ސިނަމާލެ ބުރިޖުގެ ގޭޓުން ދަބަރު ފިލުވުމުގެ މަސައްކަތް ޕްލޭނިން މިނިސްޓްރީން ފަށައިފިއެވެ.

ސިނަމާލެ ބުރިޖުގެ ބެލެހެއްޓުމުގެ މަސައްކަތް ކުރަނީ ޗައިނާ އިންނެވެ. ނަމަވެސް އޭގެތެރޭގައި ބުރިޖުގެ ގޭޓް ބެލެހެއްޓުމުގެ މަސައްކަތް ނުހިމެނެއެވެ. ބުރިޖުގެ ގޭޓް ބެލެހެއްޓުމުގެ މަސައްކަތް ކުރަން ޖެހެނީ ދިވެހި ސަރުކާރުންނެވެ. އެމަސައްކަތާއި ހަވާލުވެފައި އޮންނަނީ ޕްލޭނިން މިނިސްޓްރީންނެވެ.

ޕްލޭނިން މިނިސްޓްރީން ބުރިޖުގެ ގޭޓް ބެލެހެއްޓުމުގެ މަސައްކަތް އެއްވެސް ވަރަކަށް ކުރަމުން ނުގެންދާތީ ބުރިޖުގެ ގޭޓުން ވަނީ ދަބަރު ހިލިފައެވެ. ގޭޓްގެ ރީތިކަން ގެއްލި ވަރަށް ގިނަ ބަޔަކު ވަނީ ގޭޓް ރީތި ކުރަން ކަމާބެހޭ ފަރާތްތަކަށް ގޮވާލާފައެވެ.

ގޭޓްގެ ދަބަރު ފިލުވުމުގެ މަސައްކަތް އިއްޔެ ޕްލޭނިން މިނިސްޓްރީން ފެށިއިރު ގޭޓް ނުދިއްލޭތާ ވެސް މިހާރު އެތައް ދުވަހެއް ވެއްޖެއެވެ. ގޭޓް ނުދިއްލެނީ ގޭޓަށް ކަރަންޓް ދިނުމަށް ބޭނުންކޮށްފައި އޮތް ކޭބަލެއް ލޮނުޒިޔާރަތް ޕާކް ތަރައްގީ ކުރިއިރު ބުރިވެފައިވުމުން ކަމަށް މައުލޫމާތު ލިބެއެވެ.

ބުރިޖުގެ އެޅިއިރު ސަރުކާރުން ފުރަތަމަ ވެސް ޗައިނާ އާއިއެކު އެއްބަސްވެފައި އޮތީ ބުރިޖުގެ މަސައްކަތް ނިމި ފުރަތަމަ ދެއަހަރު ޗައިނާ އިން ބުރިޖު ބަލަހައްޓައިދޭ ގޮތަށެވެ. ނަމަވެސް ދެއަހަރު ހަމަވި ފަހުން ދިވެހި ސަރުކާރުން އެދިގެން ޗައިނާ އިން ވަނީ ބުރިޖު ބަލަހައްޓައިދޭ މުއްދަތު މިދިޔަ އަހަރު ފަސް އަހަރަށް އިތުރު ކޮށްފައެވެ. ޗައިނާ އިން ގެންދަނީ ބުރިޖުގެ ޗެންޗޭނުތަކުގައި ދަބަރު ފިލުވައި ވަރަށް ރަނގަޅަށް ޗެންޗޭނުތައް ބަލަހައްޓަމުންނެވެ. މިހާރު އެކަމަށް ބޭނުން ކުރާ ކެމިކަލަކީ ވެސް ސިނަމާލެ ބުރިޖަށް ހާއްސަކޮށްގެން ޗައިނާ އިން އުފައްދާފައިވާ ކެމިކަލެކެވެ.

އޮގަސްޓް 30، 2018 ގައި ހުޅުވި ސިނަމާލެ ބުރިޖްގެ މަސައްކަތަށް 200 މިލިއަން ޑޮލަރު ހަރަދުކޮށްފައިވެ އެވެ. އޭގެ ތެރެއިން 116 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީ އެވެ. އަދި 72 މިލިއަން ޑޮލަރަކީ ޗައިނާގެ ލޯނު އެހީ އެވެ. މި މަޝްރޫއަށް ދިވެހި ސަރުކާރުން ހަރަދު ކުރީ އެންމެ 12 މިލިއަން ޑޮލަރެވެ. ބުރިޖްގެ ދިގުމިނުގައި 1.39 ކިލޯމީޓަރު އަދި ފުޅާ މިނުގައި، 20.3 މީޓަރު ހުރެ އެވެ.