މާލޭ ރަސްފަންނަށް ލީކްވެފައިވާ ތެޔޮތައް އެއްކޮށް ސާފު ނުކުރެވޭ ކަމަށް އެންވަޔަރަންމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނެފިއެވެ.

ރަސްފަންނަށް ތެޔޮ ޖަމާވުމާ ގުޅިގެން އެސަރައްދު ބަންދު ކުރީ މިދިޔަ ބުރާސްފަތި ދުވަހުގެ ހަވީރުއެވެ. އެވަގުތު މޫދަށް އެރި ތިބި މީހުން ބާލުވައި، ފުލުހުންނާއި ސިފައިން ވަނީ އެއްގަމާއި މޫދު ބަލައި ފާސްކޮށްފަ އެވެ. އަދި ސިފައިން ވަނީ އެ ސަރަހައްދުން ތެޔޮތައް ނެގުމުގެ މަސައްކަތް ފަށައިފައެވެ.

އެސަރަހައްދަށް ތެޔޮ އެޅުނު ގޮތާއި ބެހޭ ގޮތުން އީޕީއޭގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނައީމް، ވިދާޅުވީ، އާއްމުކޮށް އެކަހަލަ ހާދިސާތައް ހިނގަނީ ބަޔަކު މީހުންގެ ފަރުވާ ކުޑަކަމުން ކަމަށާއި ބައެއް ފަހަރު ގަސްތުގައި ކުރާ ކަންކަމުން ވެސް އެކަހަލަ ހާދިސާތައް ހިނގާ ކަމަށެވެ.

އެސަރަހައްދު އެއްކޮށް ސާފުވެފަވޭތޯ މިނޫހުން ސުވާލު ކުރެއްވުމުން ނައީމް ވިދާޅުވީ، އެ ސަރަހައްދު އެއްކޮށް ސާފު ނުކުރެވޭ ކަމަށާއި ބައެއް ތަންތަނުގައި ތެލުގެ އަސަރު ހުންނާނެ ކަމަށެވެ. އެހެން ކަމުން އަދި ރަސްފަންނު ހުޅުވޭނެ ސީދާ ތާރީއެއް ނޭނގޭ ކަމަށް ނައީމް ވިދާޅުވިއެވެ.

"އެއްކޮށް ތެޔޮ ސާފު ނުވޭ. ހުޅުވޭނީ އެތަނުން ތެޔޮ ފިލީމަ" ނައީމް ވިދާޅުވިއެވެ.

ރަސްފަންނު މޫދަށް ތެޔޮ އެޅުނު ގޮތާއި ގުޅޭ ގޮތުން މީގެ ކުރިން މާލެ ސިޓީ ކައުންސިލުން ވިދާޅުވީ، އެތަނަށް ތެޔޮ އެޅިފައި ހުރީ ރަސްފަންނު ނެރުމައްޗަށް ލައްވި ކަޅު ތެޔޮ ފީފީއަކުން ކަމަށެވެ.