ށ. ފުނަދޫން އެކިއެކި ހިދުމަތްތައް ލިބޭ ގޮތަށް ތަރައްގީގެ މަރުކަޒެއްގެ ގޮތުގައި އެ ރަށް ތަރައްގީ ކުރުމަކީ ސަރުކާރުގެ ވިސްނުމެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެއެވެ.

ފުނަދޫ ކައުންސިލާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމެޓީއާ ބައްދަލުކުރައްވައި ވާހަކަ ފުޅުދައްކަވަމުން ރައީސް ވިދާޅުވީ ފުނަދޫގައި އެއާޕޯޓާއި ބަނދަރާއި ހޮސްޕިޓަލާއި ސްކޫލްފަދަ ތަންތަނުގެ ޚިދުމަތްތައް ފުޅާކުރެވިގެންދާނީ ށ. އަތޮޅުގެ ތަރައްގީގެ މަރުކަޒުގެ ގޮތުގައި ކަމަށެވެ.

މި ބައްދަލުކުރެއްވުމުގައި ފުނަދޫ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ރަށް ގިރުމާއި ގެދޮރުގެ ދަތިކަމާއި އެއާޕޯޓަށް ދާ މަގު ރަނގަޅު ފެންވަރަކަށް ހެދުމާއި ، ފަރުކޮޅާ ގުޅިގެން ހުރި ކަންބޮޑުވުންތަކާއި އަދި ހޮސްޕިޓަލުގެ ބޭނުމަށް ކޮވިޑާގުޅިގެން ނަގާފައިވާ ބައެއް އިމާރާތްތައް އަލުން ބޭނުންކުރެވޭގޮތް ވުމާއި އަދި މި ނޫންވެސް ރަށުގެ އިޖްތިމާއީ އިގްތިސާދީ ތަރައްގީ އަށް މުހިންމު ކަންކަމާ ޒުވާނުންނާއި ރަށުގެ ރައްޔިތުންގެ ކަންބޮޑުވުން ހުރި މުހިންމު މައްސަލަތައް ހިމެނެއެވެ.

ފަރުކޮޅާ ގުޅޭގޮތުން ކައުންސިލުން ފާހަގަކުރެއްވި ކަންބޮޑުވުންތަކަށް ޖަވާބުދެއްވަމުން ރައީސް ވަނީ އެރަށަކީ ރަށު ކައުންސިލުގެ އިހްތިޞާސްގެ ތެރޭގައި މިހާރުވެސް ހިމެނޭ ރަށެއްކަން ފާހަގަކުރައްވައިފައެވެ.

މީގެ އިތުރުން ރައީސް ވަނީ ކޮވިޑްގެ ބަލިމަޑުކަމާހުރެ ވަރަށް ގިނަ ރަށްތަކެއްގައި ކުރިޔަށްގެންދިޔަ ޕްރޮޖެކްޓްތައް މަޑުޖައްސާލަން ނުވަތަ ފަސްކޮށްލަން ޖެހުނު ނަމަވެސް މިހާރު ރާއްޖޭގެ އިގްތިސާދީ ޙާލަތު އަލުން ރަނގަޅުވާން ފަށާފައިވާތީ ޕްރޮޖެކްޓްތައް އަލުން ފަށައިގަނެވޭ ގޮތްވެފައިވާކަން ފާހަގަކުރައްވައިފައެވެ. އަދި ފުނަދޫ ކައުންސިލުން ފާހަގަކުރެއްވި ގެދޮރުގެ ދަތިކަމާއި ރަށްގިރުންފަދަ ރައްޔިތުންނަށް މުހިންމު މައްސަލަތަކަށް ސަރުކާރުގެ އިދާރާތަކާއި މަޝްވަރާކުރައްވައިގެން ޙައްލު ހޯދައިދެއްވުމަށް މަސައްކަތްކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ފުނަދޫ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމެޓީން ވަނީ ރައްޔިތުންގެ ލާބައާ މަންފާއަށް އެ ކޮމެޓީން ކުރިޔަށްގެންދަން ބޭނުންވާ ތަމްރީނުތައް ފަދަ ކަންކަން ކުރިޔަށްގެންދިއުމަށް އަންހެނުންގެ މަރުކަޒެއް ހުރުމުގެ މުހިންމުކަން ފާހަގަ ކުރައްވައިފައެވެ.

ފުނަދޫ ކައުންސިލާ، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުންނާއެކު ބޭއްވެވި މި ބައްދަލުކުރެއްވުމަށްފަހު ރައީސް ވަނީ ށ. އަތޮޅު ހޮސްޕިޓަލަށް ޒިޔާރަތްކުރައްވައި އެތަނުގެ ޙާލަތު ބައްލަވައިލައްވައިފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބަރުލަމާނީ

    މިހާރު މިކުރާކަމަކީ ބަރުލަމާނީ ނިޒާމަށް ވޯޓުލުމަށް ރައްޔިތުން ގުނބޯހެއްދުން. ދެންތިބެ ކައުންސިލްތަކާ އަންހެނުނގެ ތަރައްގީއާށް މަސައްކަތް ކުރާ ކޮމިޓީތައް ބޮޑުމުސާރަ ލިބޭނެ ކަމުގެ ހުވަފެން ބަލަން. ދެން ކޮނޑުހުޅުން ނެއްޓެނެދެން ބާރަށް އަތްޖަހަގަ.

  2. އިބްރާހިމް

    މި ސަރުކާރުން ދ. ކުޑަހުވަދޫ ވިޔަފާރި މަރުކަޒު ތަރައްޤީކުރިގޮތަށް