އައިއެސް ޖަމާއަތުގެ ފަރާތުން ރާއްޖޭގައި ހަރަކާތްތެރިވާ އެންމެ އިސް މީހާ ކަމަށް ތުހުމުހަތު ކުރާ މުހައްމަދު އަމީން ބަންދުން ދޫކޮށްނުލެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.

އަމީންގެ ބަންދު މުރާޖާކުރުމަށް އޭނާގެ ފަރާތުން ވަނީ ހުށަހަޅާފައެވެ. އެހެންވެ، މި މައްސަލައިގާ މިއަދު ކްރިމިނަލް ކޯޓުގައި އޮތް ޝަރީއަތުގެ އަޑުއެހުމުގައި ވަނީ ބަންދާ ގުޅޭ ގޮތުން ވާހަކަދައްކާ ގޮތްތަކެއް ނިންމާފައެވެ.

މިގޮތުން އަމީންގެ ދިފާއީ ވަކީލް ވިދާޅުވެފައި ވަނީ އަމީން ބާއްވާފައި އޮންނަނީ އެކަހެރިކޮށްގެން ކަމަށާއި ދައުލަތުން އޭނާއާ މެދު ތަފާތު ކުރުންތައް ގެންގުޅޭ ކަމަށެވެ. އަދި މުޖުތަމައަށް އޭނާގެ ފަރާތުން ނުރައްކާވާ ކަމަށް ދައުލަތުން ބުނާއިރު އެކަމުގެ ހެއްކެއްވެސް ދައުލަތުން ކޯޓަށް ހުށަހަޅާފައިނުވާ ކަމަށް ދިފާއުން ވަނީ ހާމަކޮށްފައެވެ.

މޮނިކޮމް އަމުރެއްގެ ދަށުން ޓެގު އަޅުވާފައި ނަމަވެސް އޭނާ ދޫކޮށްލުމަށް އަމީން ވަނީ އެދިފައެވެ. އެކަމަކު ދައުލަތުން ވަނީ އެކަމަށް އިންކާރުކޮށްފައެވެ.

އެގޮތުން އަމީންގެ މައްޗަށް ދައުވާ އުފުލާފައި ވަނީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ކަމަށާއި އެފަދަ މައްސަލަތަކުގައި ބަންދު މުރާޖާ ކުރަން ހުށަހެޅޭނީ ހަމައެކަނި ޕްރޮސެކިއުޓާ ޖެނެރަލަށް ކަން ދައުލަތުން ވަނީ ފާހަގަކޮށްފައެވެ.

ގާނޫނުލްއުގޫބާތުގައި ބަންދުގައި ހުންނަ މީހެއްގެ ބަންދު ކޮންމެ 30 ދުވަހަކުން މުރާޖައާ ކުރަން ޖެހޭނެއެވެ. އެހެންނަމަވެސް މި މައްސަލައިގާ އެގޮތަށް އަމަލުނުކުރެވޭނެ ކަމަށް ދައުލަތުން މިއަދު ވަނީ ފާހަގަކޮށްފައެވެ. އެހެންވެ އަމީން ބަންދު މުރާޖާ ކުރުމަށް ހުށަހެޅުމުގެ ފުރުސަތު ދިފާއަށް ލިބިގެން ނުވާ ކަމަށް ވެސް ދައުލަތުން ވަނީ ފާހަގަކޮށްފައެވެ.

ޝަރީއަތުން ދެ ފަރާތުގެ ވާހަކައަށް ރިއާޔަތް ކުރުމުގައި ނިންމާފައިވަނީ އަމީންގެ ބަންދު މުރާޖާކުރަން އެދުމުގެ ފުރުސަތު ދިފާއަށް ލިބިގެންނުވާ ކަމަށެވެ. އެހެންވެ އޭނާ ބަންދުން ދޫކޮށްނުލެވޭނެ ކަމަށެވެ.