ފުލުހުންގެ ވަޒީފާއިން ޝަރަފުވެރިކަމާއެކު ކުރީގެ އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް ޑރ.އަބްދުﷲ ފައިރޫޝް ރިޓަޔާ ކުރެއްވި ގޮތް ބަލައިނުގަންނަން މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އިން ނިންމި ނިންމުން ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން މިއަދު ފާސްކޮށްފިއެވެ.

މި މައްސަލަ 241 ކޮމިޓީއަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، މައްޗަންގޯޅި މެދު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދެވެ. އެއީ ފުލުހުންގެ ޚިދުމަތުގެ އާ ގާނޫނު ތަސްދީގުކޮށްފައިވަނިކޮށް އެ ގާނޫނުގައިވާ ގޮތުގެ މަތިން ނޫނީ ފުލުހަކު ރިޓަޔާ ނުކުރެއްވޭނެ ކަމަށް އެމަނިކުފާނަށް ގަބޫލުފުޅު ކުރެއްވޭތީ ކަމަށް ވަނީ ވިދާޅުވެފައެވެ.

އެހެންވިޔަސް، އެ ގާނޫނުގައި އޮންނަ ގޮތުން އެ ގާނޫނަށް އަމަލު ކުރަން ފަށަނީ ގާނޫނު ތަސްދީގުކޮށް ގެޒެޓްގައި ޝާއިއު ކުރާތާ ތިން މަސް ދުވަސް ހަމަވާ ތާރީޚުން ފެށިގެންނެވެ. ފައިރޫޝް ރިޓަޔާ ކުރިއިރު، ގާނޫނު ތަސްދީގު ކުރަން ފަށާ މުއްދަތު ހަމައެއް ނުވެއެވެ.

241 ކޮމިޓީން މައްސަލަ ދިރާސާ ކުރުމަށް ފަހު އެކުލަވާލާފައިވާ ރިޕޯޓްގައި ލިޔެފައިވަނީ، ޑރ. ފައިރޫޝްގެ އަމަލުތައް ޕާލަމަންޓަރީ ރިކޯޑިންތަކުގައާއި، އާންމުވެފައިވާ އޯޑިއޯ އަދި ވީޑިއޯ ރިކޯޑިންތަކުން ފެންނަން ހުރި މަންޒަރުތަކަށް ބަލާއިރު ޝަރަފުވެރިކަމާއެކު އޭނާ ވަޒީފާއިން ރިޓަޔާ ކުރެއްވުމަށް ނިންމި ނިންމުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

ކޮމިޓީން އެކުލަވާލާފައިވާ ރިޕޯޓް ތަޅުމުގައި ފާސްކުރީ 36 މެންބަރުންގެ ވޯޓުންނެވެ. ރިޕޯޓް ފާސް ކުރަން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވައެވެ. އެކަމަކު ރިޕޯޓް ފާސްކުރީ މަޖިލީހުގައި ތިއްބަވާ 87 މެންބަރުންގެ ދެބައިކުޅަ އެއްބައި މެންބަރުން ވެސް ހާޒިރުނުވެއެވެ. އެ ގޮތަށް މިފަދަ ރިޕޯޓެއް ފާސްކުރަން މަޖިލީހުގެ ގަވާއިދު ވެސް ތަންދެއެވެ.

ރިޕޯޓްގައި ދެން ފާހަގަ ކޮށްފައިވަނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން ނިންމާފައިވާ ނިންމުމެވެ. ފައިރޫޝް މަގާމުން ވަކިކުރަން އޭރު ނިންމާފައިވެއެވެ. 2017 ވަނަ އަހަރު ފައިރޫޝް ފުލުހުންގެ ވަޒީފާއިން ވަކިކުރީ ސަރުކާރާ މެދު ނުބައި ތަސައްވުރެއް އުފެދޭ ގޮތަށް ވާހަކަތައް ދައްކާފައިވާތީ ކަމަށް ބުނެއެވެ.

ކޮމިޓީ ރިޕޯޓްގައި ފާހަގަ ކޮށްފައި ނެތް ނަމަވެސް އެމްޑީޕީގެ ބައެއް މެންބަރުންގެ ފާޑުކިއުން އަބަދުވެސް ފައިރޫޝްއަށް އަމާޒުވާ ސަބަބަކީ އެ ޕާޓީގެ ފުރަތަމަ ސަރުކާރުގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ނިމުމަމަށް އައި ދުވަހު ފައިރޫޝް އަމަލު ކުރެއްވި ގޮތަށެވެ. އެއީ އޭރުގެ ޕޮލިސް ކޮމިޝަނަރު އަހްމަދު ފަސީހް ފުލުހުންނަށް ކޮމާންޑް ކުރަން ދެކޮޅު ހެއްދެވި ހިސާބުން ފައިރޫޝް ނުކުމެވަޑައިގެން ފުލުހުންނަށް ކޮމާންޑް ދެއްވަން ފެއްޓެވުމުންނެވެ.

ރައީސް ނަޝީދުގެ ވެރިކަން ފެބްރުއަރީ 7، 2012 ގައި ނިމުމަކަށް އައީ އޭރު އިދިކޮޅު ފަރާތްތަކުން ކުރަމުން ދިޔަ މުޒާހަރާގައި ފުލުހުންނާއި ސިފައިންގެ ބަޔަކު ވެސް ބައިވެރިވެ ހިނގައިދިޔަ ހަމަނުޖެހުންތަކަކަށް ފަހު ރައީސްގެ މަގާމުން ނަޝީދު އިސްތިއުފާ ދެއްވުމުންނެވެ. އެއީ "ބަޣާވާތެއް" ކަމަށް ނަޝީދު ތުހުމަތު ކުރެއްވިޔަސް، އެމަނިކުފާނު ވެސް ބޭނުންފުޅުވާ ގޮތަށް އެކުލަވާލި ރިޔާސީ ކޮމިޝަންގެ ކޯނީ ރިޕޯޓްގައި ވަނީ އިސްތިއުފާ ދެއްވީ އެއްވެސް މަޖުބޫރު ކަމެއް ނެތިއެވެ.

ފައިރޫޝްއަށް އެމްޑީޕީގެ ބައެއް ބޭފުޅުން، ޚާއްސަކޮށް ނަޝީދުގެ އަރިސް ބޭފުޅުން ފާޑުވިދާޅުވާއިރު އޭނާއަށް ފުލުހުންގެ ވަޒީފާ އަލުން އަނބުރާ ދިނުމަށް ސިވިލް ކޯޓުން ހުކުމް ކުރި ފަހުން، އޭނާއަށް އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމު ވެސް ހަވާލު ކުރެއްވީ ރައީސް ސޯލިހްއެވެ.

ރައީސް ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން، ފައިރޫޝްއަށް އަލުން ފުލުހުންގެ ވަޒީފާ ދިނުމަށް ސިވިލް ކޯޓުގެ ޑިސްޕިއުޓް ރިޒޮލޫޝަން ޑިވިޝަނުން ހުކުމްކުރިއެވެ. އެއީ އޭނާ އަށް ވަޒީފާ ދޭން ދައުލަތުން އެއްބަސްވުމުންނެވެ. މި ހުކުމާ އެކީ ފައިރޫޝް ފުލުހުންގެ ވަޒީފާއަށް އަލުން ނުކުމެވަޑައިގަންނަވަން ފެއްޓެވީ ޑިސެމްބަރު 2018 ގައެވެ. އަދި ޖެނުއަރީ 2019 ގައި އޭނާ އެސިސްޓެންޓް ކޮމިޝާނަރުގެ މަގާމަށް އައްޔަން ކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހައްޕުނޑު

    ތިބުނާ މައްސަލަތަކެއް އޮއްވަ ނޫންތޯ މިސަރުކާރުން ފައިރޫޝަށް ވަޒީފާ ދިނީ. ދެން މިހާރު ކީކޭބާ މިކިޔަނީ. ހެދޭ ނުހެދޭވެސް ނޭނގޭވަރުގެ މޮޔަ ބައެއްތޯ މަޖިލިސްގައި މިތިބެނީ.؟ މައްސަލައެއްގެ ސިފައިގަ އެއްވެސް ތަނަކަށް ތީންކަމެއް ހުށަހަޅާފަވެސް ނެތްއިރު ދެން ކޮންވާހަކައެއްތޯ މިދައްކަނީ. ޖޭވަނީދޯ.

  2. އަބްދޫ

    ތިޔައީ މަޖިލީހުގެ އިހްތިސާސްތެރޭ ހިމެނޭކަމެއްތަ؟މީހަކު ވަޒީފާ ދޫކޮށްލުމާއި ވަޒިފާގަ ހުރުމާއި ވަޒީފައިން ޜިޓަޔަރ ކުރުމާއި މިކަނަކމަކީ ގާނޫނީގޮތުން އެ މީހާ ވަޒީފާއަދާކުރާ މުވައްސަސާއަކަށް ލިބިފައިވާ ހައްގެއް. އެއަކަށް ފާޑެއްނުކިޔޭނެ. ދަވްލަތގެ ވަޒީފާއަދާކުރާމީހަކާމެދު އަމަލުކުރަންޖެހޭގޮތަކާއި އެމީހެއްގެ ހިދުމަތް ދަވްލަތަށް ބޭނުންނުވާކަންނުވަތަ އެމީހަކު ދޫކޮށްލަންބޭނުންވާކަން ކަނޑައަޅާނީ އެ މުވައްސަސާއަކުންނާއި ރައީސުލްޖުމްހޫރިއްޔާ. އެއީ މަޖިލީހަކާއި ބެހޭކަމެއްނޫން. ދަލުންބޭރުންޖެހިގެން މަޖިލީހުން ފާސްކުރަކުރުމަކަށް ގާނޫނީ ހައިސިއްޔަތެއް ލިބިގެންނުވޭ.

  3. ލޮލް

    ހޮރު ހޮރުން ޑރ. ނުކުންނަ ދުވަސްވަރުތަ މިއީ؟