އިސްވެންދެނެވުނު ގަވާއިދު ދަށުން މަނާކަމެއްކަން މިނިސްޓްރީން ހަނދާންކޮށް ދީފައިވެއެވެ.

ކަނދުފައްޗަށް ގެއްލުންދިނުމަކީ، ނުވަތަ ކަނދުފަތީގެ އެއްވެސް ބައެއް ނެގުމަކީ، ނުވަތަ ކަނދުފައްޗަށް އެއްވެސް ބަދަލެއް ގަނައުމަކީ ވެސް މަނާކަމެކެވެ.

މަސްވެރިކަމުގެ ގާނޫނާއި ގަވާއިދާއި ހިލާފުވާ ފަރާތްތަކާއިމެދު އިދާރީ ފިޔަވަޅުއެޅުމާއި ޖޫރިމަނާކުރުމާ ބެހޭ ގަވާއިދުގައިވާ އިޖުރާއަތްތަކާ އެއްގޮތްވާގޮތުގެ މަތިން ފިޔަވަޅު އަޅާނެކަމުގެ އިންޒާރު މިނިސްޓްރީން ވަނީ ދީފައެވެ.