ޗައިނާއިން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ވަންގް ލީޒިން، ސަފީރުކަމުގެ ފަތްކޮޅު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މިއަދު އަރުއްވައިފިއެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ފަތްކޮޅު އެރުއްވުމުގެ ރަސްމިއްޔާތުގައި ރައީސް ސޯލިހު ވަނީ ރާއްޖެއާ ޗައިނާގެ ގުޅުން ބަދަހިކުރެއްވިމަށް ކުރީގެ ސަފީރު ޖަންގް ޒީލޮންއަށް ކުރެއްވި މަސައްކަތަށް ޝުކުރު އަދާކުރައްވާފައެވެ. އަދި އައު ސަފީރުކަމުގެ ދައުރުގައި ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އަންނަ އަހަރު ރާއްޖެއިން ޗައިނާއާ ގުޅުން ގާއިމްކުރިތާ 50 އަހަރު ފުރޭ ރަންޔޫބިލްކަން ފާހަގަކުރައްވާ ރައީސް ވަނީ ދެ ގައުމުގެ ދެމެދު އޮންނަ ގުޅުމަށް އަލިއަޅުއްވާލައްވާފައެވެ.

މި އަހަރު ކުރީކޮޅު ޗައިނާގެ ރައީސް ޝީ ޖިންޕިންއާ ފޯނު މެދުވެރިކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރާއްޖެއާ ޗައިނާގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް އެއްބަސްވެވަޑައިގެންފައިވާ ކަމަށްވެސް ސަފީރު އަރިހުގައި، ރައީސް ވިދާޅުވިއެވެ.

ޗައިނާ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި ސިނަފޮމް ވެކްސިންގެ ހަތަރު ލައްކަ ޑޯޒްގެ އިތުރުން އޭގެ ކުރިން ހަދިޔާކުރި ދެ ލައްކަ ޑޯޒް ވެކްސިނަށް ރައިސް ވަނީ ޗައިނާ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.

ޗައިނާ ސަފީރު ވިދާޅުވީ ރާއްޖޭގައި ހިދުމަތް ކުރައްވަން ލިބިވަޑައިގަތުމުން އެކަމާއި އުފާ ކުރައްވާ ކަމަށެވެ.