ޕީޕީއެމްގެ މެޖޯރިޓީ އޮތް އަށާރަ ވަނަ ރައްޔިތުންގެ މަޖިލީހުގައި މައިނޯރިޓީ އެމްޑީޕީން އިހްތިޖާޖް ކުރިއަށް ގެންދިޔަ ގޮތަށް މިހާރު އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީން އިހްތިޖާޖް ނުކުރާނެ ކަމަށް ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ހުޅުމާލޭ ޖަލުގައި ހުރި ގައިދީއަކު ރޭ ކުއްލި ގޮތަކަށް ނިޔާވުމާ ގުޅިގެން އާއިލާ އިން ކުރާ ތުހުމަތުތައް ބެލުމަށް ގޮވާލައި އިދިކޮޅު ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ކުއްލި މައްސަލައެއް މިއަދުގެ ޖަލްސާއަށް ހުށަހަޅުއްވައިފައެވެ.

މި ބަހުސްގައި މާވަށު ދާއިރާ ތަމްސީލް ކުރައްވާ މެންބަރު ސައީދު ވިދާޅުވީ މައްސަލައެއް ހިނގުމުން ތަހުގީގު ކުރަން ގޮވާލައި ކުއްލި މައްސަލައެއް މަޖިލީހަށް ގެނައުމުން އެއީ ސިޔާސީ ބޭނުމަށް ކުރާ ކަމެއް ކަމަށް އެމްޑީޕީ ބައެއް މެންބަރުން ވިދާޅުވާތީ ހިތާމަ ކުރައްވާ ކަމަށެވެ.

ސައީދު ދެން އިޝާރާތް ކުރެއްވީ އެމްޑީޕީގެ މެންބަރުން ކުރީގެ މަޖިލީހުގައި އިހްތިޖާޖް ކުރި ގޮތަށެވެ. ރިޔާސަތަށް ހުރަސް އެޅުމާއި، މަޖިލީހުގެ ވަސީލަތްތަކަށް ގެއްލުން ދިނުމާއި، މޭޒުތަކުގެ މައްޗަށް އެރުމާއި މިފަދަ އެތައް ކަމެއް އޭރު ކުރި ކަމަށް އޭނާ ވިދާޅުވިއެވެ.

"އެމްޑީޕީން އިހްތިޖާޖް ކުރި ހެނެއް ޕީޕީއެމް ޕީއެންސީން އިހްތިޖާޖެއް ނުކުރާނަން. ރިޔާސަތުގެ ބޮލަކަށް ނާރާނަން. މި ތަނުގައި ހައިޖާނެއް ނުއުފައްދާނަން. މި ތަނުގެ ތަކެއްޗަށް ގެއްލުމެއް ނުދޭނަން." ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ މި ސަރުކާރުން އަނިޔާވެރި ނުވާނެ ކަމަށް ބުނަމުން ދިޔަ ނަމަވެސް އެކި ގޮތްގޮތުން ރައްޔިތުންނަށް އަނިޔާ ލިބިފައިވާ ކަމަށެވެ. މި ގޮތުން ގައުމު ދަރާ ވިކިގެން ގޮސްފައިވާ ކަމަށާއި، ރައްޔިތުންގެ މާލީ ހާލަތު ގޯހުން ގޯހަށް ދިޔަ ކަމާއި، ދީނަށް ފުރައްސާރަ ކުރުން އާންމު އިޖްތިމާއީ ފޭރާން ހަލާކުވެގެން ގޮސްފައިވާ ކަމަށް ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ، މިފަދަ އެތައް މައްސަލައެއް ހިނގުމުން ޕީޕީއެމްއާއި ޕީއެންސީން އިހްތިޖާޖް ކުރާނީ އެ މައްސަލަ ގެނެސް އިލްމީ ބަހުސެއް ކުރުމަށް ކަމަށެވެ. އޭނާ ގަބޫލު ކުރައްވާ ގޮތުގައި އިހްތިޖާޖް ކުރުމުގެ ރިވެތި ސިފައަކީ އެއީ ކަމުގައި ވިދާޅުވިއެވެ.

"ޕީޕީއެމް ޕީއެންސީން ހިންގާނީ ތަހުޒީބު އިހްތިޖާޖެއް،" ސައީދު ވިދާޅުވިއެވެ.

ޖަލުގައި މީހަކު ނިޔާވެގެން ދިޔައިރު އޭނާ ނިޔާވި ކަން އާއިލާއަށް ކަރެކްޝަންސް އިން އަންގާފައި ނެތްއިރު، އާއިލާއަށް އެ ކަން އެނގިގެން ދިޔައީ އާއިލާގެ މީހަކު ހޮސްޕިޓަލްގައި ހުއްޓައި އެ މީހަކު ހޮސްޕިޓަލަށް ގެންދިއުމުންނެވެ. މި ކަމަކީ ސީރިއަސް ކަމަކަށް ވާތީ މި މައްސަލަ ބަލަން އިދިކޮޅުން ގޮވާލަމުންދާނެ ކަމަށް ސައީދު ވިދާޅުވިއެވެ.