ހަރުކަށި ނިރުބަވެރި ޖަމާއަތެއް ކަމުގައިވާ އައިއެސް ޖަމާއަތުގެ ރާއްޖޭގެ ލީޑަރު ކަމަށް ތުހުމަތު ކުރާ، ޏ. ފުވައްމުލައް، މާދަޑު، ކަރިއްޔާވިލާ، މުހައްމަދު އަމީން މާލެ އިން ފުރުން މަނާކޮށް، އޭނާ ބެލެހެއްޓުމަށް މޮނިކޮން އަމުރެއް ހައިކޯޓުން ނެރެފިއެވެ.

އަމީންގެ މައްޗަށް ނެރިފައިވާ މޮނިކޮން އަމުރުގައި ބުނެފައިވާ ގޮތުގައި އޭނާއަށް ހެނދުނު ހަޔަކުން ހަވީރު ހަޔަކަށް ގެއިން ބޭރަށް ނުކުތުން މަނާވާނެއެވެ. އަދި އެ އަމުރުގައި ވާ ގޮތުން އޭނާއަށް ފުލުހުންގެ ހުއްދަނެތި މާލެއިން ބޭރަކަށް ނުދެވޭނެއެވެ.

އަމީންގެ މައްޗަށް މޮނިކޮން އަމުރެއް ނެރެފައި މިވަނީ އޭނާގެ މައްޗަށް ކްރިމިނަލް ކޯޓުގައި ދައުލަތުން އުފުލާފައިވާ ދައުވާތައް ހައިކޯޓުން މިމަހުގެ 16 ވަނަ ދުވަހު ބާތިލް ކުރުމަށް ފަހުއެވެ.

މޮނިކޮން އަމުރަކީ ދިވެހިރާއްޖޭގެ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައި ކަނޑައަޅާފައިވާ ކުށް ކުރާކަމަށް ތުހުމަތު ކުރެވޭ މީހުންގެ ތެރެއިން، އެކަށީގެންވާ ތުހުމަތެއްގެ މައްޗަށް ބިނާކޮށް، މުޖުތަމައުއަށް ނުރައްކަލެއް ކުރިމަތިކޮށްފާނެ ކަމަށް ހޯމް މިނިސްޓަރަށް ފެންނަ މީހުން "މޮނިޓަރކޮށް ކޮންޓްރޯލްކުރުމަށް" ކޯޓުން ނެރޭ އަމުރެކެވެ.

އަމީންގެ މައްޗަށް އުފުލާފައިވާ ދައުވާތައް ހައިކޯޓުން ބާތިލް ކުރުމުން ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ވަނީ ސްޕްރީމް ކޯޓުގައި އެ މައްސަލަ އިސްތިއުނާފު ކޮށްފައެވެ.

ޕްރޮސެކިއުޓަރ ޖެނެރަލް ވިދާޅުވާ ގޮތުގައި ހައިކޯޓުގެ ނިންމެވުމުގައި ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ 26 ވަނަ މާއްދާގެ (ފ) މާނަކޮށްދީފައިވަނީ ރަނގަޅަކަށް ނޫނެވެ. ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ތަޙުޤީޤު ކުރުމާއި ދަޢުވާކުރުމުގެ ޚާއްޞަ މުއްދަތުތަކަށް ހައިކޯޓުގެ ނިންމުމުގައި ރިޢާޔަތްކޮށްފައިނުވާ ކަމަށް ވެސް ޕްރޮސެކިއުޓަރ ޖެނެރަލް ވިދާޅުވެއެވެ.

މީގެ އިތުރުން އެ ހައި ކޯޓުގެ ނިންމުމުގެ ސަބަބުން ޓެރަރިޒަމްގެ ކުށްތައް ތަޙުޤީޤުކުރުމާއި ދަޢުވާކުރުމުގެ ޚާއްޞަ މުއްދަތުތަކެއް ޤާނުނުގައި ކަނޑައެޅުމުގެ މަޤްޞަދު ގެއްލިދާނެ ކަމަށް ވެސް ޕްރޮސެކިއުޓަރ ޖެނެރަލް ވިދާޅުވެފައި ވެއެވެ.

އަމީނަކީ 2007 ވަނަ އަހަރު ސަލްޓަން ޕާކުގައި ބޮން ގޮއްވި މައްސަލާގައި ތުހުމަތު ކުރެވުނު މީހެކެވެ. މައްސަލާގައި ހައްޔަރު ކުރަން އުޅުމުން އަމީން ވަނީ ފިލައިގެން ލަންކާއަށް ގޮސްފަ އެވެ. އަދި އޭނާ ހޯދަން އިންޓަޕޯލް ރެޑް ނޯޓިސް ވެސް އޭރު ނެރުނެވެ. ލަންކާއިން ހައްޔަރުކޮށް މާލެ ގެނެސް ދެ މަސް ވަންދެން ބަންދުގައި ބެހެއްޓުމަށްފަހު 2012 ވަނަ އަހަރު އޭނާ ދޫކޮށްލީ އެވެ.

އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޓްރެޝަރީގެ އޮފީސް އޮފް ފޮރިން އެސެޓްސް ކޮންޓްރޯލް (އޯއެފްއޭސީ) އިން އެކުލަވާލި ޓެރަރިސްޓުންގެ ލިސްޓުގައި ވެސް އަމީން ވަނީ ހިމަނައިފައެވެ. އޭނާއަކީ އެ ލިސްޓުގައި ހިމެނި ފުރަތަމަ ދިވެއްސެވެ

އަފްޣާނިސްތާން އަދި ޕާކިސްތާނުގައި އައިއެސް އިން ހިންގަމުން އަންނަ ގޮތްޕަށް އެކި ގޮތްގޮތުން އަމީން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް އެމެރިކާ އިން ތުހުމަތު ކުރެއެވެ. އެގޮތުން ފައިސާގެ އެހީތެރިކަމާއި، މުދަލާއި، ޓެކްނޮލޮޖީގެ ދާއިރާއިންވެސް އަމީން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ތުހުމަތު ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ގުލްޝަން ކިނާރާ

    މީހުންމަރާ މީހުންނާ، ރޭޕިސްޓުންނާ، މަސްތުވާތަކެތި ބޭނުންކުރާ މީހުންނާ، ރިބާކާ މީހުންނާ، ބޮޑެތި މަގާމުގަތިބެ ފާޅުގަ ލާރިކާމީހުންނާ، ﷲއާ ރަސޫލާ ސއވ އަށް ހަޖޫޖަހާ ލާދީނީ ހަރުކަށިފިކުރުގެ މީހުންނަށް މިވަރަށްވެސް އަދަބު ދޭނަމަ ކިހާރަނގަޅު.

    1
    1