ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫގެ ވެރިކަމުގައި ހިންގާފައިވާ ކަމަށް ބުނާ ކޮރަޕްޝަނުގެ މައްސަލައަކާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަނުން އެމަނިކުފާނާ ސުވާލު ކުރަން މަސައްކަތް ކުރި ކަމަށް އެމަނިކުފާނުގެ ވަކީލު ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.

ޝަމީމު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ 2007 ވަނަ އަހަރު ރައީސް މައުމޫނު ހިންގާފައި ކޮރަޕްޝަނުގެ މައްސަލައަކާ ގުޅިގެން ކަމަށް ބުނެ އޭސީސީ އިން އެމަނިކުފާނާ ސުވާލު ކުރަން މަސައްކަތް ކުރި ކަމަށެވެ.

އަދި ވަކީލެއްގެ ހާޒިރުގައި ސުވާލުތަކަށް ޖަވާބުދާރީވުމުގެ ހައްގު އެމަނިކުފާނަށް ލިބިވަޑައިގެންފައިވާކަން ޝަމީމު ފާހަގަ ކުރެއްވިއެވެ. އަދި އޭސީސީގެ ބޭފުޅުމް ކްރިމިނަލް ޕްރޮސީޖާ ކޯޑް ނުކިޔާ ކަމަށް ބުނެ ޝަމީމު ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

މީގެ ކުރިން ވެސް ރައީސް މައުމޫނު ވެރިކަމުގައި ހުންނެވި އިރު ކޮރަޕްޝަން މައްސަލައެއް ހިންގެވި ކަމަށް ތުހުމަތުކޮށް އެމަނިކުފާނުގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫނާ ވެސް ފުލުހުން ސުވާލު ކުރި އެވެ. އެއީ ފާރިސް ދައުލަތުން ކޮށްފައިވާ ހަރަދެއް ނުދައްކާ ކަމަށް ތުހުމަތުކުރުވުމުން ބެލި މައްސަލައެކެވެ.

ވެރިކަން ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި މިހާރު މައުމޫން ހުންނެވީ ދޫނިދޫގައި ބަންދުކޮށްފައެވެ.