ހުޅުމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ، "ފިޔަވަތި" ގައި އުފެދިފައިވާ މައްސަލަތަކާ ގުޅިގެން އެންމެ ފަހުން ކުށްވެރިވީ މާލެ ސިޓީ ކައުންސިލްގެ ހުޅުމާލެ ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލިހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ސަރުކާރަށް ޖޯކު ޖައްސަވައިފިއެވެ.

ޝިޔާމް އެގޮތަށް ވިދާޅުވީ ފިޔަވަތީގައި ކުޑަކުދިންތަކެއް ހަމަނުޖެހުން ހިންގި އިރު، އެތަނުގެ އެތެރޭގައި ޝުޖާއު ހަރަކާތްތެރިވެ ވަޑައިގެންނެވި މައްސަލަ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ހުށަހަޅަން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ނިންމާފައި ވަނިކޮށެވެ.

ޝިޔާމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފިޔަވަތީގައި އަލިފާން ރޯވެ އެތައް ކަމެއް ހިނގައި ދިޔަ އިރު ޒިންމާ އުފުއްލަވަން ތިއްބެވި އެއްވެސް ބޭފުޅަކު އެތައް ގަޑިއިރެއްވީ އިރު ވެސް ހިލަމެއް ނުވެގެން ހުޅުމާލެ ރައްޔިތުންގެ މަންދޫބު ކަންބޮޑުވެވަޑައިގެން އެތަނުގެ ހާލަތު ބައްލަވަން ވަޑައިގަތުމުން ކުށްވެރިމިވީ ޝުޖާއު ކަމަށެވެ.

"މިއީ ވާ ސަރުކާރެއް،" އިދިކޮޅު އެންމެ ބޮޑު ޕާޓީ ޕީޕީއެމްގެ ނައިބު ރައީސް ކަން ވެސް ކުރައްވާ ޝިޔާމް ވިދާޅުވިއެވެ.

މިދިޔަ ހުކުރު ދުވަހުގެރޭ އެތަނުގައި ބައިތިއްބާފައި ތިބި ކުދިންތަކެއް ވަނީ ފުރާޅުމައްޗަށް އަރައި އަޑުގަދަކޮށް ތަނުގައި ރޯވެސް ކޮށްލާފައެވެ. އެ މަންޒަރުތައް ބަލަން ގިނަ ބަޔަކު ފިޔަވަތި ކައިރިއަށް ޖަމާވިއެވެ. އެ ކުދިންގެ ފަރާތުން އަޑު އިވޭ ގޮތުން ނަމަ، އެ ތަނުގެ މުވައްޒަފުން އެ ކުދިންނަށް އަނިޔާ ކުރަނީއެވެ. ނަމަވެސް އެކަން ޖެންޑަ މިނިސްޓްރީން ވަނީ ދޮގުކޮށްފައެވެ.

މި މައްސަލަގަނޑު ދިމާވުމާ ގުޅިގެން ޖެންޑަ މިނިސްޓްރީން ބުނީ ވޭދުވެދިޔަ ތިން ދުވަހު އެމަރުކަޒުގައި ބައެއްކުދިންގެ ފަރާތުންފެންނަ ކަންތަކާ ގުޅިގެން ޖެންޑަ މިނިސްޓްރީ އާއި ފެމެލީ އެންޑް ސޯޝަލް ސާވިސަސް އާއި ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސްގެ ޓީމެއް ގުޅިގެން މަސައްކަތްތަކެއް ފަށާފައިވާ ކަމަށެވެ.

ޖެންޑަރ މިނިސްޓްރީން ބުނެފައިވަނީ އެތަނުގައި މިހާރު ހިނގަމުންދާ ކަންތައްތައް ހިނގަން މެދުވެރިވާ ސަބަބުތައް ހޯދާ އެކަންކަމާމެދު އާންމު ރައްޔިތުންގެ ކަންބޮޑުވުން އޮންނާނެކަން ގަބޫލު ކުރާ ކަމަށެވެ. ނަމަވެސް ހާދިސާގައި ހިމެނޭ ކުދިންގެ ފޮޓޯ ނެގުމާއި ވީޑިއޯ ކުރުމާއި މީހުން އެއްވެ ކުދީން ކުރާ ކަންކަން ބަލަން ތިބުމަކީ ކުދިން އިތުރަށް "ޓްރިގާ" ވާނެ ކަމެއް ކަަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ފިޔަވަތީގައި ހިނގާދިޔަ ހާދިސާއާއި ގުޅިގެން ނައިބު ރައީސް ފައިސަލް ވެސް ވަނީ އެ ތަނަށް ޒިޔާރަތް ކުރައްވައިފައެވެ.